ގެއްލުނު ލޯބި (7)

( 3 ފެބްރުއަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ދާނިޔަލްއަކީ ޒުބާގެ ބޭބެކަމަށްވިޔަސް ، ބައްޕަޔަކު ހޭހަންކުރާ ވަރަށް ޒުބާގެ ކަންކަމުގައި ޒިންމާ ނެގުމަކީ ، ދާނިޔަލްގެ ހިތުގައި ޒުބާގެ މައްޗަށް އުފެދިފައިވާ ރަޙިމުގެ ގުޅުމުގެ ލޯބީގެ ނިޝާނެކެވެ. ޒުބާއަށް ލިބޭ އެއްވެސް ތަކުލީފަކީ ، ދާނިޔަލްއަށް ބަރުދާސްތު ކުރެވޭ ކަމެއްނޫނެވެ. ޒުބާއަށް ދިމާވާ ކޮންމެކަމެއްވެސް އެނގެން ، ދާނިޔަލް ބޭނުމެވެ.

ޒުބާއާއި ދާނިޔަލްއާ ދެބެންގެ ދެމެދު އުފެދިފައިވާ ލޯބި އެއީ ، އިތުބާރެއްގެ މައްޗަށް އުފެދިފައި އޮތް އިޙްސާސެކެވެ. އެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ޒުބާގެ ކިބައިން ދާނިޔަލް އެދުނެވެ. އެކަން އެގޮތުގައި އޮންނާނެކަމަށް ޒުބާވެސް ދާނިޔަލްއަށް އޮތީ ޔަޤީންކަން ދީފައެވެ. ބޭބެ ރުޅިއަންނާތީ ، ސައިމަންއާވެސް ޒުބާ މިހާރަކު ނުގުޅައެވެ. އެ ގުޅުން އެއްކޮށް ކެނޑިގެން ދިއުމަކީ ، ޒުބާއަށްވެސް އަދި ސައިމްއަށްވެސް އެހާ ފަސޭހަ ކަމެއްނޫނެވެ. ބޭބެއަށް އޮޅުވާލަންވެގެން ، ޒުބާއަށް މަޖުބޫރުވެގެން އެކަމަށް އެއްބަސްވީ ކަމަކަށް ދާނިޔަލްއަށް ހީވެފައެއް ނެތެވެ.

" ޒުބާއެވެ ! ރަނގަޅަށް ހަނދާން ބަހައްޓައްޗެވެ. އަންހެންކުދިން ގެއިންބޭރަށް ނުކުމެގެން ދަނީ ، މައިންބަފައިން އެކުދިންނަށް ކުރ އިތުބާރުގެ ރައްކާތެރިކަމާ އެކީގައެވެ. އެ އިތުބާރުގައި ކުޑަކުޑަ ޚިލާފެއް އުފެދުނަސް ، މުޅި ޢުމުރު ދުވަހަށް އެކަމާ އެކުދިން ހިތާމަ ކުރަން ޖެހޭނެއެވެ. " ދާނިޔަލް އޭނާގެ ކޮއްކޮއަށް ވިސްނައިދީފައި ވެއެވެ.

ބޭބެ އެބުނަނީ ކީކޭކަން ، ޒުބާއަށްވެސް ރަނގަޅަށް އެނގެއެވެ. އަދި ، ޒުބާކުރަންވީ ކީއްކަންވެސް ، އޭނާއަށް އެނގެއެވެ.

ސައިމަން ގޮތް ދޫނުކޮށް ، އަދިވެސް އުޅެމުން ގެންދަނީ ގެޔަށް ނައިސް ، އޭނާގެ ރަޙުމަތްތެރިޔާގެ ގޭގައެވެ. ސައިކަލަށް ޕެޓްރޯލް އަޅަން ލާރި ނަގަނީވެސް އެ ރަޙުމަތްތެރިޔާގެ އަތުންނެވެ. އެއީ ، ދުވަހަކުވެސް ސައިމް ކުރިކަމެއް ނޫނެވެ. އެކަމަކުވެސް ، އޭނާގެ ގޮތް ދޫކުރާކަށް ސައިމް ބޭނުމެއް ނޫނެވެ. އަދިވެސް ، ސައިމް ބޭނުންވަނީ ، ޒުބާއާ ކައިވެނި ކުރާށެވެ. އެކަމަށް އޭނާގެ މައިންބަފައިން އެއްބަސް ނުވަނިސް އޭނާ ގެޔަށް ނުދާން އެހުރީ ނިންމައިގެންނެވެ.

