މަޖިލީސް ކުރާގޭގައި ޖާސޫސީ އާލާތްތަކެއް ހަރުކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަނާޅައި ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ޖާސޫސް ކޮށް އަޑުއަހާ (ބަގްކުރާ) އާލާތެއް ހަރުކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަނާޅައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވުން ރިޔާސަތުން އަންގާ އެނގުމުގައި މަޖިލީހުގެ ރައީސް ވަނީ މިކަން ހާމަކުރައްވައިފައެވެ. މިކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވީ ސާރޖެންޓް އެޓް އާރމްސްކަމަށް ވެސް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް، ވިދާޅުވީ މަޖިލީހުގެ ކޮމިޓީކޮޓަރިއަކާއި މަޖިލީހުގެ ރައީސާއި ނާއިބް ރައިސްގެ ކޮޓަރިތކޮޅުގައި ވެސް ސިއްރުން އަޑު އެހޭނެ ޑިވަސްތަކެއް ހަރުކުރުމަށް މަސައްކަތްކުރިކަމަށެވެ. ނަމަވެސް އެކަން ނާކާމިޔާބު ކޮށްފައިވާކަމަށެވެ.

ޖާސޫސީ އާލާތްހަރުކުރުމަށް މަސައްކަތްކުރީ ފުލުހެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެކަން ކުރަން އުޅުނީ މަޖިލީހުގެ އަންހެން މުވައްޒަފަކަށް ގުޅައިގެން ކަމަށް ވެސް ވިދާޅުވިއެވެ. މަޖިލީހުގެ ސެކިއުރިޓީންނަށް އެ މައުލޫމާތު ދިނީ އެ އަންހެން މުވައްޒަފު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މައްސަލަ ފުލުހަށް ހުށަހެޅުއްވުމަށް ބޭނުންފުޅު ނުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ބެލުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ފޮނުއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގައި މިފަދަ ސިއްރުން އަޑުއެހޭ އާލާތްތަކެއް ހަރުކުރުމަށް މަސައްކަތްކުރި އެއްވެސް ސަބަބެއް ވިސްނި ވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް މިކަންކުރި މީހުންނަށް މިކަންނުވެ ފެއިލް ވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.