ބަޖެޓު2021: އަންނަ އަހަރު އެންމެ ބޮޑު ޚަރަދެއް އިޤްތިޞާދީ ޙަރަކާތްތަކާއި އާންމު ޚިދުމަތްތަކަށް

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގެ ޢަދަދަކީ 34.7  ބިލިއަން ރުފިޔާއެވެ. މި ބަޖެޓްގެ ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 33,297 ބިލިއަން ރުފިޔާ އެވެ. ދައުލަތުން ކުރާ ޚަރަދު ބެހިގެންވަނީ މައިގަނޑު ގޮތެއްގައި ދެ ބަޔަކަށެވެ. އެއީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަހުން ދުވަހަށް ޚިދުމަތް ދިނުމަށާއި ރައްޔިތުންނަށް އެކިއެކި ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް ހިނގަމުންދާ ޚަރަދު (ރިކަރަންޓް ޚަރަދު) އާއި ޢުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި މެޝިނަރީ ފަދަ ކެޕިޓަލް އައިޓަމްތަކަށް ހޭދަވާ ޚަރަދު (ކެޕިޓަލް ޚަރަދު) ގެ މައްޗަށެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5  ބިލިއަން ރުފިޔާކަމަށް ބެޖެޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައިވަނީ އިޤްތިޞާދީ ޙަރަކާތްތަކަށާއި ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކަށެވެ. މިދެބަޔަށް ވެސް 6.9  ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ޞިއްޙީ ދާއިރާއަށް 4 ބިލިއަން ރުފިޔާ:-

ސިއްހީ ދިނުމާއި ޚިދުމަތްތައް ފުޅާކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް 3.27 ބިލިއަން ރުފިޔާ، އަދި އާންމު ސިއްހީ ޚިދުމަތްތަކަށް 765.6 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

އަންނަ އަހަރުގެ ބެޖެޓްގައި ވެސް ކޯވިޑަށް ކުރަންޖެހޭ ޚަރަދުތައް ވަނީ ހިމަނުއްވައިފައެވެ. ވެކްސިންއެއް ފެނިއްޖެނަމަ އެވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެކަމަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. ސަރަހައްދީ ތަރައްޤީގެ ތަސައްވުރާއެކު، 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންޤިލާބީ ބަދަލަށް ވެގެންދާނެކަމަށް ވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ފަސް ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަކީ މިގޮތުން އަންނަ އަހަރު ކުރެވޭނެ އެންމެ މުހުންމު މަސައްކަތައްކަމަށް ވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯރެޓަރީގެ ޚިދުމަތްތައް ލިބޭ ނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަޝްރޫޢުކަން ވެސް ފާހަގަ ކުރެއްވިއެވެ. މި މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ އަހަރު މެންޓަލް ހެލްތު ސެންޓަރ ގެ ޔުނިޓުތައް އަތޮޅުތެރޭގައި ޤާއިމުކުރުމަށް ރޭވިފައިވާކަމަށް ވެސް ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ:-

ތައުލީމީ ޚިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް 2021 ގެ ބަޖެޓުގައި 3.95 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ފަށާ ތަޢުލީމާއި ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް ތިން ބިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 914.4 މިލިއަން ރުފިޔާ މަތީ ތައުލީމަށް ޚަރަދުކުރެވޭނެ ކަމަށް ވަނީ ބަޖެޓް ޖަހައިފައެވެ.

"މިއީ އިޤްތިސާދީ ހަރަކާތްތައް ފުޅާވެ، އަލުން ތަރުތީބުވެ، އާރާސްތުކުރަމުންދާ ދަ ނޑިވަޅެއްގައި ބޭނުންވާ ވޯރކްފޯސް ބިނާކުރުމަށާއި، ތަޢުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއް." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

 ތަޢުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާކަން  ފާހަގަ ކުރެއްވިއެވެ.  މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާކަންފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.  ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމެނިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް މި ސަރަޙައްދުތަކުން ލިބޭނެ މަގު ފަހިކޮށްދިނުން." މިނިސްޓްރ އަމީރު ވިދާޅުވިއެވެ.

 ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމްތަކެއް ރޭވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ޤާ އިމުކުރުމަށް ވާނީ ބަޖެޓުކޮށްފައިކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލެ، ކުޅުދުއްފުށި، ފުވައްމުލަ އް އަދި ރ.އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ޤާއިމުކުރުމަށް ވެސް ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ޤާއިމުކުރުމަށާއި، ޤައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުޅާ ކުރުމަށް ވެސް ބަޖެޓުގައި ހުށަހަޅާ ފައިވާނެކަމަށް ވިދާޅުވިއެވެ.

