ޝާފިޔާގެ އެދުރު އަށި: ތުއްތު ކުދިންގެ ކިބައިގައި އުނގެނުމުގެ ޝައުޤު އުފެއްދުން

މި ހަފުތާގައި މިވަނީ ދިގު ފުރަބަންދަކަށް ފަހު ސްކޫލުތައް ހުޅުވި ދަރިވަރުންނަށް މަދަރުސާއަށް ކިޔަވަންދިޔުމުގެ ފުރުސަތު ފަހިވެފައެވެ. މިއީ ޚާއްޞަކޮށް އެންމެ ތުއްތު ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް މުހިންމު ދުވަސްކޮޅެކެވެ. ތުއްތު އުމުރުފުރާގެ ކުދިންނަށް ކިޔަވައިދިނުމުގެ ވައްޓަފާޅިއަކީ އެހެން މަރުހަލާތަކުގެ ކުދިންނަށް ކިޔަވައިދޭ ގޮތާ ވަރަށް ތަފާތު ގޮތްތަކެކެވެ. ސީދާ އުނގެނުމަކީ ކޮބައިކަން އުނގެނެވެނީ ކިހިނެއްކަން، އުނގެނެން ކުރަންވީ ކީއްކަން މިފަދަ ހުރިހާ ކަމެއް ވާނީ ތުއްތު ކުދިންގެ އުނގެނުމުގައި އެޅޭ މުހިންމު ބިންގަލަކަށެވެ. ވަރަށް ނިޔަނެތި، ކިލަނބުކަމެއް ނެތް ހުސް ޞަފުހާތަކެއްފަދަ ތުއްތު ސިކުނޑިތައް ވަކި ގޮތަކަށް ހާނުވާ އުނގެނުމުގެ ތަރުބިއްޔަތުތައް ވަކި ގޮތަކަށް ކުރެވެނީ މި ޢުމުރު ފުރައިގައެވެ. ޙަޤީޤަތުގައި މިއީ އުނގެނުމުގެ އެންމެ ބޮޑު ކުރިއެރުން އަންނަ ދުވަސްވަރެވެ. ކޮންމެ ކަމަކީ ވެސް އާ އުނގެނުމެވެ. އެހާ އަވަހަށް ކަންކަމާ ގުޅޭ ގޮތުން ނަގައިގެނެވި، ވަރަށް ފަސޭހައިން މި ޢުމުރުގައި ކުދިންނަށް ކަންތައްތައް ދަސްވެއެވެ. މިފަދަ ޢުމުރެއްގައި އުނގަންނައިދިނުމުގައި ސަމާލުކަންދޭން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރެއެވެ. ޚާއްޞަކޮށް ފާހަގަކޮށްލާނަމަ އުނގެނުމަށް ލޯބި ކުރުމަށް، ކަންކަން ހޯދާ ބެލުމަށް، ކަންކަމާ މެދު ވިސްނުމަށް، ކަންކަމާ ގުޅޭ ގޮތުން ހިތުގައި އުފެދޭ ސުވާލުކުރުމަށް، ވާހަކަ ދެއްކުމަށް، އަމިއްލަ ގޮތް ބޭނުންކުރުމަށް، އަމިއްލަ އިހުސާސްތައް ހިއްސާކުރުމަށް، ކުރެވޭ ކަންކަމާއި ކުރަން އުދަނގޫ ކަންކަން ޖެހިލުމެއް ނެތި ބުނުމަށް، އާ ކަންތައްތައް ތަޖުރިބާ ކުރުމަށް، މިފަދަ ހުރިހާ ކަމަކަށް އުނގެނުމުގެ މާހައުލުގައި ޖާގަ ދިނުން މުހިންމެވެ. ތުއުތު ކުދިންނަށް އުނގަނައިދޭ މުދައްރިސުންގެ ޒިންމާ އެހެން ހުރިހާ ޢުމުރު ފުރައިގެ މުދައްރިސުންނަށް ވުރެ ބޮޑެވެ. ސަބަބަކީ، އެ މީހުންނަކީ ތުއްތު ސިކުނޑިތައް އުނގެނުމުގެ މުޅި މުސްޤުބަލަށް ވަކިގޮތަކަށް ތަރުބިއްޔަތު ކުރާ މީހުންނެވެ. އުނގެނޭ ގޮތްތަކަށް ވަކި ގޮތަކަށް ހާނުވަން ފަށާ އެންމެ ފުރަތަމަ ފިޔަވަޅުތައް އަޅައިދޭ ބިންގަލުގެ މައި ރޯލު އަދާ ކުރާފަރާތެވެ. އެ ބިންގާ ރަނގަޅަށް އެޅިއްޖެނަމަ، ދަރިވަރުންގެ އުނގެނުމުގެ ދުޅަހެޔޮކަން އެތައް ގުނައެއް ހަރުދަނާ ކުރެވޭނެއެވެ.