ސައިމް އެކުރަނީ ރަނގަޅުކަމެއް ނޫންކަމަށް ޒުބާވެސް ސައިމްއަށް ވިސްނައިދެމުން ގެންދިޔައެވެ. އެހެނަސް ، ޒުބާގެ ބަހެއްވެސް ސައިމްއެއް ނާހައެވެ. ޒުބާއަށް ވިސްނޭ ގޮތުގައި ، ކައިވެނިކުރަން އިހަށް މަޑުކޮށްލަން އެބަ ޖެހެއެވެ. މިހާރު އެއީ އެކަމަށް އެންމެ ރަނގަޅު ވަގުތެއްނޫނެވެ. މިހާރު ކައިވެނިކުރަން އުޅެފިއްޔާ ހުރިހާކަމެއްވެސް ދާނީ ގޯހުން ގޯހަށެވެ.

އެމީހުން ކައިވެނިކުރަން އެންމެ ރަނގަޅު ވަގުތު ޖެހެންދެން ، ގެޔަށް އައުމަށް ސައިމްގެ ކިބައިން ޒުބާ އެދުނެވެ. އެހެންނޫނީ ސައިމްގެ މަންމަ ޒުބާދެކެ އަންނަ ރުޅި ހައްތާވެސް ގަދަވާނީއެވެ. އިބްރާހީމްވެސް އެހުންނަނީ ، ފާއިޤާ ހިތާމަކުރިޔަސް ، އެކަމާ ދެރަވާކަމަށް ނުހަދައި ، ސައިމް ގެންނަން މާބޮޑު ކަމެއް ނުކުރާށެވެ. ސައިމްއަށް ވިސްނުނީމަ އަމިއްލަޔަށް އަނބުރާ ގެޔަށް އަންނަން ދޫކޮށްލައިގެންނެވެ. މާ ގިނަދުވަހަކު ސައިމްއަކަށް ، އެގޮތަކަށް ނުހުރެވޭނެއެވެ.

ސައިމްގެ ގޮތް ދޫކުރާކަށް އެއްގޮތަކަށްވެސް ނުވިސްނައެވެ. އޭނާ ބޭނުންވަނީ ވީއެންމެ އަވަހަކަށް ޒުބާއާ ކައިވެނިކޮށް ޒުބާގެ ނަމާ އޭނާގެ ނަން އަބަދަށްޓަކައި ގުޅިގެން ދާށެވެ. ޒުބާދެކެ މަންމަމެން އަންނަ ނަފުރަތާއި ރުޅި ، ލޯތްބަށް ބަދަލު ކޮށްލުމަށެވެ. ޒުބާއާ ސައިމްއާ ދެމީހުންގެ ގުޅުން ކުރިންވެސް އޮތްގޮތަކަށް ކުރިޔަށްދާކަން ރޮޝްނާއަށްވެސް އެނގެއެވެ. އެވާހަކަ ، ޒުބާއާ ދިމާލަށް ބުނާކަށް ރޮޝްނާ ބޭނުމެއް ނޫނެވެ. ރޮޝްނާއަށް އެކަން އެނގޭކަން ޒުބާއަށްވެސް އެނގެއެވެ. ވަކި ހިސާބަކުން ، އެކަން ހުއްޓުވުމަށް ކުރަންޖެހޭކަމެއް ކުރަން ރޮޝްނާ އަންނަނީ ތައްޔާރު ވަމުންނެވެ. އިހަށް އެކަން ދޫކޮށްލައިގެން އެހުރީ ޒުބާއަށެވެ. ޒުބާއާ ސައިމް އާ ދެމީހުންގެ ގުޅުން ކަނޑައިލައިފިކަމަށް ، އިސްވެ ދާނިޔަލްގާތު ބުނީވެސް ޒުބާއެވެ. އެހެން ވީމަ ، ރޮޝްނާ ބޭނުންވަނީ ، ދާނިޔަލްގާތު ޒުބާ އެބުނި ވާހަކައިގެ އިތުބާރު ދެމެހެއްޓުން ޒުބާގެ އަތްމައްޗަށް ދޫކޮށްލުމަށެވެ.

