މިއަދުގެ ކޮލަމް ޚާއްޞަމިކޮށްލަނީ ތަޢުލީމީ ދާއިރާގެ ފަހުގެ ލިޔުންތަކުގައި ވަރަށްބޮޑަށް ބަހުސްކުރެވޭ މައުޟޫޢަކާ ގުޅޭ ގޮތުންނެވެ. ޚާއްޞަކޮށް ދަރިވަރުންނަށް އުނގަންނައިދެވޭ އެއްޗަކީ ވިސިބަލް ނުވަތަ ފާޅުކޮށް ފެންނަ އެއްޗަކަށް ހެދުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ މިކަމަށް އިޝާރާތްކޮށް ބޭނުންކުރެވޭ ކޮންސެޕްޓަކީ ވިސިބަލް ލާރނިން ނުވަތަ ހާމަވަނިވި އުނގެނުމެވެ. މިއީ އޮސްޓްރޭލިއާގެ މެލްބޮރން ޔުނިވަރސިޓީގެ މަޝްހޫރު ޕްރޮފެސަރ ޖޯން ހެޓީގެ ވިސްނުންފުޅުގެ ތެރެއިން ވުޖޫދުވެފައިވާ، ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ފިލޯސަފީއެކެވެ. ޖޯން ހެޓީ ވަނީ މިދާއިރާގައި ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް މިފިލޯސަފީ ޢާއްމުކުރުމުގެ މަސައްކަތްތައް ކުރައްވާފައެވެ. ޚާއްޞަކޮށް މިދާއިރާއިން ދިރާސާތައް ހައްދަވައި އެއިން ތަފާތު އެތަށް މައުޟޫޢުތަކަކާ ގުޅޭގޮތުން ޢިލުމީ ކަރުދާސްތައް އޭނާ ލިޔުއްވާފައިވެއެވެ. ހޭޓީ (2009) ފާހަގަކުރައްވާގޮތުގައި އުނގެނުމަކީ ވިސިބަލް ނުވަތަ ފެންނަ/ހާމަވަނިވި އެއްޗަކަށް ހެދުމުން ދަރިވަރުންގެ އުނގެނުމުގެ ފެންވަރު އެތައް ގުނައަކަށް އިތުރު ކުރެވިދާނެއެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި މިކަންކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ އުޞޫލަކީ ސީދާ މުދައްރިސުން ދަރިވަރުންގެ މަގާމުގައި އުނގެނޭފަރާތުގެ ތަޞައްވުރާއެކު މަސައްކަތް ކުރުމެވެ. މާނައަކީ ދަރިވަރުން ވިސްނާނެ ގޮތާއި، ސިކުނޑީގައި ހިނގާނެ ޚިޔާލުތައް، އެކުދިންގެ މުޢާމަމާލާތް، ދައްކާނެ ވާހަކަ، އެކުދިންގެ ފުށުން ފެންނަ އުނގެނެވުނުކަން ހާމަވާ ހެކިތައް، މިފަދަ ކޮންމެ ކަމެއް އަންދާޒާކޮށް ސީދާ ދަރިވަރުންގެ ގޮނޑީގައި ތިބެގެން މުދައްރިސުން ވެސް ޚިޔާލުކުރުމެވެ (ހޭޓީ، 2009). މީގެ އިތުރުން އޭނާ އިތުރަށް ފާހަގަކުރައްވާގޮތުގައި އުނގެނުން ރާވާއިރު މިފަދަ ކަންކަމަށް ސަމާލުވެ އުނގެނުމަކީ ދަރިވަރުން އަމިއްލައަށް ވެސް އުނގެނެވޭކަން އަންދާޒާކުރެވޭ އެކުދިންނަށް ކުރެވޭ ކަންކަމުން އެނގެނުމުގެ ނަތީޖާތައް ހާމަވަނިވި ގޮތަކަށް ރޭވޭ ކަމަކަށް ވާން ޖެހެއެވެ (ހޭޓީ، 2009). މި ތަނުގައި އަޅުގަނޑު މި މާނަކުރާ އުނގެނުމަކީ އެއްވެސް ހާލެއްގައި ތިލަތިލަކޮށް ބުނެލެވޭ ޖުމުލައަކުން ނުވަތަ ލިޔެވޭ އެއްޗަކުން ދަރިވަރުންނަށް އުނގެނެވުނުކަން ފެނުމެއް ނޫނެވެ. ޖޯން ހޭޓީގެ ވިސްބަލް ލާރނިން (ހާމަވަނިވި އުނގެނުން) މިކޮންސެޕްޓްގެ ޝަރަހައިގައި އެންމެ ބޮޑަށް އިޝާރާތް ކުރެވިފައިވާ ބައިތަކުގެ ތެރޭގައި ސަރފޭސް ލަރނިން (ތިލަކޮށް އުނގެނުން) އާއި ޑީޕް ލަރނިން (ފުންކޮށް އުނގެނުން) މިދެ މަފުހޫމު ފަރަގު ކުރުން ހިމެނެއެވެ. މިގޮތުން ފާހަގަކުރައްވާފައިވާ ބައެއް ތަފާތުތައް ތިރީގައިވާ ތާވަލުގައި ދެވިފައި އެވަނީއެވެ.