ކުދިންނަކީ އުފަންވާއިރު އުނގެނުމުގެ ހުރިހާ ގާބިލިއްޔަތުތަކެއް ލިބިގެން އަންނަ ކުދިންނެއް ނޫނެވެ. އުނގެނެން ވަކި ގޮތަކަށް ދަސްކޮށް ވަކި ގޮތަކަށް ބައްޓަންވެ ހޭނުވެނީ އެ ކުއްޖަކަށް ކުރެވޭ ތަޖުރިބާތަކުގެ ތެރެއިންނެވެ. އެހެންކަމުން އެންމެ ޅަފަތުގައި އުނގެނެން ހާނުވާ ގޮތްތަކަކީ އެ ގޮތްތަކެއްގެ މައްޗަށް ކުއްޖާގެ މުޅި ތަޢުލީމީ ހަޔާތް ބިނާވާ އިސްދައުރެއް އަދާ ކުރާނެ ކަންކަމެވެ. ކުރީ ހަފުތާގެ ލިޔުމުގައި ވެސް ބާރު އެޅިފައިވާނެ ފަދައިން ތުއްތު އިރު ކުދިންގެ އުނގެނުމުގެ ޝައުޤުވެރިކަމުގެ ބިންގާ އަޅައިދޭނީ، އެކުއްޖަކު އުޅެބޮޑުވާ ގޭތެރެއާއި ސްކޫލުންނެވެ. މި ޢުމުރުގެ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަކީ ބެލެނިވެރިންނެކޭ އެއް މަޤާމެއް އަދާކުރާ އަދި ހަމައެހެންމެ ބެލެނިވެރިން  ވެސް ވާންޖެހެނީ މުދައްރިސުންނާއި އެއްފަދަ ދައުރެއް އަދާ ކުރާ ބަޔަކަށެވެ. ސަބަބަކީ ގޭގައި ނުވަތަ ސްކޫލުގައި ވިޔަސް މި ޢުމުރުގެ ދަރިވަރުންނަށް ވާނީ ދާދި އެއްވަރެއްގެ އުނގެނުމުގެ މާހައުލަކަށެވެ. މިތާނގައި މި ހިމަނަނީ ޚާއްޞަކޮށް ތުއްތު ކުދިންގެ އުނގެނުމުގެ ބިންގާ އެޅުމަށް އެހީތެރިވެދޭ ދެތިން ކަމެކެވެ.