ޒުބާވެސް އޭނާގެ ވަޢުދު ފުއްދުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ސައިމްއާ ބައްދަލު ނުކޮށެއް ނުހުރެވެއެވެ. ކޮލެޖްގެ ގަޑި ކަޓުވައިލާފައި ، ސައިމްއާ ދެމީހުން އެކި ތަންތަނުން ބައްދަލުކުރަމުން ގެންދިއުމުގައި ބައެއް ފަހަރަށް ސަލާމަތްނުވާ ހިސާބަށްވެސް ދެއެވެ. ޒުބާ އެކަނި ކޮލެޖުން ނުކުމެގެން އުޅެނިކޮށް ދާނިޔަލްމެންނާވެސް ދިމާވެއެވެ.

ޒުބާގެ ގޭގެމީހުން ، ޒުބާއާއި ސައިމްއާ ދެމީހުން ގުޅެން ބޭނުންނުވާކަން ، ސައިމްގެ ރަޙުމަތްތެރިންނަށްވެސް އެނގެއެވެ. އަދި އެއީ އެ ޙާލަތުގައި ކުރިޔަށް ގެންދިއުން ރަނގަޅު ގުޅުމެއްނޫންކަންވެސް އެކުދިން ، ސައިމްއަށް ވިސްނައިދެމުން ގެންދެއެވެ. އެކުދިން ދައްކާ އެކަހަލަ ވާހަކަތައް ، ސައިމްގެ އެއްކަންފަތުން ވަދެފައި އަނެއް ކަންފަތުން ނުކުމެގެން ދަނީއެވެ. އެކަކު ދައްކާ އެއްވާހަކައެއްވެސް ސައިމްއަކަށް ޤަބޫލެއް ނުކުރެވެއެވެ.

ރޮޝްނާއާއި ސައިމްއާ ދެމީހުންގެ މެދުގައިވެސް ހިތްހަމަ ނުޖެހުން އުފެދެމުން ދިޔައެވެ. ޒުބާއާ ދުރަށް ދިއުމަށް ރޮޝްނާވެސް ސައިމްއަށް އަމުރު ކުރަމުން ގެންދެއެވެ. އަދި ، އެކަން ނުހުއްޓައިފިނަމަ ، ރޮޝްނާވެސް ހުންނާނީ ދާނިޔަލްއެކޭ އެއްގޮތަށް ، ސައިމްގެ ކިބައިން ޒުބާ ސަލާމަތްކޮށްދިނުމަށް ކަމުގައި ރޮޝްނާ ބުނަމުން ގެންދެއެވެ.

ސައިމްގޮސް އެއުޅެނީ އޭނާގެ ރައްޓެއްސެއްގެ ގޭގައި ، ފިލާވަޅު ދަސްކުރުމަށް ގޮސްކަމުގައި ބުނެފައި އިއްވައި ، އިބްރާހީމާ ދިމާވެގެން ، ސައިމްގެ ކަންތައް ފަޅައި އަރުވާލައިފިއެވެ. އަދި ، އެގެއިން ސައިމްއަށް ނުކުންނަން ޖެހުނެވެ. އިބްރާހީމް ބުނެފައި އޮތް ގޮތުގައި ސައިމް ގޮސް އެއުޅެނީ އަންހެން ކުއްޖެއްގެ ކަންތަކުގައި މައިންބަފައިންނާ ރުޅިހަދާފައެވެ.