ތިލަކޮށް އުނގެނުން | ފުންކޮށް އުނގެނުން |
މަޢުލޫމާތު ހިތުދަސްކުރުން | ތަފާތު ކަންކަމާ ގުޅުވައިގެން މަޢުލޫމާތާ މެދު ވިސްނުން އަދި ޚާއްޞަކޮށް ކުރިން އެނގިފައި ހުރި އެއްޗަކާ ތަފާތުވާ ގޮތް ވިސްނައި ތަފާތު ވީ ކީއްވެ، ކޮންކަމެއްކަން ދެނެގަތުން |
އުނގެނޭ މަޢުލޫމާތުތަކާ އެކު މާ ބޮޑު ވިސްނުމެއް ނުހިނގުން | އުނގެނޭ މަޢުލޫމާތުތަކާ ގުޅޭގޮތުން ކްރިޓިކަލްކޮށް ވިސްނާ ތަފާތު ގޮތްގޮތަށް މަޢުލޫމާތު ބަދަލުވެދާނެ، މާނަދޭހަވެދާނެގޮތްތައް ވިސްނުން |
އުނގެނޭ ބައިތަކުގައި ހިމެނޭ މުހިންމު އަދި ބަހުސްކުރެވޭ ކަންކަމާއި، އެ ކަންކަން މުހިންމުވަނީ ކީއްވެކަމާ މެދު އެހާ ބޮޑަށް ސަމާލުކަން ނުވުން | އުނގެނޭ ބައިތައް ބޭނުންކުރެވިދާނެ ގޮތްތަކާއި، ބަހުސްކުރެވިދާނެ ތަފާތު ވިސްނުންތަކާއި ޢަމަލުކުރެވިދާނެ ތަފާތު ގޮތްތަކާއި ކަންކަމަށް ސަމާލުވެ ވިސްނުން |
ޓެސްޓް ނުވަތަ ގްރޭޑް ލިބޭ ގޮތާ މެދު ބޮޑަށް ސަމާލުވުން | އުނގެނުމުގެ ފޯރިއާ އެކު، އެ މަޢުލޫމާތު ބޭނުންކުރެވިދާނެ ގޮތްގޮތާ މެދު ބޮޑަށް ޝައުގުވެރިވުން |
މައިގަނޑު އަމާޒަކީ އެ ކިޔައިދިން މަޢުލޫމާތު އެގޮތަށް ބޭނުންކުރުން | މައިގަނޑު އަމާޒަކީ އެ ކިޔައިދިން މަޢުލޫމާތުގެ ތެރެއިން ވިސްނިދާނެ އިތުރު ގޮތްތައް ހޯދައި އެއިން ކުރެވިދާނެ ތަފާތުކަންކަން އަދި އޭގެތެރެއިން އިތުރު ހޯދުންތައް ދެނެގަތުން |
މި ތާވަލުގައިވާ ތަފާތު ކަންކަމަށް ބަލާއިރު، ހޭޓީ (2009) ފާހަގަކުރައްވާ ގޮތުގައި އުނގެނުމަކަށް ވަނީ ފުންކޮށް، ދާއިމަށް ދެމިގެންދާގޮތަށް، މުސްތަޤުބަލުގައި ބޭނުންކުރެވޭ ގޮތަށް، ދިރިއުޅުމުގައި އޭގެ ފައިދާ ފެންނަ ގޮތަށް، ކުރާ މަސައްކަތެއްގައި އެއުނގެނުން ބޭނުންކުރެވޭ ގޮތަށް އުނގެނެވޭ އެއްޗަކަށެވެ. މި ޚިޔާލަށް ބަލާއިރު ޖޯން ހެޓީ މުޅިން އިންކާރު ކުރައްވާ އުނގެނުމުގެ ސިފަތަކަކީ ހަމައެކަނި ވަގުތީ ކަމަކަށް އުނގެނޭ އުނގެނުމެވެ. މިސާލަކަށް ސްކޯރ މަތިކުރުމަށް، އިމުތިހާނެއް ހަދާލުމަށް، ރަނގަޅު ޖަވާބެއް ދިނުމަށް މިފަދަ އުނގެނުމަކީ ތިލަ އުނގެނުން ނުވަތަ އެއީ ފަހުން މާބޮޑު ބޭނުމެއް ކުރުމުގެ ނިޔަތުގައި އުނގެނެވޭ އެއްޗެއް ނޫން ކަމަށް ހޭޓީގެ ގިނަގުނަ ޢިލްމީ ކަރުދާސްތަކެއްގައި އިޝާރާތްކުރައްވައެވެ. ހޭޓީ (2009) މިކަމުގެ ތަފުސީލުދެއްވަމުން ހާމަކުރައްވަނީ މުދައްރިސުން މިގޮތަށް އުނގެނުން ފަރުމާކުރުމުން ދަރިވަރުންނަށް އުނގެނުމުގެ ޙަޤީޤީ ތަޖުރިބާތަކެއް ވެސް ފޯރުކޮށް ނުދެވޭކަމަށެވެ. ހަމައެބީދައިން މުދައްރިސުންނަށް ވެސް އުނގަންނައިދިނުމުގެ މަސައްކަތުގެ ޙަޤީޤީ މަންފާއާ ލާބަ ތަޖުރިބާ ކުރުމުގެ ފޮނިކަން ނުލިބޭކަމަށެވެ. އުނގަންނައިދިނުމަކީ އެއްވެސް ހާލެއްގައި ލިސްޓެއްގައި ފާހަގަލާފައި މަޤުޞަދު ހާސިލުވެއްޖެކަމުގެ ހެކި ދެއްކުމެއް ނޫނެވެ. އެއާއި ޚިލާފަށް އެއަށްވުރެ ފުންކޮށްވިސްނާ، އުނގެނުމަކީ ދިރިއުޅުމަށް ކުރާކަމަކަށް ހެދުމަށް ދަރިވަރުން ތަމުރީނުކޮށް އެކުދިންގެ ވިސްނުން ވެސް އެގޮތަށް ތަރައްގީވާން ފުރުޞަތު ދޭންޖެހޭނެއެވެ. މިކޮންސެޕްޓަށް އިޝާރާތްކުރަމުން ޖޯން ހެޓީ ގެ މަޝްހޫރު ފޮތްތަކުގައި ވަރަށް ގިނައިން ވާހަކަދައްކަވާފައިވާ މުހިންމު އަނެއް ނުކުތާއަކީ ދަރިވަރުން އަމިއްލައަށް އުނގެނުމުގެ ރޫހު އުފެއްދުމާއި އެކަން ތަރައްޤީކޮށް ކުރިއެރުވުމަކީ ހާމަވަނިވި އުގެނުމަކަށް ހެދުމުގައި ކޮންމެހެން ވެސް މުދައްރިސުން ސަމާލުވާންޖެހޭ ކަމެކެވެ. މި އިޝާރާތްކޮށްލެވުނު ވާހަކަކޮޅަށް ބަލާއިރު ފާހަގަކޮށްލެވޭ ދެތިން ކަމެއް ޚުލާޞާކޮށްލާނަމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ވިސިބަލް ލާރނިން އަކީ އުނގެނެވުމުގެ ހެކި މުދައްރިސާއި ދަރިވަރާއި ދެފަރާތަށް ވެސް ސާފުކޮށް ފެންނަ އޮތުމާއެކު ހާމަވުމެވެ. އެގޮތުން ބަލާއިރު، މުދައްރިސުންނަށް އުނގަންނައިދެވިއްޖެކަމުގެ ހެކި ހާމަވާއިރު ދަރިވަރުންނަށް އެނގެނެވުނުކަމުގެ ހެކި އޮންނަންވާނީ ހާމަވެފައެވެ.