(1) ކިޔަން ދަސްކުރުމަށް ފަހި މާހައުލެއް އޮތުން: ކުދިންގެ އުނގެނުމުގެ ބިންގާ އެޅެންފެށެނީ ފުރަތަމަ ކިޔަން ދަސްކުރުމާ އެކުގައެވެ. ހަމައެހެންމެ ކިޔަން ދަސްކުރުމަކީ އުނގެނުމާ ގުޅޭ ވަރަށް ގިނަ ހުނަރުތަކާ އެކު ކުރެވޭ ކަމެކެވެ. މިސާލަކަށް، އަކުރުތައް ވަކިކުރަން އެނގި އުކުރުތައް ގުޅުވައިގެން ވަކިގޮތަކަށް ކިޔުން، ވަކި ގޮތަކަށް އަޑު ނެރުން، ވަކި މާނަތަކެއް ވިސްނުން، ވަކި ކަންތައްތަކަކާ ގުޅުވުން، މިއީ މުޅިން ވެސް ކިޔަން ފަށައިގަތުމާ ގުޅިފައިވާ ކަންކަމެވެ. އެޑަމްސް (1994) ހާމަކުރައްވާ ގޮތުގައި، ތުއްތުކުދިންނަށް ކިޔަން ދަސްކޮށްދިނުމަށް އެންމެ ބޭނުންތެރިކަމަކީ އެކަމަށް އެކަށޭނަ މާހައުލެއް ފަހިކޮށްދިނުމެވެ. މާނައަކީ ކިޔަން ދަސްކުރުމަށް ބާރު އަޅާ އެ ކަންކަން ފެންނަ އަދި ކިޔާނެ ތަފާތު އެއްޗެތި ހުންނަ، ކިޔަން ފެށުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބި އަދި އެކަން ދަސްކޮށްދޭނެ ބަޔަކު އުޅޭ މާހައުލަކަށްވުމެވެ. ތުއްތު ޢުމުރުގެ ކުދިން އުނގެނުމަށް ޝައުޤުވެރި ކުރުވުމަށް އެންމެ ބޮޑަށް ސަމާލުކަންދޭންވީ އޭނާގެ ވަށައިގެންވާ މާހައުލު ކިޔާ ހިތްވާ، އޭނާގެ ޢުމުރާ ގުޅޭ ފޮތްތަކުން ފުރާލެވިފައިވާ ދުނިޔެއަކަށް ހެދުމެވެ. މިގޮތުން ކުރެވިދާނެ ކަންކަމަކީ ގިނައިން ކުދިންނާ އެކު ފޮތްކިއުން، އަމިއްލައަށް ފޮތްތައް ބަލާ ކިޔަން ފުރުޞަތު ދިނުން، ޢާއިލާގެ ކޮންމެ މީހަކު ވެސް ފޮތް ކިޔާނެ ވަޤުތުތަކެއް ހަމަޖެއްސައި ފޮތްކިޔުމުގެ ނަމޫނާ ދެއްކުން، ޢާއިލާގެ މީހުންގެ ގިނަގިނައިން ފޮތްކިޔާތަން ފެނުން، މިނޫނަސް ފޮތްތަކާ ގުޅޭ ވާހަކައާއި ފޮތުގައި ހުންނަ މަޢުލޫމާތާ ގުޅޭގޮތުން ވާހަކަ ދެއްކުން ފަދަ ކަންކަމެވެ. މިދެންނެވި ކަންތައްތަކަކީ ދަރިވަރުން އުނގެނި ހޯދުމުގެ ޝައުޤު ތަރައްޤީކުރުމަށް ނުހަނު ބޮޑަށް އެހީތެރިވެދޭނެ ކަންކަމެވެ.

(2) ކުއްޖާ ޑްރައިވަރ ގޮނޑީގައި ބޭންދުން: އުނގެނެނީ ކުއްޖާ ކަމުގައި ވާތީ ކުއްޖާއަށް އަމިއްލައަށް ކަންކަން ނިންމުމާއި ގޮތް ނިންމުމުގެ ޖާގައާއި އިޚްތިޔާރީ ކަންކަން އޮތުމަކީ މުހިންމު ކަމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މާބޮޑަށް ކުދިންގެ އުނގެނުމުގެ ކަންކަން ކޮންޓްރޯލް ނުކުރުމަކީ ބެލެނިވެރިން ވެސް މުދައްރިސުން ވެސް މިޢުމުރުގެ ކުދިންނަށް އުނގަންނައިދޭ އިރު ސަމާލުވާން ޖެހޭ ކަމެކެވެ. މިއީ ވަރަށް ގިނަ ތުއްތު ކުދިންނަށް ދިމާވާ ކަމެކެވެ. ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ ބެލެނިވެރިން ނުވަތަ މުދައްރިސުން ކިޔައިދޭ ގޮތަށެވެ. ހުރިހާ ކަމެއް ބުނާގޮތަށް ކުރަން އާދަވަމުންދާނަމަ އުނގެނުމުގައި ކުއްޖާގެ އަމިއްލަ ގޮތާއި އަމިއްލަ ވިސްނުން ބޭނުންކުރުމުގެ ގާބިލުކަން ދަށްވެއެވެ. ކުއްޖާއަށް މިނިވަންކަމާ އެކު ވިސްނުމުގެ ޖާގަ ކުޑަވެއެވެ. ނުވަތަ އަމިއްލައަށް ވިސްނަން ދަސް ވެސް ނުވެއެވެ. މީގެ ސަބަބުން ކުއްޖާއަށް ލިބެންވާ ވަރަށް ގިނަ ގާބިލިއްޔަތުތަކުން މަހުރޫމުވެ ވަކި ގޮތަކަށް ސިކުނޑި ހޭނުމަކީ އުނގެނި ހޯދުމުގެ ޝައުޤުގެ މިންވަރު ހަނިވާކަމެކެވެ. ވަރަށް އާދައިގެ މިސާލަކަށް ވިސްނާލާނަމަ، ކުއްޖާ ކިޔަން ބޭނުންވާ ފޮތަކީ ކޮބައިތޯ ވާހަކަ ދައްކާށެވެ. ފޮތެއް ނަގާފައި މިކިޔަން ނުބުނާށެވެ. ހަމަ އެގޮތަށް ކިޔަން ހަވާލުކުރެވޭ ވަކި ފޮތެއް ދޭން ބޭނުންނަމަ އެކަމާ ބެހޭގޮތުން ކުއްޖާއާ ވާހަކަ ދައްކާ މަޝްވަރާކޮށް އޭނާގެ ރޯލު އެ ފޮތެއް އިޚްތިޔާރު ކުރުމުގައި ހިމަނާށެވެ. ލިޔުމުގެ މަސައްކަތެއް ދޭނަމަވެސް ކުއްޖާ ލިޔަންބޭނުންވަނީކޮންޗެއް ކަމާ ބެހޭގޮތުން ވާހަކަ ދައްކާ ތަފާތު އިޚްތިޔާރުތައް އޮންނަ ހަމައަކުން މުޢާމަލާތް ކުރެވުން ތުއްތު ޢުމުރުގެ ކުދިންގެ އުނގެނުމުގެ ޝައުޤު އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.