ސައިމް އެގެއިން ނެރެލިކަން ފާއިޤާއަށްވެސް އެނގުނެވެ. ފާއިޤާގެ ހިތުގައި އަޅާ ވޭނަކީ ، ސައިމްގެ ގޮތްދޫނުކުރުމާ އަޅައިބަލާއިރު ، މާބޮޑު ތަކުލީފެކެވެ. ސައިމް ގޮތްދޫނުކުރިޔަސް ، ފާއިޤާއަށް ދެން ކެތެއް ނުކުރެވޭނެއެވެ. އިބްރާހީމްގާތުގައިވެސް ފާއިޤާ މިހާރު އެވާހަކަ ދައްކައިފިއެވެ. ޒުބާމެންގެޔަށް އޭނާގެ ދަރިފުޅުގެ ކައިވެނީގެ ދަޢުވަތު ހިފައިގެން ދިއުމަށް ފާއިޤާ މިހާރު އޮތީ ނިންމާފައެވެ. ފާއިޤާގެ ވާހަކަޔަށް ދެކޮޅު ހަދާކަށް އިބްރާހީމްވެސް ބޭނުމެއް ނޫނެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ޙައްޤުގައި ޤުރްބާނީތަކެއް ވާން ޖެހުމަކީ ، އިބްރާހީމަށްވެސް މައްސަލައެއް ނޫނެވެ. އެ ދެކުދިންގެ ކަންތައް މިހާރު ދެން އެދަނީ ތަންކޮޅެއް ބޮޑުވެސް ވަމުންނެވެ. ގޯހެއް ނުހަދަނިސް ، އެކަމަށް ޙައްލެއް ގެންނަން އެބަ ޖެހެއެވެ.

ސައިމް އެގެއިން ނުކުމެގެންދާނެ އެހެންތަނެއް ނުލިބިގެން އެރޭ އޮތީ ޕާކެއްގެ ތެރޭހުރި އަށްޓެއްގައި ޖައްސާލައިގެންނެވެ. އެހެން އޮއްވައި ޒުބާގެ ފޯނެއް އައެވެ. ސައިމް އެގެއިންވެސް ނެރެލިކަން ޒުބާއަށް އޮތީ އެނގިފައެވެ. ޒުބާއަށްވެސް ނިދެނީކީ ނޫނެވެ. އެރެޔަކީ އިންތިހާއަށް ފިނި ރެޔެކެވެ. ނެޓްވޯކް ނުލިބިގެން ، މަގުމައްޗަށް ނުކުމެ ވީޑިއޯ ކޯލެއްގައި ޒުބާއާ ވާހަކަ ދައްކަން ހުޢްޓާ ސައިކަލެއްގައި އައި ދެމީހަކު ، ސައިމްގެ ފޯނު ޖަހައިގަތެވެ. އެމަންޒަރު ޒުބާއަށް ފެނުނެވެ. ސައިމް ބިންމައްޗަށް ވެއްޓުނުތަންވެސް ޒުބާ ދުށްޓެވެ. އެމީހުން ދަމުން ބަޑިޖެހިއަޑުވެސް ޒުބާއަށް އިވުނެވެ. އޭގެފަހުން ވީގޮތެއް ނޭނގުނެވެ.

އެނދުން ފުންމާލައިގެން ސައިމްމެންގެޔަށް ދާން ޒުބާ ނިންމިއެވެ. އެއީ ވަރަށް ޚައްޞާޞް ދަނޑިވަޅެކެވެ. ފާއިޤާއަށް އެވާހަކަ ނުއަންގައި ޒުބާ ހުރެގެން ނުވާނެއެވެ. ސައިމް މަރުވެސް ވެދާނެއެވެ. ފާއިޤާއަށް އެކަން ނުއަންގައި ހުއްޓައި ސައިމް މަރުވެއްޖެނަމަ ، ޒުބާ އޭނާގެ އަމިއްލަ ނަފުސަށް މަޢާފެއް ނުކުރާނެއެވެ.

ހުސްފަޔާ ދުވަމުން ޒުބާ ނުކުމެގެން ގޭޓާހަމަޔަށް ނުދެވެނިސް ، ގޭގެ ޗޯކީދާރު އައިސް ޒުބާ ހުއްޓުވިއެވެ. ޒުބާ އެދަނީ ވަރަށް މުހިންމު ބޭނުމަކު ފާއިޤާ ދައްތަގާތު ވާހަކައެއް ބުނުމަށްކަމުގައި ޒުބާ ބުނަމުން ގެންދިޔައެވެ. ޒުބާ އެ ދަންވަރު އެގެއިން ނުކުމެގެން ހިނގައްޖެނަމަ ، އޭނާގެ ވަޒީފާ އެ ގެއްލުނީކަން ޗޯކީދާރަށް އެނގެއެވެ.  އެހެންކަމުން ، ފާއިޤާގާތު ޒުބާ ބުނަން ބޭނުންވާ ވާހަކައެއް އޭނާގާތު ބުނުމަށް ޗޯކީދާރު އެދުނެވެ. އޭރަށް ، އޭނާގޮސް އެވާހަކައެއް ފާއިޤާމެންނަށް އަންގަފާނެއެވެ. އެކަމަކު ، އެ ދަންވަރު ޒުބާ އެގެއިން ބޭރަށްދާކަށް އޭނާއަކަށް ދުލެއް ނުކުރެވޭނެއެވެ.

ޒުބާއާއި ޗޯކީދާރާ ދެމީހުން ވާހަކަ ދައްކަން ތިއްބާ ދާނިޔަލްގެ ދެމަފިރިން އައިސް ގެޔަށް ވަދެ ވެގެން އުޅެނީ ކީއްތޯ އަހުމުން ، ޒުބާއަކަށް ވަކި އެއްޗެއް ނުބުނެވުނެވެ. ސައިމްއަށް ކަމެއްވެގެން އުޅޭވާހަކަ ޒުބާގެ ފަރާތުން ދާނިޔަލްއަށް އެނގިއްޖިއްޔާ އެހިސާބުން ، އޭނާގެ ދުވަސް އެދިޔައީއެވެ. ދާނިޔަލްމެންގެ ސުއާލަށް ޖަވާބުދޭން ޖެހުނީ ޗޯކީދާރަށެވެ. ޒުބާ އެހުރީ ހުސްފަޔާއެވެ. މިއޮށްދަންވަރު ހުސްފަޔާ ދޮރުމަތީގައިވިޔަސް ހުރެގެން ނުވާނެކަމަށް އޭނާ ބުނީމަ އެކަމާ ޒުބާ ޒުވާބު ކުރަނީކަމުގައި ޗޯކީދާރު ބުންޏެވެ.

ރޮޝްނާ އައިސް ޒުބާގެ ނިތްކުރީގައި އަތްޖައްސައިލިއިރު ، ޒުބާގެ ހުން ހުއްޓެވެ. އެހެންކަމުން އެއޮށްފިނީގައި ހުސްފަޔާ ދޮރުމަތީ ހުރެގެން ނުވާނެކަމަށް ރޮޝްނާ ބުންޏެވެ. އަދި ، ބޭސްކާން ހިނގާށޭ ބުނެ ގަދަކަމުން ، ޒުބާ ގެޔަށް ވެއްދިއެވެ.

ޒުބާ ގޮވައިގެން ޒުބާގެ ކޮޓަރިޔަށް ވަދެވުމާއެކީ ، ކޮޓަރި ތަޅުލައި ، ސައިމްއަށް ގޮތެއް ވެއްޖެކަމުގައި ބުނެ ، ޒުބާއަށް ފެނުނު މަންޒަރާއި އިވުނު އަޑުތަކުގެ ވާހަކަ ރޮޝްނާގާތު ބުންޏެވެ. ޒުބާ ހުރީ ހާސްވެގެންގޮސް މަރުވާވަރު ވެފައެވެ. އެހެންކަމުން ރޮޝްނާއަށްވެސް ، ޒުބާއަށް އެހީތެރިވާން މަޖްބޫރު ވިއެވެ.

ފާއިޤާއަށް ފޯނު ކުރުމަށްފަހު ، ސައިމްއާ ބެހޭގޮތުން ޒުބާ ދެއްކި ވާހަކަތައް ފާއިޤާގާތު ރޮޝްނާ ކިޔައި ދިނެވެ. އެހިސާބުން އިބްރާހީމްވެސް އޭނާ ދަންނަ މީހަކަށް ވިއްޔާ ގުޅައި ސައިމް ހޯދުމުގެ މަސައްކަތް ފެއްޓިއެވެ. ޒުބާ ބުނިގޮތުގައި ސައިމް ހުރީ ޕާކެއްގައެވެ. އިބްރާހީމްގެ ދެމަފިރިން ނުކުމެ ، ހޮސްޕިޓަލްތަކާއި ޕާކްތައް ބަލަމުން ގެންދިޔައެވެ.

