ފުލުހުންގެ ބިލުން ފެންނަނީ ޒާތީ ހަސަދަ ފިލުވުމާއި ބަދަލު ހިފުމުގެ ރޫހު: މެންބަރު ޝިޔާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ބިލުން ފެންނަނީ ޒާތީ ހަސަދަ ފިލުވުމާއި ބަދަލު ހިފުމުގެ ރޫހުކަމަށް ނަފައިރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. މެމްބަރު ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ބިލް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ބިލް ދިރާސާކުރުމުގައި 47 މުއައްސަސާ އެއްގެ ހިޔާލު ހޯއްދެވިކަމަށް ކޮމެޓީގެ ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް އެއިން އެއްވެސް ޚިޔާލެއް ބިލުގައި ހިމަނައިފައި ނުވާކަމަށް މެންބަރު ޝިޔާމު ވިދާޅުވިއެވެ. ބިލުގައި ފުލުހުންގެ ހުވަޔަށް އިސްލާމްދީނުގެ ވާހަކަ ވެއްދެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްކަން މެންބަރު ޝިޔާމް ފާހަގަ ކުރެއްވިއެވެ. ބިލް ހުށަހެޅި އިރު ފުލުހުންގެ ހުވާގައި އިސްލާމްދީނުގެ ވާހަކައެއް ނެތެވެ.

ސަލާމަތީ ޚިދުމަތްތަކަށް ޒާތީ ހަސަދަ ފިލުވާލުމަށްޓަކައި، އިސްލާހުތަކެއް ގާނޫނެއްގެ ސިފައިގައިވިއަސް ގެންނަން ހެޔޮ ނުވާނެކަމަށް މެންބަރު ޝިޔާމް ވިދާޅުވިއެވެ. ފުލުހުންގެ ބިލަށް ހުށަހަޅައިފައިވާ އިސްލާހުތަކުން ފުލުހުންނަށް އިނާޔަތްތައް ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ. ބިލުގައި ޕޮލިސް ބޯރޑް އެކުލަވާލަންޖެހޭ ގޮތަށްވެސް މެމްބަރު ޝިޔާމްވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި އެހެން އޮފިސަރުން މަޤާމުން ވަކިވާ އިސްލާހަށްވެސް މެންބަރު ޝިޔާމް ވަނީ ފާޑު ވިދާޅުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.