(3) ފަސޭހަކަމާއެކު ބޭނުންވާ ކަންކަން މުވާޞަލާތުކުރުމުގެ ރޫހެއް އުފެއްދުން: ތުއްތު ކުދިން ބޭނުންވާ ކަންކަން ޖެހިލުމެއް ނެތި ފަސޭހައިން ބުނަން ތަރުބިއްޔަތު ކުރުވުމަކީ އުނގެނުމުގެ ޝައުޤާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ފަސް ނުޖެހި ތަފާތު ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރަން އާދަ ކުރެވޭނަމަ އެ ކުދިން އަމިއްލައަށް ކަންކަން ހޯދައި ބަލައި ގިނަ ކަންކަން އުނގެނުމަށް ޝައުޤު އިތުރުވުމާ އެކު އެއްޗެއް ނޭނގުމުން ފަސޭހައިން ސުވާލުކޮށް އޮޅުންފިލުވުމުގެ އާދަ ވެސް ހަރުލެއްވެއެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުން އެހާ ބޮޑަށް ފެންނަ ކަމެއް ނޫނެވެ. ނޭނގޭ އެއްޗެއް ނޭނގޭ ކަމަށް ގަބޫލުކޮށް އެއާ ބެހޭ ގޮތުން ސުވާލުކުރުމަށް އަޅުގަނޑުމެން ކުދިން ވަރަށް ބޮޑަށް ފަސްޖެހެނީ ތުއްތު އިރު މި ކަން ކުދިންގެ ކިބައިގައި ތަރައްގީ ނުކުރެވޭތީއެވެ.

(4) ކުއްޖާ ގަޔާވާ ކަންތައްތަކަށް ބޮޑަށް އަމާޒުކޮށްގެން އުނގެނުމުގެ ކަންކަން ރޭވުން: ތުއްތު ކުދިން އުނގެނުމަށް ލޯބި ޖެއްސުމަށް އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ސީދާ ކުއްޖާ ގަޔާވާ ކަންތައްތަކާއި އޭނާގެ ޢުމުރާ ގުޅޭ ކަންކަން އުނގެނުމުގެ ތެރޭގައި ހިމެނުން މުހިންމެވެ. މިސާލަކަށް ކިޔަން ދަސްކޮށްދޭން އުޅޭއިރު ސީދާ ކުއްޖާގެ ދުވަހީ ދިރިއުޅުމުގައި އޭނާއަށް ދިމާވާ ކަންކަމާ ގުޅޭ ކަހަލަ ބައިތައް ހިމެނޭ ކިއުންތައް ކިއުމުގެ ތެރޭގައި ހިމެނުން މުހިންމެވެ. ކިޔާ ބައިތަކާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު ކުއްޖާ ގަޔާވާ ގޮތަށް އޭނާ ބައިވެރިކޮށްގެން ވާހަކަ ގެންދިއުން ފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމެވެ.

