މެންދުރު ފަހު ދަންފަޅީގައި 2021 ގެ 34.9 ބިިލިއަން ރުފިޔާގެ ބަޖެޓަށް ވޯޓަށް އަހަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މެންދުރުފަހު ދަންފަޅީގައި އަންނަ އަހަރަށް ލަފާކުރާ ދައުލަަތުގެ ބަޖެޓަށް ވޯޓަށް އައްސަވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިއްލާން ކުރައްވައިފިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓަށް ވޯޓަށް އެއްސެވުން ކުރިއަށް ގެންދަވަނީ މިއަދު މެންދުރު 1:45 ގައި ކަމަށެވެ. 

ބަޖެޓް ކޮމެޓީގެ ރިޕޯޓްގެ ބަހުސްގައި  ހަތަރު ގަޑީއިރާއި ހަތްމިނެޓް ވަގުތެއްގައި 37 މެމްބަރުން ވާހަކަ ފުޅު ދެއްކެވިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ބަޖެޓް ކޮމެޓީގެ ރިޕޯޓަށް ހަ އިސްލާހެއް ހުށަހެޅިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ބަޖެޓަށް ވޯޓަށް އެއްސެވުމުގައި  ފުރަތަމަ ފުރުސަތު ދެއްވާނީ ހުށަހެޅިފައިވާ އިސްލާހުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެ އިސްލާޙުތަކަށް ވޯޓަށް އެހުމަށެވެ. ބަޖެޓަށް ވޯޓަށް އައް ސަވާނީ އިސްލާހުތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ފާސްވާ އިސްލާހުތަކާ އެކުގައެވެ. 

ބަޖެޓް ދިރާސާކޮށް ކޮމެޓީން ގެނައި ބަދަލުތަކުން ބަޖެޓް ޖުމުލަ އަދަދުވެސް ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރު ވެފައެވެ. ސަރުކާރުން ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލާއެކު ބަޖެޓަށް ވަނީ 134.99 މިލިއަން ރުފިޔާ އިތުރު ވެފައެވެ. 

ނަމަވެސް ދަރަނި ވަނީ 12 ބިލިއަން ރުފިޔާއަށް ކުޑަކޮށް ފައެވެ ސަރުކާރުން ހުށަހެޅި ބަޖެޓް ދަރަނި ނުވަތަ ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައި އޮތީ 15.5 ބިލިއަން ރުފިޔާއަށެވެ.  

ކޮމެޓީން ބަޖެޓް ދިރާސާކޮށް ގެނައި ބަދަލުތަކުން އާމްދަނީ ލިބޭނެކަމަށް ޖަހައިފައިވާ ޢަދަދު ވަނީ 21ބިލިއަނަށް އިތުރުކޮށްފައެވެ. ސަރުކާރުން ހުށަހެޅި ބަޖެޓްގައި ހިލޭ އެހީއާއި އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ.

ކޮމެޓީން ގެނައި ބަދަލާއެކު އައި ބަދަލު:

  • ދައުލަތަށް ލިބޭނެ އާމްދަނީ ޖުމުލަ: 21،128،527،243
  • ދައުލަތުގެ ހަރަދު ޖުމުލަ: 34،922،716،599
  • ބަޖެޓް ޑެފިސިޓް: 12،333،002،225

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް ހުށަހެޅުއްވައިފައިި ވަނީ އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާއިން އިތުރުކުރުމަށެވެ. މިޢަދަދުގައި ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަން ރުފިޔާއަށް އިތުރުކުރުމުން ޖުމުލަ އާމްދަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ވަނީ ކަނޑައަޅައިފައެވެ.

އާމްދަނީ އިތުރުކުރަން ހުށަހެޅިގޮތްތައް:

  • ޓީޖީއެސްޓީ: 598 މިލިއަން
  • ގްރީން ޓެކްސް: 253 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
  • އޭޑީސީ: 219 މިލިއަން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
  • އެހެނިހެން އާމްދަނީއާއި ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން

ބަޖެޓު ދިރާސާކޮށް ކޮމެޓިން ވަނީ ޕީއެސް އައިޕީގެ މަޝްރޫޢުތަކަށްވެސް އުނިއިތުރު ގެނެސްފައެވެ. އަދި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސްފައެވެ. ޕީއެސްއައިޕީ ނުހިމެނޭ ގޮތަށް އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް ވެސް ވަނީ އުނިއިތުރު ގެނެސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.