މަތީ ތަޢުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުކުރެވިފައިވާކަން ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެކަން ފާހަގަ ކުރެއްވިއެވެ. އަދި ރިޒޯޓުތަކުގެ ސީނިއަރ މެ ނޭޖްމަންޓް މަޤާމްތަކު ގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްކުރެވިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ. މިކަންކަމަކީ، ރިޒީލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަންކަންކަންވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އިޤްތިޞާދީ އަދި ސިނާއީ ކުރިއެރުވުމަށް 6.9 ބިލިއަން ރުފިޔާ:-

އިޤްތިޞާދީ އަދި ސިނާއީ ކުރިއެރުވުމަށް ހިންގޭ މަޝްރޫއުތަކާއި އެހެނިހެން ޚަރަދުތަކަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 6.99 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ފުޅާކުރުމަށެވެ. އެއީ 3.7 ބިލިއަން ރުފިޔާއެވެ. ދަވަނަ އަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިފައި ވަނީ ދަތުރު ފަތުރަށެވެ. އެއީ 2.7 ބިލިއަން ރުފިޔާއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ބެޖެޓްކޮށްފައިވަނީ 236.6 މިލިއަން ރުފިޔާއެވެ. ހަކަތައަށް 150.8 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު މުޢާސަލާތަށް 100 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

"މިއީ އިޤްތިސާދު އާރާސްތުކޮށް، ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައިވާ ބަޖެޓެއް." ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ވުދާޅުވިއެވެ.

 ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަ ނޑައަޅާފައިވާކަން ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމުކަން ފާހަގަ ކުރައްވައި އަހަރުގެ ބަޖެޓުގައި ވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ސަރުކާރުގެ ސަރަހައްދީ ތަރައްޤީ ގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް ން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޑޮމެސްޓިކް ގިނަ އެއާޕޯޓުތައް ތަރައްޤީ ކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ރޭވިފައިކަން ވެސް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް 476 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓު ކޮށްފައިވާކަން ވެސް ފިނޭން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"މި ޕޯޓަކީ އަޅުގަ ނޑުމެން އެންމެންގެ އުންމީދާގުޅިފައިވާ ކަމެއް. މީގެ އިތުރުން ރާއްޖޭގެ އުތުރާ ދެކުނު ގައި ސަރަހައްދީ ޕޯޓުތައް ތަރައްޤީކުރުމާއި ޚިދުމަތްތައް ފުޅާކުރުމަށް މި ބަޖެޓުން އިސްކަންދީފައިވާނެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުތަކާއެކު، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުން" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށްދާނެކަން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. އެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް މިހާރު ވަނީ ހަމަޖެހިފައވާކަން ފާހަގަ ކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް 469 މިލއަން ރުފިޔާ ބަޖެޓުކޮށްފައިވާކަމަށް ވިދާޅުވިއެވެ.  މިނޫންވެސް ގިނަ ކަންތައްތަކެއް އިޤްޞާދީ ދާއިރާއިން ރޭވިފައިވެއެވެ.

އިޖުތިމާއީ ރައްކާތެރިކަމަށް 3.7 ބިލިއަން ރުފިޔާ:-

އިޖުތިމާއީ ރައްކާތެރިކަމަށް 3.7 ބިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ކަނޑަ އަޅައިފައެވެ. މީގެ ތެރޭގައި ބަލިވުމާއި ނުކުޅެދުންތެރިކަމަށް ދޭ އެހީއަށް 1.1 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، އުމުރުން ދުވަސްވީ ފަރާތްތަކަށް 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ކުޑަކުދިންނާއި އާއިލީ ޚިދުމަތް ތަކަށް ކަނޑައަޅައިފައި ވަނީ 186 މިލިއަން ރުފިޔާއެވެ. ޔަތީމު ކުދިންނާއި ބަލަދުވެރިޔަކު ނެތް ފަރާތްތަކަށް ކުރާ ޚަރަދުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 62.85 މިލިއަން ރުފިޔާއެވެ. އަދި އެހެނިހެން - އިޖުތިމާއީ ރައްކާތެރިކަންކަމަށް 941.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށް 2.3 ބިލިއަން ރުފިޔާ:-

ޖަމާއަތުގެ ފައިދާއަށް ކުރާ ޚަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބެޖެޓްގައި 1.47 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ގެދޮރު ބިނާކުރުމަށް 715.9 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބެޖެޓްގައި ޖަހައިފައި ވެއެވެ. ބޯފެން ފޯރުކޮށް ދިނުމަށް 141.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މަގު ބައްތިޖެހުމަށް ވެސް 1.6 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ:-