(5) އެކި ބާވަތުގެ ކަންކަމަށް ކުދިން ނެރުން: މިއީ ޢާއްމުކޮށް ބައެއް ބެލެނިވެރިންނަށް އެހޭ ބޮޑަށް ސަމާލު ނުވެވޭ ކަމެކެވެ. ވަރަށް ގިނަ ފަހަރަށް ތުއްތު ކުދިން ގެންގުޅެވެނީ ވަކި ކަހަލަ ކަންތައްތަކަކަށް ވަކި ގޮތަކަށް، ވަކި ކަހަލަ ކަންކަމުން ވަރަށް ބޮޑަށް މަހުރޫމުކުރެވޭ ގޮތަކަށެވެ. އެންމެ އާދައިގެ ކަންކަމަށް ބަލާއިރު ކެއުމުގައި ވެސް ވަކި އެއްޗެހިތަކެއް އަބަދު ކާން އާދަ ކުރެވޭތަން އާދެއެވެ. ހަމަ އެގޮތަށް އުޅޭ ގޮތް ވެސް އަބަދު ވަކި ގޮތަކަށް އުޅެން އާދަވުމުން އެހެން ގޮތްތަކަށް ކުދިން ހޭނުމާއި އެހެން ކަންކަން ތަޖުރިބާކުރުމުގެ ޝައުޤު ވަރަށް ބޮޑަށް ދަށްވެއެވެ. ތަންތަނަށް ދާއިރު ވެސް މާ ބޮޑަށް ކުއްޖާގެ ހޭލަމޭލިވުން ވެސް ހަނި ކުރެވޭ ތަން އާދެއެވެ. ތަފާތު ކަންކަމަށް ކުއްޖާ ނެރުމަކީ އެ ކުދިންނަށް ވިސްނަން ދެވޭ ވަރަށް ބޮޑު ފުރުޞަތުތަކެކެވެ. މިސާލަކަށް ތަފާތު ކުޅިވަރުތައް، ތަފާތު ގޭމްސްތައް، ތަފާތު ފޮތްތައް، ތަފާތު މީހުން، ތަފާތު ކާއެއްޗެއްސާއި ތަފާތު ބާވަތްތަކުގެ ރަހަތައް، މި ހުރިހާ ކަމެއް ވެސް ވާނީ ކުއްޖާގެ އުނގެނުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމަށެވެ.

(6) އަމިއްލަ އުނގެނުމުގެ ޝައުޤު ކުއްޖާއާ ބައިވެރިވެގެން ހާމަކުރުން: ތުއްތު ކުދިން ބޮޑެތިވާ މާހައުލުތަކުގައި ކިޔެވުމުގެ ކަންކަމުގައި ގިނަ މީހުން އުޅޭ ތަން ފެނި އުނގެނުމުގެ ކަންކަމުގެ މަންޒަރުތައް ފެނުމަކީ ވެސް ހަރުދަނާ އުނގެނުމުގެ ބިންގަލެއް އެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

(7) އުނގެނުމުގެ ނަތީޖާއަށް ވުރެ އުނގެނުމުގެ ވަގުތުގެ ތަޖުރިބާއަށް ސަމާލުވުން: މިއީ ވަރަށް ގިނަ ބެލެނިވެރިންނަށް ވެސް މުދައްރިސުންނަށް ވެސް އެހާ ބޮޑަށް އަޅާ ނުލެވޭ ކަމެކެވެ. ގިނަ ފަހަރަށް ކުއްޖާ ކުރާ މަސައްކަތުގެ ނަތީޖާއަށް މާ ބޮޑަށް ސަމާލުވެވޭ ތަން އާދެއެވެ. އެއާ ޚިލާފަށް ބަލަންވީ ކަމަކީ އެ ކުއްޖާ އުނގެނުން ހިނގާ ގޮތާއި، އެ ފަހި ކޮށްދެވޭ ތަޖުރިބާ، އުނގެނޭއިރު ހޭދަވާ ވަގުތުގައި ކުރެވޭ އިހުސާސަށެވެ. މިފަދަ ކަންކަމާ ބެހޭގޮތުން ބެލެނިވެރިންނަށް ސަމާލުވެވި ވާހަކަ ދެއްކެނީ ވަރަށް މަދުންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ލިޔަން ހަވާލުކުރާ އަކުރުތަކެއް ލިޔުނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ ހުރިހާ މުދައްރިސުން ވެސް އަދި ބެލެނިވެރިން ވެސް އެންމެ ބޮޑަށް ސަމާލުވާކަމެވެ. ނަމަވެސް ހަޤީޤަތަކީ އެންމެ މުހިންމީ އެ ލިޔުނު އެއްޗެއް ލިޔުނުއިރު ކަންވީ ގޮތް ދެނެގަތުމާއި، އެ ކަން ހިނގިއިރު ކުއްޖާއަށް ކުރެވުނު އިހުސާސް، ކުރަން އުޅުނު އިރު ވިސްނި ވިސްނުންތައް ހުރީ ކިހިނެއްތޯ ނުބެލެއެވެ. މިސާލަކަށް ކުރެވިދާނެ ކަންކަމަކީ ލިޔަމުން ދާއިރު އެކަން ކުރާގޮތާ ބެހޭގޮތުން ކުއްޖާއާ ވާހަކަ ދެއްކުން ނުވަތަ ކުރަން އުޅޭ ކަމެއް ކުރާގޮތާ ގުޅޭ ގޮތުން ކުއްޖާ ވިސްނާގޮތާއި ސިކުނޑީގައި ހިނގާ ކަންކަމާ ބެހޭގޮތުން ހިއްސާކުރަން ފުރުސަތު ދިނުމެވެ.