ނަސީބަކުން ، ސައިމްގެ ގަޔަށް ބަޑީގެ ވަޒަނެއް ނާރައެވެ. އެމީހުން ކޮށްޕައިލީމަ ، މަގުމައްޗަށް ވެއްޓުމުގެ ސަބަބުން ސައިމްގެ ކޮނޑުހުޅަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުއްޓެވެ. ވަރަށް މަސައްކަތުން ކޮޅަށް ތެދުވެ ، މަގުމަތިން ދިޔަ މީހެއްގެ ފޯނުން ، އޭނާގެ ރައްޓެއްސަކަށް ގުޅައި އެވާހަކަ ކިޔައިދިނުމުން ، އެކުދިން އައިސް ، ސައިމް ހޮސްޕިޓަލަށް ގެންދިޔައެވެ.

އެހެން އެއްވެސް މީހެއްގާތު އެވާހަކަ ނުބުނުމަށް ސައިމް އޮތީ އެކުދިންގާތު ބުނެފައެވެ. އެހެނަސް ، އެކުދިންނަށްވެސް ޙައްދެއް އޮންނާނެއެވެ. ސައިމް ބޭނުންހާގޮތަކަށް އުޅެއުޅެފައި އެކުދިން ލައްވާވެސް ގޯސް ހައްދުވަނީއެވެ. އެރޭ ހަތަރުދަމު ، ސައިމްގެ މަންމައާއި ބައްޕަ ، އެއްތަނުން އަނެއްތަނަށް ގޮސް ، އެމީހުންނަށް އެހީތެރިވާންތިބި މީހަކަށް ގުޅައިގެން ސައިމް ހޯދަމުން ގެންދިޔައެވެ. އޭގެ ތެރެއިން ބައެއް ކުދިންނާވެސް ފާއިޤާވެސް އަދި އިބްރާހީމްވެސް ގުޅިއެވެ. އިބްރާހީމްމެންގާތު ސައިމް އޮތްތަނެއްގެ ވާހަކަ ބުނަން އެކުދިންނަށް މަޖުބޫރު ވިއެވެ.

އެންމެފަހުން ސައިމް ހުރިކަން އިބްރާހީމަށް އެނގިފައި އޮތީ ، އޭގެ ތެރެއިން މުރާދުމެންގޭގައެވެ. މުރާދުގެ ބައްޕަ ގާތު އިބްރާހީމް އޮތީ ސައިމްގެ ވާހަކަ ދައްކާފައެވެ. މުރާދުމެން ގެއިން ނެރެލިކަންވެސް މުރާދުގެ ބައްޕަ އޮތީ އިބްރާހީމްގާތު ބުނެފައެވެ. އެހެންކަމުން އިބްރާހީމް ، މުރާދަށްވެސް ގުޅިއެވެ. އިބްރާހީމް އާދޭސްކުރި ވަރުން ، އެވާހަކަ އިބްރާހީމްގާތު ބުނީ މުރާދެވެ. އެކަމާ ސައިމް ހިތްހަމަ ނުޖެހުނަސް ، އެކަން ކުރަން އޭނާއަށް މަޖުބޫރު ވީއެވެ. އެއީ ، ސައިމްއަށް ހެޔޮއެދިގެން ކުރި ކަމެކެވެ. ހޮސްޕިޓަލަކަށްގޮސް ، މަލަން ކޮޅެއް އަޅަން ޚަރަދެއް ކޮށްލާނެވަރުވެސް ، ސައިމްގެ އަތުގައި ނުހުންނާނެކަން މުރާދަށް އެނގެއެވެ.

ފާއިޤާމެން ހޮސްޕިޓަލަށްގޮސް ، އެމީހުންނާއެކީ ސައިމް ގެޔަށް އައުމަށް އެދުނެވެ. އެކަމަށް ސައިމް އެއްބަސްވާނީ ޒުބާއާ ގުޅައިލާފައިކަމުގައި ސައިމް ބުންޏެވެ. އޭރުވެސް ، ޒުބާދިޔައީ ރޮޝްނާގެ އުނގުގައި ބޯއަޅައިގެން އޮވެ ރޮމުންނެވެ. ގޭގެ މީހުންނަށް އެކަންތައްގަނޑު އެނގުމުގެ ކުރިން ، ޒުބާ ހަމަޔަކަށް އެޅުވުމަށް ރޮޝްނާ މަސައްކަތް ކުރިއެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް ، ރޮޝްނާގެ ފޯނަށް ސައިމް ގުޅައި ޒުބާއާ ވާހަކަ ދެއްކުމުގެ ފުރުޞަތަކަށް އެދުނެވެ.