ތިމާވެށި ރައްކާތެރިކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 1.85 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެތެރޭގައި އެންމެ ބޮޑު ޚަރަދެއް ކަނޑައެޅިފައިވަނީ ނަރުދަމާ ނިޒާމު ޤާއިމްކުރުމަށެވެ. އެކަމަށް 1.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ދެވަނަ އަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިފައި ވަނީ ރައްކާތެރި ގޮތެއްގައި ކުނި ބެލެހެއްޓުމަށެވެ. ޖައްވައް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތަށް 5.1 މިލިއަން ރުފިޔާ ކަނޑައަޅައިފައި ވެއެވެ. ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް 167.9 މިލިއަން ކަނޑައަޅައިފައިވާއިރު، ތިމާވެށި ރައްކާތެރިކުރުމުގެ އެހެނިހެން ޚަރަދުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 138.3 މިލިއަން ރުފިޔާއެވެ.

ދިފާއީ ކަންކަން ބެލެހެއްޓުމަށް 1.4 ބިލިއަން ރުފިޔާ:-

ދިފާއީ ކަންކަން ބެލެހެއްޓުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 1.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ މިލިޓަރީ ޑިފެންސަށެވެ. އެއީ 1.27 ބިލިއަން ރުފިޔާއެވެ. ސިވިލް ޑިފެންސަށް ކަނޑައަޅައިފައިވަނީ 158.9 މިލިއަން ރުފިޔާއެވެ.

އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް 2.7 ބިލިއަންރުފުޔާ:-

އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުން 2.78 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މިބައިން ކުރެވޭ ޚަރަދުގެ އެންމެ ބޮޑުބައެއް ހޭދަކުރެވެނީ ބޯޑަރ ބެލެހެއްޓުމާއި އަމަންއަމާންކަން ގާއިމުކުރުމަށެވެ. މިކަމަށް 1.66 ބިމިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ޢަދުލު އިންސާފު ގާއިމުކުރުން މަށް ކަނޑައެޅިފައިވަނީ 729.98 މިލިއަން ރުފިޔާއެވެ. ބަންދުގައި ބޭތިއްބުމާއި އަދި ރިހެބިލިޓޭޝަންއަށް ކުރާ ޚަރަދުގެ  ގޮތުގައި ކަނޑައަޅައިފައި ވަނީ 387.77 މިލިއަން ރުފިޔާއެވެ. އަލިފާނުގެ ހާދިސާ އަދި ހާލުގައިޖެހިގެން ސަލާމަތްކުރުމަށް ކުރާ ޚަރަދަށް ކަނޑައަޅައިފައިވަނީ ބައިމިލިއަން ރުފިޔާއެވެ. އެއީ 2019 ވަނަ އަހަރަށް ވުރެވެސް ކުޑަ ބަޖެޓެކެވެ.

އާންމު ޚިދުމަތްތަކަށް 6.9 ބިލިއަން ރުފިޔާ:-

ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކަށް ކުރެވޭނެ ޚަރަދުގެ ގޮތުގައި 2021 ވަނައަހަރަށް 6.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައި ވަނީ ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށާއި ދަރަނި އަދާކުރުމަށެވެ. އެއީ ހަތަރު ބިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ޤާނޫނުތައް ހެދުމާއި މާލީ އަދި ފިސްކަލް ކަންތައްތަކާއި ޚާރިޖީ ސިޔާސަތުތަކަށް ކުރާ ޚަރަދު ގެ ގޮތުގައި ލަފާކުރައްވައިފައި ވަނީ 2.7 ބިލިއަން ރުފިޔާއެވެ. އަދި އާންމު ޚިދުމަތް ތަކަށް ޚަރަދު ވާނެކަމަށް ލަފާކޮށްފައިވަނީ 153 މިލިއަން ރުފިޔާއެވެ.

އިޖުތިމާއީ އަދި ދީނީ ޚިދުމަތްތަކަށް 768.9 މިލިއަން ރުފިޔާ:-

އިޖުތިމާއީ އަދި ދީނީ ޚިދުމަތް ދިނުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 768.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައިވަނީ މުނިފޫހިފިލުވުމާއި ކުޅިވަރަށެވެ. އެއީ 454.6 މިލިއަން ރުފިޔާއެވެ. ދީނީ ޚިދުމަތަށް 268 މިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. ސަގާފީ ހިދުމަތްތައް 39.2 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ބްރޯޑްކާސްޓްކުރުމާއި ޝާއިޢުކުރުމުގެ ހިދުމަތަށް ކަނޑައެޅިފައިވަނީ ހަތް މިލިއަން ރުފިޔާއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.