(8) ކުދިން ގަޔާވާ ގޮތަށް ތަފާތު ކުޅިވަރާއި ގޭމްތަކުގެ ތެރެއިން އުނގެނުމުގެ ކަންކަން ރޭވުން: މިއީ އުނގެނުމަކީ މަޖާ އިހުސާސްތަކެއް ކުރުވާ، ފޯރިއޮންނަ ކަމެއްކަން ކުދިންގެ ހިތުގައި ބިންވަޅު ނެގޭ ގޮތެވެ. އަދި ހަމައެހެންމެ، ގޭމްގެ ތެރެއިން އުނގެނޭއިރު ދަސްވާ ކަންކަމުގެ ތެރޭގައި ޕޮއިންޓްސް ދަށްވުމުން ނުވަތަ ނޭނގުމުން ކުރެވޭ އިހުސާސާތައް އާ ފޯރިއަކާ އެކު ރަނގަޅުކުރުމުގެ ރުހޫ އުފައްދަން ވެސް އެހީތެރިވެދޭނެއެވެ.

(9) ކުރެވޭ ކަންކަން ފާހަގަކޮށް ކާމިޔާބުގެ ރޫޙާއި އިހުސާސް އުފެއްދުން: މިކަމަކީ މިއީ ކުއްޖާގެ މުޅި އުނގެނުމަށް އަސަރުކުރާ ކަމެކެވެ. ކުއްޖާގެ އަމިއްލަ ނަފުސުގެ އިތުބާރާއި އުނގެނެވޭ ކަމުގެ އިހުސާސް ވެސް އުފައްދާ ގޮތެވެ. ކާމިޔާބީގައި އަތްޖެހުން، ވާއޯ، ގަދަ، ވަރަށް ރަނގަޅު، މިހާދަ ރީއްޗޭ.. މިފަދަ ބަސްތައް ކުދިންނާ އެކު ވާހަކަ ދައްކާއިރު ގިނައިން ބޭނުންކުރުމަކީ އުނގެނުމުގެ ޝައުޤު އިތުރު ކުރުވޭނެ ކަމެކެވެ.

(10) ނުކުރެވޭ ކަންކަމަށް ވުރެ ކުރެވޭ ކަންތައްތަކަށް ބޮޑަށް އަމާޒު ކުރުން: ކުދިންގެ އުނގެނުމުގެ ޝައުޤު ތަރައްޤީ ކުރާއިރު އެންމެ މުހިންމީ ކުދިންނަށް ރަނގަޅަށް ކުރެވޭ ކަންކަން ބޮޑަށް ފާހަގަކޮށް ވާހަކަ ދެއްކުމެވެ. ރަނގަޅަށް ނުކުރެވޭ ކަންކަން މާބޮޑަށް ފާހަގަކޮށް ނުކުރެވޭ ކަމުގެ އިހުސާސް ކުރެވޭ ގޮތަށް ކަންކުރެވޭނަމަ ތުއްތު އިރު އުނގެނުމުގެ ޝައުޤު ކުދިންގެ ވަރަށް ބޮޑަށް ދަށްވާން ފަށާނެއެވެ. އެކަން ދެމިގެންދާނަމަ އުނގެނުމުގެ ގާބިލުކަން ވެސް ދަށްވެއެވެ. ސަބަބަކީ ނަފުސާނީ ކަންކަމަށް ކުރާ އަސަރާ އެކު ކުއްޖާގެ ވިސްނުމާއި އުނގެނުމުގެ ގާބިލުކަމަށް ވެސް ބުރޫއަރާ އެ ކަން ނުކުޅެދުންތެރިކަމަށް ވެސް ބަދަލުވެގެން ހިނގައިދާނެއެވެ.

(11) ކޮންމެ ދުވަހަކީ ވެސް އުނގެނޭ ދުވަހަކަށް ހެދުން: ތުއްތު ކުދިންގެ ހަޔާތުގައި ކޮންމެ ދުވަހަކީ ވެސް އުނގެނުމާ ގުޅޭ އެތައް ކަމެއް ހިނގާނެ ދުވަހެކެވެ. މިސާލަކަށް، ވާހަކަ ކިއުން، ކުޅިވަރެއް ކުޅެލުން، ވާހަކަ ދެއްކުން، މަޖާކުރުން، ޓީވީ ބެލުން، ކުރެހުން، ލިޔުން، ބޭރަށް ދިއުން، މިގޮތަށް ކުރެވޭ ކޮންމެ ކަމަކީ ވެސް އުނގެނުމާ ގުޅޭ ކަންތައްތަކެވެ. ކުއްޖާގެ ދުވަހީ ދިރިއުޅުމުގައި ގިނަ ކަންތައްތައް ތަޖުރިބާ ކުރަން ފުރުސަތު ފަހިވީ ވަރަކުން ކުއްޖާގެ ވިސްނުމުގެ ގާބިލުކަން ވެސް އަދި އުނގެނުމުގެ ޝައުޤު ވެސް ފުޅާ ކުރެވޭނެއެވެ.

(12) އަމިއްލަ ތަކެތި ވަކި ގޮތަކަށް ތަރުތީބުކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުން: މިއީ ވަރަށް ތުއްތު އިރު ކުދިން ވަކި ގޮތަކަށް ތަމުރީނު ކުރުވުން މުހިންމު ކަމެކެވެ. އަމިއްލަ ފޮތްތައް، ކުޅޭ ތަކެތި، އެނދު، ކޮޓަރި ވަކި ގޮތަކަށް ތަރުތީބުކުރަން ކުއްޖާ ބައިވެރިކޮށްގެން ކަންކަންކުރުމަކީ ވެސް އޭގެ ހެޔޮ އަސަރު ފަހުން ކުއްޖާގެ އުނގެނުމުގެ ކަންކަމަށް ކުރާނެ ކަންތައްތަކެކެވެ.

މިއަދުގެ ލިޔުން މި ޚާއްޞަކޮށްލީ އެންމެ ތުއްތު ކުދިންގެ ހިތުގައި އުނގެނުމުގެ ޝައުޤު އުފައްދާ ތަރައްޤީ ކުރުމަށް އެހީތެރިވެދޭނެ ކަންކަމާ ގުޅޭ ގޮތުންނެވެ. މިއީ ކޮންމެ ބެލެނިވެރިއަކަށް އަދި ތުއްތުކުދިންގެ ކޮންމެ މުދައްރިސަކަށްމެ މުހިންމު ވާހަކަކޮޅަކަށް ވާނެ ކަމަށް  ގަބޫލުކުރަމެވެ. އަޅުގަނޑުގެ އުއްމީދަކީ މިފަދަ ކޮންމެ ވާހަކަކޮޅަކުން ވެސް އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ކިބައިގައި އުނގެނުމުގެ ހަރުދަނާ ބިންގަލެއް އެޅުމަށް އެހީތެރިވެދިނުމެވެ. ވަކި ގޮތަކަށް އުނގެނުން ބައްޓަންވަނީ އެންމެ ތުއްތު އިރު ކުދިންނަށް ލިބިދޭ އުނގެނުމުގެ ތަޖުރިބާތަކުންނެވެ. އެއީ ރަނގަޅަށް އެޅޭ ބިންގަލަކަށް ވެއްޖެނަމަ ކުދިންގެ އުނގެނުމުގެ ހުނަރުތައް ކުރިއަރުވާ އުނގެނުމުގެ ކާމިޔާބީތައް ހާޞިލުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.