ސައިމްއަށް އެއްވެސް ކަމެއް ނުވާކަމަށް ސައިމް ބުންޏެވެ. ބަޑީގެ ވަޒަނެއްވެސް ، ނަޞީބަކުން ސައިމްގެ ގަޔަކަށް ނާރައެވެ. ހަމައެކަނި ބިންމައްޗަށް ވެއްޓި ، ކޮނޑަށް ތަދުވީއެވެ. ސައިމް ގެޔަށް އައުމަށް އެދި ޒުބާވެސް އެތައްވަރަކަށް އާދޭސް ކުރިއެވެ. އެންމެފަހުން ، މަންމަމެންނާއެކީ ގެޔަށް ދިއުމަށް ސައިމްވެސް ނިންމިއެވެ.

ޒުބާގެ މައްސަލައިގާ ، ރޮޝްނާއަށް ހުރެވެނީ ހަދާނެގޮތް ބޮޑުވެފައެވެ. ޒުބާގެ ޙާލު އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީވެސް ރޮޝްނާއަށެވެ. ރޮޝްނާއަށްވުރެ ގާތް އެހެންމީހަކު ޒުބާގެ ނުހުންނާނެއެވެ. އަނެއްކޮޅުން ، ޒުބާއާއި ސައިމްގެ ކަންތަކުގައި ދާނިޔަލް ހުންނަނީ ޒުބާއާވެސް އަދި ރޮޝްނާއާވެސް ދެކޮޅަށެވެ. އެކަމުގެ ޙަޤީޤަތް ދާނިޔަލްގާތު ބުނަން ރޮޝްނާ ބިރުގަނެއެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީއެވެ. މިހާރުވެސް ، ރޮޝްނާ އެގެންދަނީ ، ދާނިޔަލްއަށް ދޮގު ހަދަމުންނެވެ. ބައެއްފަހަރަށް ދާނިޔަލްއަށް ، ރޮޝްނާއަށް ޝައްކުކުރަންވެސް ޖެހެއެވެ. އެދެމަފިރިންގެ ގުޅުމަށްވެސް އެކަމުގެ އަސަރު ކުރަމުން އެބަ ދެއެވެ. އެހެންކަމުން ، ދާނިޔަލްގާތު ، ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދިނުމަށް ރޮޝްނާ ނިންމިއެވެ. އޭރަށް ފަހަރެއްގައި ދާނިޔަލް އެކަން ޤަބޫލުކޮށް ، ޒުބާއަށް އެހީތެރިވެދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޒުބާގެ ކައިވެންޏަށް އެދި ފާއިޤާގެ ދެމަފިރިން ޒުބާގެ މައިންބަފައިންނާ ބައްދަލުކުރަން ދިޔައެވެ. އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. އެޚަބަރު ، ސައިމްވެސް ވަގުތުން ޒުބާއަށް ދިނެވެ.

ފާއިޤާގެ ދެމަފިރިންނަށް ، ޒުބާގެ މައިންބަފައިންގެ ފަރާތުން ލިބުނީ ފިނި ތަރުޙީބެކެވެ. ޒުބާގެ ކައިވެނި ކުރެވޭނީ އޭނާގެ ކިޔެވުން ނިމި ، ޑޮކްޓަރަކަށް ވުމުންކަމުގައި ޒުބާގެ ބައްޕަ ބުންޏެވެ. ޒުބާއަކީ އެމީހުން ނޭދޭ ގޮތަކަށް ހަދާނެ ކުއްޖެއް ނޫނެވެ. ކައިވެނީގެ ކަންތަކުގައި އަވަސް އަރުވާލައިގެން ޒުބާގެ ބޮލަށް އެކަން ވައްދައިގެން އެއުޅެނީ ސައިމްކަމަށް ޒުބާގެ މައިންބަފައިން ބުނެ ، ސައިމްގެ ބޮލުގައި އިލްޒާމް އެޅުވިއެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.