އިންސާނީ ވަގުފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

އިންސާނީ ވަގުފާރި ކުރުމަށާއި ކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނައުމަށް ހުށަހަޅައިފިއެވެ. 

އިންސާނީ ވަގުފާރި ހުއްޓުވުމާ ބެހޭ ނުވަތަ މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަަޅައިފައވަނީ ސަރުކާރުންނެވެ. ސަރުކާރު ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.  ބިލު ހުށަހަޅުއްވަމުން މެމްބަރު ޖީހާން ވިދާޅުވީ ބިލު ހުށަހަޅައިފައި ވަނީ މައިގަނޑު ތިން އިސްލާހެއް ގެނައުމަށް ކަމަށެވެ. އޭގެ ތެރޭގައި 

މީހުން ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަން  ނުވަތަ ނާޖާއިޒު މަންފާ ނެގުން، ބައިނަލްއަގުވާމީ މުއާހަދާތަކާ އެެއްގޮތަށް މާނަކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ގެންނަން ޖެހޭ އިސްލާހު ބިލުގެ 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަށް ހުށަހަޅައިފައިވެއެވެ. 

މިހާރު ގާނޫނު އޮތް ގޮތުން އިިންސާނީ ވަގުފާރީ ނުވަތަ  ޓްރެފިކްކުރުމަށް ބޭނުންކުރާ މުދަލާއި ފައިސާއާއި އަދި ޓްރެފިކް ކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގެން ނޯންނަކަމަށް، މެމްބަރު ޖީހާން ފާހަގަކުރެއްވިއެވެ.  ނަމަވެސް އިންސާނީ ވަގުފާރި ކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވިއެވެ. 

މި އިސްލާހު ގެނައުމުގެ މަގުސަދަކީ އެ ފައިސާއާއި މުދާ، ޓްރެފިކް ކުރުމުގެ އަމަލުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ދައުލަތުން ހޯދައިދޭން ޖެހޭ އެހީތެރިކަމާއި ރައްކާތެރިކަމާއި ދޭންޖެހޭ  ފަރުވާފަދަ ކަންކަމަށް ބޭނުން ކުރުމުގެ ބާރު ދައުލަތަށް ހޯދައި ދިނުން ކަމަށް މެމްބަރު ޖީހާން ވިދާޅުވިއެވެ.  މިހާރު ބިލު އޮތް ގޮތުން އެކަން ކުރެވޭކަށް ނެތްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 

އިންސާނީ ވަގުފާރީގެ ސަބަބުން ގެއްލުން ލިބޭ ފަރާތަަށް  ބަދަލު  ނަގައިދޭން ޖެހޭ ހާލަތްތަކުގައި ނަގައި ދެވޭނީ ކޮންކަހަލަ ބަދަލެއްކަން ކަނޑައެޅުންވެސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނޭނެކަމަށް މެމްބަރ ޖީހާން ވިދާޅުވިއެވެ. 

އިންސާނީ ވަގުފާރީގައި  ރާއްޖެ  އޮތް ހާލަތު، ބައިނަލްއަގުވާމީ ގޮތުން ވަޒަން ކުރާިއރު މިހާރު އޮތް ހާލަތުން އަރައުގަތުމަށް ޓަކައިި ދިވެހި ދައުލަތިގެ ނިޔަތް އޮތްކަން ސާބިތުކޮށް ދިނުމަށްޓަކައި އެންމެ  ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމަގުސަދުގައި ހެދިފައިވާ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުން ކަމަށް މެމްބަރު ޖިހާން ފާހަގަ ކުރެއްވިއެވެ. އެ ނިޔަތުގައި ބިލު ހުށަހެޅިގެންދާއިރު ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމުކުރާ މިންގަޑަށް  ބައިނަލްއަގުވާމީ މުއާހަދާތަކުގައި އެއްބަސްވެފައިވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރާއްޖޭގެ ނިޔަތް ކަށަވަރު ކޮށްދޭނެ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. 

" ޚާއްޞަ ގޮތެއްގައި ދިވެހި ރާއްޖެއިން މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ދާދި އިހަކަށް ދުވަހު އަލިފުދާލުގެ ހިޔުމަންރައިޓްސް ކައުންސިލްގައި  ވެފައިވާ ކޮމިޓްމެންޓަށް އިހުތިރާމު ކުރާކަން ސާބިތުކޮށްދޭނެ ކަމެއް." މެމްބަރު ޖީހާން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.