ދާދިފަހުން 30 ނޮވެމްބަރ 2020 ގެ އެޑިޔުކޭޝަން ވީކް ވެބިނަރ އެއްގައި (ވެބިނާރގެ ރިކޯރޑިން މިލިންކުން ލިބިލައްވާނެ) ޖޯން ހޭޓީ އަދި އެފަދަ ދެތިން ޢިލުމުވެރިން ބަހުސްކުރެއްވީ މުޅި ދުނިޔެއަށާއި ތަޢުލީމީ ނިޒާމަށް ކުރިމަތިވި، ފުރަބަންދުގެ ތެރޭގައި ވެސް ދަރިވަރުންނަށް އެނގެނެވޭ އުނގެނުން ވިސިބަލްކޮށް/ފެންނަ ހެއްކާއެކު ކުރިއަށް ގެންދިއުމަށް ރާވަންޖެހޭކަމަށެވެ. މިވެބިނާރުގެ މައިގަނޑު މައުޟޫޢަކީ ދަރިވަރުންގެ އުނގެނުން ކޮންމެ ހާލަތެއްގައި ވެސް ކޮންމެ ތަނެއްގައި ވެސް ވަޒަންކުރެވެން ޖެހެނީ އުނގެނުމުގެ ހާމަވަނިވި ހެއްކާއެކު ކަމުގައެވެ. އަނެއްކާވެސް މިތަނުގައި އަޅުގަނޑު ހާމަކޮށްލަން ބޭނުންވާ ނުކުތާއަކީ އުނގެނުމުގެ ހާމަވަނިވި ހެއްކަކީ އެއްވެސް ހާލެއްގައި ވަގުތީ ގޮތުން އުނގެނެވޭ އުނގެނުމެއް ގޮތަށް ނުވިސްނުމެވެ. މި ވެބިނާރުގައި ފާހަގަކޮށްލެވުނު މުހިންމު ވާހަކަކޮޅަކީ ދަރިވަރުންނަށް އެއްޗެއް އުނގަންނަދެވުނު ހެކި ހޯދުމަށް އެންމެ މުހިންމުކަމަކީ އެކުދިންނަށް އެނގުނު އެއްޗެއް އެހެން މީހަކަށް ކިޔައިދިނުން/ކިޔަވައިދިނުން، ނުވަތަ ދޭހަކޮށް އެނގުނު އެއްޗަކާ ބެހޭގޮތުން ވާހަކަ ދައްކަން އެނގުންފަދަ ކަންކަމެވެ. އަޅުގަނޑަށް މި ވާހަކަކޮޅު އަޑުއަހަމުން ދިޔައިރު ވިސްނާލެވުނު ކަމަކީ ޢާއްމު ކުލާސްރޫމެއްގައި މުދައްރިސުން، އެއްޗެއް ކިޔަވައިދިނުމަށް ފަހު، އެނގެނުނު އެއްޗެއް، ދަރިވަރުން ލައްވާ، އެކަކު އަނެކަކަށް ކިޔަވައިދޭން ހަވާލު ކުރަނީ ކިހާ މިންވަރަކަށްބާއެވެ؟ ފަހަރުގައި ސުވާލަކަށް ޖަވާބު ދޭން ހަވާލު ކޮށްފާނެއެވެ. ނަމަވެސް މުދައްރިސް ކިޔަވައިދިން ގޮތަށް ނުވަތަ އެއަށްވުރެ ވެސް ފުރިހަމައަށް ދަރިވަރަށް އެކަން އެނގުނު ނުވަތަ ވިސްނުނު ގޮތް ވެސް ހިމަނައިގެން ކިޔައިދޭން ބުނެވެނީ ކިތައް ފަހަރުބާއެވެ؟ މީގެ ވެސް މާނައަކީ ސުވާލެއްގެ ޖަވާބަށްވުރެ ފުންކޮށް އުނގެނުމާ މެދު ވިސްނާ އުސޫލުން ދަރިވަރުންނަށް މިފަދަ ހަރަކާތްތައް ހަވާލު ކުރުމުގެ މުހިންމު ކަމެވެ. މިސާލަކަށް ލިޔުންތެރިކަން ކިޔަވައިދޭއިރު، ރަނގަޅު ޕެރެގްރާފެއް ލިޔާއިރު ވިސްނަންޖެހޭ ކަންކަން އެލިޔެވިފައި އޮތީ ރަނގަޅަށްތޯ ބެލުމަށް، އިތުރަށް ޕެރެގްރާފު ލިޔާއިރު ރަނގަޅުކުރުމަށް ކުރާނެ ކަންކަން، ހަމަ އަސްލުގައި ވެސް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ދަރިވަރުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަ ދައްކާ ހެދުމެވެ. ދަންނަވަން މިއުޅޭ އެންމެ މުހިންމު ނުކުތާއަކީ ދަރިވަރުންނަށް އެކަމެއް ކުރަންޖެހޭ ގޮތް މީހަކަށް ކިޔައިދޭން އެނގުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އަމިއްލައަށް އެކަން ކުރާނެ ގޮތް އޭނާއަށް އެނގުމާއެކު، އެހެންމީހަކަށް ވެސް ރަނގަޅަށް ލިޔާނެ ގޮތް ކިޔައިދޭން އެނގުމެވެ. މިތަނުގައި މިފާހަގަކުރެވުނު މިސާލުގައި ދަރވަރަށް އެނގުނު އެއްޗެއް އެހެންމީހަކަށް ކިޔަވައިދޭން އެނގުމާއި އަދި އަމިއްލައަށް ކުރެވޭ މަސައްކަތް ނުވަތަ އެނގިފައިވާ އެއްޗެއް ރަނގަޅަށް ވަޒަންކޮށްލަން އެނގުން ހިމެނެއެވެ. އަމިއްލައަށް ލިޔެވިފައިވާ ޕެރެގްރާފު އެންމެ ރަނގަޅަށް ވަޒަންކުރާއިރު އޭގައި ހުރި ރަނގަޅު ކަންކަން ރަނގަޅުވީ ކީއްވެ، ނުރަނގަޅު ކަންކަން ނުރަނގަޅުވީ ކީއްވެ، އެކަން ރަނގަޅުކުރުމަށް އަލުން ކުރެވިދާނީ ކޮން ކަމެއް،، ގެންނާނީ ކޮން ބަދަލުތަކެއް، މިފަދަ ހުރިހާ ސުވާލުތަކަކަށް ދަރިވަރު އަމިއްލައަށް ޖަވާބުދީ، އެ ކަންކަން އަމިއްލައަށް ކުރަން އެނގޭނަމަ ޔަގީނުން ވެސް އެދަރިވަރަކަށް އެވަނީ އަމިއްލައަށް އެނގުނުކަމުގެ ހެކިތައް ވަރަށް ބޮޑަށް ހާމަކޮށް ދެއްކިފައެވެ. އެއްވެސް ހާލެއްގައި ލިބުނު ސްކޯރއެއް ނުވަތަ ގުރޭޑެއްގެ ވާހަކައަކަށް މިތަނުގގައި އަޅުގަނޑު އިޝާރާތެއް ނުކުރަމެވެ. އަޅުގަނޑު ދެކޭގޮތުގައި އުނގެނުމަކީ އެއީ ސްކޯރއެއް ހޯދުމަށް ގުރޭޑެއް ހާސިލުކުރުމަށްވުރެ މާ ބޮޑަށް ވެސް ފުންކޮށް ކުރަންޖެހޭކަމެކެވެ.
މީގެ ހަމަ ކުޑަދުވަސްކޮޅެއްގެ ކުރިން ޖޯން ހެޓީ އަދި އޭރަން ހެމިލްޓަން ލިޔުއްވާފައިވާ ގޯލްޑް ޕޭޕަރސްއަކީ ވެސް ވިސިބަލް ލަރނިން/ހާމަވަނިވި އުނގެނުމާ ގުޅޭ ގޮތުން ފާހަގަކޮށްލެވޭ ޢިލުމީ ލިޔުންތަކެކެވެ. މި ލިޔުންތަކުން ފާހަގަކުރެވުނު އެންމެ ޚާއްޞަ ކަމަކީ އެ ލިޔުންތަކުގައި ބަހުސްކުރައްވާފައިވާ މުޅި ދުނިޔޭގެ ތަޢުލީމީ ދާއިރާއާއި ގުޅޭ މުހިންމު ބަހުސްތަކެވެ. މިގޮތުން މި ސިލްސިލާ ލިޔުންތަކުގައި މައިގަނޑު ހަތަރު ކަރުދާހެއް ވެއެވެ. ކޮންމެ ކަރުދާހެއްގައި ވެސް މުހިންމު ބަހުސެއް ކުރައްވާފައިވެއެވެ. މި ލިޔުންތަކަކީ ވަރަށް ޝައުޤުވެރި ގޮތްތަކަކާއި ސުރުޚީތަކެއް ބޭނުންކުރައްވައިގެން ލިޔުއްވާފައިވާ ލިޔުންތަކަކަށްވާތީ މިތަނުގައި އެއިން ކޮންމެ ކަރުދާހެއްގެ ވެސް މައިގަނޑު ބަހުސުގެ ޚުލާޞާއަށް އަލި އަޅުވާލާނަމެވެ. މިކަރުދާސްތައް ޑައުންލޯޑް ކޮށްލެއްވުމަށް މިލިންކަށް ފިއްތަވާލައްވާށެވެ.
ކަރުދާހުގެ ސުރުޚީ | މައިގަނޑު ބަހުސް | ވިސްނާލުން މުހިންމު ކަންތައްތައް |
އޭސް ގުޑް އޭސް ގޯލްޑް (ރަން ފަދައިން ރަނގަޅު)
|
ތަޢުލީމީ ނިޒާމަށް ކުރާ ޚަރަދާ އެއްވަރަށް ނަތީޖާ ނެރެވޭހެއްޔެވެ؟ އެޚަރަދު ކުރުމުން، މުސްތަގުބަލަށް ތައްޔަރުކުރެވޭ ޖީލްތަކަށް، ރަނގަޅަށް އުނގަންނައިދެވޭ ކަމުގެ ހެކިތައް ބޭނުންވި މިންވަރަށް ހާސިލުވޭ ހެއްޔެވެ؟ ކާމިޔާބު ކަމާއެކު ، ގައުމަށް ޚިދުމަތްކުރާނެ، ރަންފަދަ ރަނގަޅު، ކިތައް ޢިލުމުވެރި ހުނަރުވެރިން ނެރެވޭ ހެއްޔެވެ؟ (ހެޓީ އަދި ހެމިލްޓަން، 2020). | މިއީ އަޅުގަނޑުމެންފަދަ އިގުތިޞާދީގޮތުން އެތައް ގުނައަކަށް ދަށް ގައުމުތަކުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ނުކުތާއެކެވެ. ދިވެހިރާއްޖެއަކީ ގައުމުގެ އެހެން ދާއިރާތަކާ އަޅާ ބަލާއިރު، ތަޢުލީމަށް ފުދޭވަރަކަށް ޚަރަދު ކުރާ ގައުމެކޭ ދެންނެވިދާނެއެވެ. ނަމަވެސް ކުދިންގެ ކިބައިން އުނގެނޭކަމުގެ ހެކިތައް ފެންނަ ރަނގަޅު ފެންވަރުގެ ޢިލުމީ އުފެއްދުންތެރި ކަންކުރަން އެނގޭ ހުނަރުވެރި ކުދިން، ބޭނުންވާ ދާއިރާތަކުން ނެރެވޭ ހެއްޔެވެ؟ މިއީ މި ދެންނެވި ކަރުދާސްތަކުގައި ކުރެވިފައިވާ ބަހުސްތައް ކިޔާލުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު މުހިންމު ސުވާލެކެވެ. މިކަމަކީ ތަޢުލީމީ ދާއިރާގެ ބޭފުޅުން ވެސް ވިސްނާލެއްވުން މުހިންމު ނުކުތާއެއް މެއެވެ. |
ރިއަލް ގޯލްޑް ވާރސަސް ފޫލްސް ގޯލްޑް (ހަޤީޤީ ރަނާ އަސްލުނޫން ރަން ތަފާތު) | ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދާނާކުރުމަށް 1800ގެ ދުވަސްވަރުއް ސުރެ، ދިރާސާ ހަދަމުންދާއިރު އޭގެ ތެރެއިން ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށް އެހީތެރިވެދެނީ ކިތައް ދިރާސާއިންތޯ ބެލޭހެއްޔެވެ. ދިރާސާތަކުން ހާމަކޮށްފައިވާ ކަންތައްތަކުން ވަކި ކަމެއްގައި ކަމުދަނީ ނުވަތަ ކާމިޔާބީ މިވެނި ގޮތެކޭ ބެލެނީ ކިހާމިންވަރަކަށްތޯ މި ދެޢިލުމުވެރިން ވެސް ސުވާލު އުފައްދައެވެ. (ހެޓީ އަދި ހެމިލްޓަން، 2020) | މިއީ ޙަޤީޤަތުގައި ދިވެހިރާއްޖެފަދަ ގައުމަކަށް ވަރަށް މުހިންމު ސުވާލެކެވެ. އަޅުނގަޑުމެންގެ މުޖުތަމަޢުތަކުގައި ދިރާސީކަންކަން އަދި މިވަނީ ކިރިޔަކިރިޔާ ފިރުކެންފަށާފައޭ ދެންނެވިޔަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. މިގޮތުން ދިރާސާތައް ހަދާ އެދިރާސާތަކުގެ ޢަމަލީބޭނުން ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މާނައަކީ ހެދޭ ކޮންމެ ދިރާސާއެއްގައި ވެސް އެއިން ލިބިދޭނެ ކޮންމެސް ފައިދާތަކެއް އެކަން ތަންފީޒު ކުރެވިދާނެ ގޮތްތަކެއް ވަޒަން ކުރާނެ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބެން އެބަ ޖެހެއެވެ. ދިރާސީ ތަފާތު ހެކިތަކާ އެކު ކަންކަން ތަންފީޒު ކުރެވެމުން ކާމިޔާބު ވޭތޯ ނުވޭތޯ ބަލާނެ ޢިލުމީ ބަޔަކު ވެސް އެބަ ތިބެންޖެހެއެވެ. އަދި ކޮންމެ ދިރާސާއަކުން ފެންނަ ނަތީޖާތައް ބޭނުންކުރެވެނީ ކިހިނެއްކަން، އެހީތެރިވެދެނީ ޢަމަލީ ކޮންކޮން ކަންތައްތަކެއްގައި ކަން ވެސް ބެލެންޖެހެއެވެ. |
ގެޓިން ޓް ގޯލްޑް (ރަން ހޯދުން)
|
މިތާގައި ގޯލްޑް މާނަކޮށްފައިވަނީ ގޯލްޑް މިލަފުޒުގެ އަކުރުތައް ބޭނުންކޮށްގެން އެކުލަވާލެވިފައިވާ ޕްރޮސެސްއަކަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މުޅި ތަޢުލީމީ ސިސްޓަމްގެ ވިސިބަލް ލަރނިންއަށް އަމާޒުކޮށްގެން ރޭވުމަށެވެ. އެއީ
· ޖީ އަކުރުން- ގޯލް ހަންޓް (ބޭނުންވާ ޓާރގެޓް ރަނގަޅަށް ދެނެގަތުން) · އޯ އަކުރުން- އޮޕޮޗުނިޓީ ސިފްޓް (ގޯލާއި ހަމައަށް ދާނެ ރަނގަޅު ސިސްޓަމެއް، މެކޭނިޒަމެއް ގާއިމުކުރުން) · އެލް އަކުރުން- ލިފްޓް އޮފް (ކަނޑައެޅި ކަންކަން ތަންފީޒުކޮށް ގާއިމުވާ މިންވަރު ބަލާ ހަރުދަނާވަމުންދާ ގޮތް ބެލުން) · ޑީ އަކުރުން- ޑަބަލް ބެކް (ކުރެވޭ މަސައްކަތްތައް ބަލާ، ނަތީޖާތަކަށް ބަލައިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އަލުން ފަރުމާކޮށް ވިސްނުން) މި ކަރުދާހުގެ މައިގަނޑު ބަހުސަކީ ކަންކަން ކުރެވޭގޮތް ހެއްކާއެކު ބަލާ ވަޒަންކޮށް އޭގެ ނަތީޖާއަށް ބަލައިގެން ރަނަށް ހެދިދާނެ ވާހަކައެވެ. ނަމަވެސް ރަނަށް ހެދުމަށް މަސައްކަތް ކުރަންޖެހެނީ ވަރަށް ސިސްޓަމެޓިކްކޮށް ޢަމަލީ ކަންތައްތަކެއްގެ ތެރެއިން ހެކީގެ އަލީގައެވެ (ހެމިލްޓަން އަދި ހެޓީ، 2020). |
ޚާއްޞަކޮށް މިފަދަ ކަންކަމަށް ވިސްނާލާއިރު މުޅި ގައުމުގެ ސްޓްރެޓިޖިކް ޕްލޭން ފަދަ ކަންތައްތައް ރޭވި އެއީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އަބަދު ބަދަލުވާ އެއްޗަކަށް ނުހެދުން މުހިންމެވެ. މުޅި ގައުމުން އެތައް ޚަރަދެއް ކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ބޭނުންވާ ޓާރގެޓްތައް ޙާޞިލުވޭތޯ ނޫންތޯ ބަލަން ޖެހެއެވެ. މިތަނުގައި ފާހަގަކޮށްލުން މުހިންމު އަނެއް ނުކުތާއަކީ ދިވެހިރާއްޖެ ފަދަ ގައުމުތަކަކީ ވަރަށް ގިނައިން ދުނިޔޭގެ ތަންތަނުގައި ކަންތައް ކުރާގޮތް ބަލައިގެން އެތަންތަނުގައި ހަދާފައިވާ ދިރާސާތައް ބަލައިގެން އޭގެ ނަތީޖާތަކަށް ގާތްގަޑަކަށްހެން ކޮޕީކޮށްގެން ކަންކަން ކުރަމުންދާ ކުދިކުދި ގައުމުތަކެވެ. މިފަދަ ހާލަތެއްގައި މިޢިލުމުވެރިން މި ފާހަގަކުރައްވާހެން ރާއްޖެއަށް އަސްލު ޙަޤީޤި ރަނަކީ ކޮބައިތޯ ބަލަންޖެހެނީ ރާއްޖެއަށް އެ އެއްޗެއްގެ ބޭނުން ހިފޭ މިންވަރަކަށް ރާއްޖޭގެ ހާލަތާއި، ސަގާފަތާއި ދޭދޭ ގުޅުންތަކައި އުޅުންގޮތްތަކަށް ފެތޭ މިންވަރަށް ބަލައިގެން ތަހުލީލު ކުރެވިގެންނެވެ. މިއީވެސް މިފަދަ ލިޔުންތައް ކިޔާލުމުން ވިސްނާލުމަށް ލިބޭ މުހިންމު ނުކުތާއެކެވެ. |
ނޮޓް އޯލް ދެޓް ގްލިޓާރ އިސް ގޯލްޑް (ވިދާހާ އެއްޗަކީ ރަނެއް ނޫން). | މިއީ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް މައުޟޫޢަށް އިޝާރާތްކުރައްވައި ލިޔުއްވާފައިވާ ކަރުދާހެކެވެ. މި ކަރުދާހުގެ މައިގަނޑު މައުޟޫޢު ގުޅިގެންދަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެވެ. އެ ވަސީލަތްކަކީ ކިތަންމެން ވަރަކަށް ވިދާ ބަބުޅާ، މަޝްހޫރު ވަސީލަތްތަކެއް ނަމަވެސް ކިޔަވައިދިނުމަށް އެންމެ މުހިންމު އެންމެ ބޮޑަށް ބަރޯސާވާންޖެހޭ އެއްޗެތި ނޫންކަމަށް ވެދާނެކަމެވެ. ޙަޤީޤަތުގައި މިޢިލުވެރިންގެ ޚިޔާލުތަކާ ގުޅޭ މައިގަނޑު ވިސްނުމަކީ ކޮންމެ އެއްޗެއްގެ ވެސް ބޭނުންކުރަން ޖެހޭނީ އެއްޗެއްގެ ބޭނުންކުރަން ކަނޑައެޅި މަގުޞަދާ އެ ކަމުން އެ މަޤުޞަދު ހާސިލުވާ މިންވަރު ބަލަމުން ހެއްކާއެކުގައި ނެގޭ ގަރާރުތަކާ އެކުގައި ކަމެވެ. އެއްވެސް ހާލެއްގައި އެންމެން މަޝްހޫރު ކުރާ ނުވަތަ ބޭނުންކުރާ ވަސީލަތެއް ނުވަތަ ވަކި ބާވަތެއްގެ ތަޢުލީމެއް ނުވަތަ އުނގަންނައިދިނުން، ކަމުދޭތޯ ނުވަތަ ނޫންތޯ ވަރަށް ރަނގަޅަށް ތަހުލީލު ކުރެވިގެން ނޫނީ ބޭނުން ނުކުރުމަށެވެ. ވިދާހާ އެއްޗަކީ ރަނަށް ނުވާނެކަން މުޅި ކަރުދާހުގެ ސުރުޚީއަކަށް ލިޔެވިފައިވަނީ މި ސަބަބަށް ޓަކައެވެ (ހެމިލްޓަން އަދި ހެޓީ، 2020). | މި ކަރުދާހުގައި ފާހަގަ މި ކުރާ އެންމެ މުހިންމު ނުކުތާއަކީ އަޅުގަނޑަށް ވަރަށް ކަމުދިޔަ ބަހުސެކެވެ. ސަބަބަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ އުނގެނުމާއި އުގަންނައިދިނުމަށް އެންމެ ފައިދާ ކުރަނިވި އެއްޗެހި ކަމަށް ދެކި މުޅި ތަޢުލީމީ ސިސްޓަމުގެ ހުރިހާ އެންމެން އެއަށް އަހުލުވެރި ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ކޮންމެ އެއްޗަކީ އެންމެ ރަނގަޅު ވަސީލަތަށް ނުވެދާނެކަން، ނުވަތަ ކިޔަވައިދޭން އުޅޭ ވަކި ބާވަތެއްގެ ބައިތަކެއް ނުވަތަ ދަސްކޮށްދޭންޖެހޭ ހުނަރަކާ އެންމެ ބޮޑަށް ގުޅޭ ވަސީލަތަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޚުލާޞާކޮށް ދަންނަވާނަމަ ކިޔަވައިދޭއިރު ކޮންމެ ޓޫލެއް ނުވަތަ ޓެކޮނޮލޮޖީގެ ވަސީލަތެއް ބޭނުންކުރަން ނިންމާނަމަ އެ ރަގަނޅުވަނީ ކީއްވެ، ކިހިނެއް، ކޮން ސަބަބަކާހުރެ، ހާޞިލުކުރަން ބޭނުންވާ މަޤުޞަދަށް އެހީތެރިވެދެނީ ކިހިނެއް، މި ހުރިހާ ސުވާލަކަށް މުދައްރިސުން ސަމާލުވާން ޖެހެއެވެ. ކޮންމެ އެއްޗެއް ކޮންމެ ކަމެއް ކުރުމަށް އެންމެ އެކަށޭނަ ނުވެދާނެއެވެ. ހަމައެހެންމެ އެ ވަސީލަތެއް ބޭނުންކުރެވޭ ގޮތުން އޭގެ ޙަޤީޤީ ލާބައާއި މަންފާގެ ބަދަލުގައި އެހެން ކަންތައްތަކެއް މެދުވެރިކުރުވާ ގޮތަކަށް ވެސް ތަފާތު ވަސީލަތްތައް ބޭނުންކުރެވިދެއެވެ. އެންމެ މުހިންމު ކަމަކީ ޢިޚްތިޔާރު ކުރެވޭ ކޮންމެ ޓޫލެއް، ވަސީލަތެއް، ބޭނުންކުރަން ރޭވޭ ގޮތް މިއިން ކޮންމެ ކަމެއް ވެސް ދުރާލައި ވިސްނައި ފަރުމާކުރުމުގެ ތެރެއިން ވަޒަންކުރެވިގެން ވަސީލަތްތައް އިޚްތިޔާރު ކުރުމެވެ. |
ހެޓީ އާއި ހެމިލްޓަންގެ ކަރުދާސްތަކުން ފާހަގަކޮށްލެވުނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެންމެ ބޮޑު ބަޖެޓް/ޚަރަދު ހަމަޖައްސާކަމަކީ ތަޢުލީމީ ދާއިރާއަށް ކަމަށްވާއިރު، އެ ލަރިން (އުނގެނުން) ގެ އެދެވޭ ފައިދާ ގައުމަށް ކުރަނީ ކިހާ މިންވަރަކަށްތޯ ބެލެނީ ކުޑަމިންވަރަކަށް ކަމެވެ. އެކި ގައުމުތަކުގައި ތަޢުލީމީ ދާއިރާއަށް ކުރާ ޚަރަދުތަކުގެ ތާވަލުތަކާއެކު ޙާޞިލުވި ނަތީޖާތަކަށް ބަލާއިރު ހަގީގީ އުނގެނުމުގެ ނަތީޖާ ނުވަތަ ދުރު މުސްތަގުބަލުގެ ނަތީޖާއަށް ބަލާއިރު ހާސިލުވެފައިވާ މިންވަރު ކުޑަކަން އެބޭފޫޅުންގެ ބަހުސުގައި އިޝާރާތްކުރައްވައެވެ (ހެޓީ އަދި ހެމިލްޓަން، 2020). މިހެން މިވަނީ،ވިސިބަލް ލަރނިން ފަދަ މުހިންމު ކަންކަމަށް، ކިޔަވައިދިނުމުގައި ސަމާލުކަންދޭންވާ ވަރަށް ނުދެވޭތީކަމަށް މިދެބޭފުޅުންގެ ވެސް ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ތަޢުލީމަކީ ވަގުތީ ކަމަކަށް ހަދައި، ސެޓިފިކެޓެއްތަކެއްދީ ޑިގްރީތަކެއް ގިނަކުރުމަށް ކުރެވޭ ކަމެއްގެ ބަދަލުގައި ގައުމަށް ޚިދުމަތްކުރާނެ ޢިލުމީ ސިކުނޑިތަކެއް ތަމުރީނުކުރަން ކުރާ ކަމަކަށް ހަދަން ޖެހޭކަމަށް ނުހަނުބޮޑަށް މިޢިލުމުވެރިން ބާރު އަޅުއްވާފައި ވެއެވެ. އޭގެ އިތުރުން ކިޔަވައިދިނުމަކީ ދަރިވަރުންނަށް އެމީހުން ކިޔަވާ އެއްޗެއްސަކީ ފަހުން ބޭނުންހިފަންޖެހޭ އެއްޗެހިތަކެއްކަން ގަބޫލުކޮށްދީ އޭގެ ބޭނުންކުރާނެ ގޮތާއެކު ރޭވެން ޖެހޭ މަސައްކަތެއްކަން ހުރިހާ ކަރުދާސްތަކެއްގައި ވެސް އަލިއަޅުވާލާފައިވެއެވެ.
މިއަދުވެސް މިލިޔެލެވުނު މައުޟޫޢަކީ އަޅުގަނޑު ވަރަށް ގަޔާވާ ލިޔުންތެރިޔެއްގެ ލިޔުންތަކުން ހޮވާލެވިފައިވާ އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ވަރަށް މުހިންމު ވާހަކަކޮޅެކެވެ. ހަގީގަތުގައި މިފަދަ ވާހަކަތަކާ ގުޅޭގޮތުން ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ފަންނީ ކުރިއެރުމަށް ވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ ވިސްނުން ފުޅާވެގެންދާ ކަމެކެވެ. މި ލިޔުންކޮޅުގައި ހުށަހަޅައި ލެވުނު ކަރުދާސްތައް ކިޔަމުން ދިޔައިރު ކޮންމެ ޢިބާރާތެއް އަދި ބަހުސްގެ މައުޟޫޢެއް އަޅުގަނޑަށް ވީ ހަމަ އާ އުނގެނުމަކަށެވެ. ކޮންމެހެން އެލިޔުމުގައިވާ ޚިޔާލަކީ އާ ޚިޔާލަކަށް ވާތީ އެއް ނޫނެވެ. އެ ޢިލުމުވެރިންގެ ބަހުސްތަކުގެ ޚިޔާލުތައް ހުށަހަޅާލާފައިވާ ގޮތާއި، އެލިޔުންތަކުގެ ލިޔުމުގެ ސްޓައިލާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކޮށްފައިވާ އާދާއިގެ ބަހުރުވައާއި، އިނގިރޭސި ބަހުގެ ރީތި ޢިބާރާތްތަކާއި މިއިން ކޮންމެ ބައެއް ވެސް ހިމެނިގެންދިޔައީ ހަމަ ހަޤިޤަތުގައި ވެސް ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ ޓްރެއިނިންއެއް ހަދާލުމުން ވެސް ނުލިބޭފަދަ އަގުބޮޑު އުނގެނުމަކަށެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ އުންގެނުމަކީ ކުރިޔަށް ވިސްނައި ކުރެވޭ ކަމެކެވެ. އެއްވެސް ހާލެއްގައި ވަގުތީގޮތުން ވަކި އެއްޗެއް ކިޔައި ނިންމާލެވި ވަކި ސެޓްފިކެޓެއް ހާސިލުކުރެވި މި ބޭނުމަށް ޓަކައި ކުރާ ކަމެއް ނޫނެވެ. ކިޔާ ކޮންމެ އެއްޗެއްގެ ވެސް އޭގެ ބޭނުމަށް ވިސްނައި، އެ ބޭނުންކުރެވިދާނެ ގޮތްތަކަށް ޚިޔާލުކޮށް އެއިން ވިސިބަލް/ހާމަވަނިވި ހެއްކާ އެކު އުގެނެން ދަސްކުރަން އަޅުގަނޑުމެން ދަރިވަރުން އަހުލުވެރި ކުރުވަން ޖެހެއެވެ. އުގެނުމަކީ އެއްވެސް ހާލެއްގައި ފޮށްޓެއް ފުރާ އެއްޗެހި އަޅައި ބަންދުކޮށްފައި ބަހައްޓަން ކުރާ ކަމެއް ނޫނެވެ. އެއްޗެއް ކިޔަވާފައި އޭގެ ބޭނުމެއް ނުކުރާނަމަ އޭގެ ބޭނުމެއް ހަގީގަތުގައި ވެސް ނޯންނާނެއެވެ. އުނގެނޭ ކޮންމެ އެއްޗެއްގެ ބޭނުމާ މެދު ޚިޔާލުކުރަން ދަރިވަރުންނަށް ދަސްކޮށްދީ އަދި ހަމައެހެންމެ އަޅުގަނޑުމެން މުދައރިސުން ވެސް އެފަދަ ގޮތަކަށް އުނގެނުމުމާ މެދު ވިސްނުން ބެހެއްޓުން މުހިންމެވެ. ވިސިބަލް ލަރނިންއަކީ އުނގަނައިދިނުމުގައި ބޭނުން ކުރެވޭ ފަލްސަފާއެކެވެ. އުނގެނުން ފަރުމާކުރުމުގައ ބޭނުންކުރަންޖެހޭ ވިސްނުމެކެވެ. ހަރުދަނާ ތަޢުލީމީ ނިޒާމެއް ގާއިމު ކުރެވޭނީ ވިސިބަލް ލަރނިން ކިޔަވައިދިނުމުގެ ތެރޭގައި ހިމަނައިގެން ގެންދާނެ މުދައްރިސުންތަކެއް ވެސް ތިބުމާ އެކު ދަރިވަރުންނަކީ ވެސް ވިސިބަލް ލަރނިންއަށް އަހުލުވެރިކުރެވިފައިވާ ބަޔަކަށް ހަދައިގެންނެވެ. އަޅުގަނޑު ދެކޭގޮތުގައި މިކަމަކީ މުޅި ތަޢުލީމީ ނިޒާމުގެ ކޮންމެ ބޭފުޅަކުމެ، (ކޮންމެ ހައިސިއްޔަތެއްގައި މަސައްކަތްކުރެވި ކަމުގައި ވިޔަސް)، ވިސްނާލެއްވުން މުހިންމު ކަމެކެވެ.