އާ ސަރުކާރު ވެރިކަމާ ހަވާލުވުން އެކަމުގެ ވަގުތުގައި ކުރިއަށްދާނެ: ސެނެޓުގެ މެޖޯރިޓީ ލީޑަރު

މި ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓު ރައީސުކަމާ ހަވާލުވެވަޑައިގަތުން އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރިއަށް ދާނެ ކަމަށް ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޮނެލް ވިދާޅުވެއްޖެއެވެ. އޭނާއަކި ރައީސު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅެކެވެ.

"މިސަރުކާރުން ދެން އަންނަ ސަރުކާރަށް ވެރިކަން ބަދަލުކުރުން އަހަރުމެން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާނަން. ދެން އަހަރުމެން މި ދައްކާ ވާހަކަތަކަކީ ބޭކާރު ވާހަކަ. އެހުރިހާ ކަމެއް އޭގެ ވަގުތުގަ ކުރިއަށް ދާނެ. އަދި އާ ސަރުކާރު ހުވައިކުރުމުގެ ރަސްމިއްޔާތު އަހަރުމެން 20 ޖަނަވަރީގައި ބާއްވާނަން." މެކްކޮނެލް ވިދާޅުވިއެވެ.

އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޖޯ ބައިޑަން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފިކަން ބަޔާންކުރާ ސިޓީ އެއް ދެއްވުމަށް ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) ގެ އެޑްމިނިސްޓްރޭޓާ އެމިލީ މާފީ ދެކޮޅު ހައްދަވަމުން ގެންދަވާތީ، ބައިޑަންގެ ޓީމަށް ވެރިކަން ބަދަލުކުރުމާ ބެހޭ ކަންކަން ކުރިއަށް ނުގެންދެވޭތީ އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވުމަށް ނޫސްވެރިއަކު މެކްކޮނެލްއަށް ދެންނެވުމުންނެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޖޯ ބައިޑަން ކާމިޔާބުކުރައްވައިފިކަން ނަތީޖާތަކުން ހާމަވީ ހިސާބުން އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވާކްތަކުން ވަނީ ބައިޑަން ރައީސުކަމަށް ހޮވިވަޑައިގެންފިކަމަށް އިއުލާންކޮށްފައެވެ. އެމެރިކާ އިންތިޚާބުގައި މިހާތަނަށް ކަން ހިނގަމުން އައި ގޮތަކީ ނެޓްވާކުތަކުން މޮޅުވި ކެންޑިޑޭޓަކު އިއުލާންކުރުމުން، ބަލިވެވަޑައިގެންނެވި ބޭފުޅަކު ބަލި ގަބޫލުކުރައްވައި އަލަށް ހޮވިވަޑައިގަތް ބޭފުޅަކަށް ތަހުނިޔާ ދެންނެވުމެވެ. އެހެންނަމަވެސް، ރައީސު ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގައި މަކަރު ހަދާފައިވާކަމަށް ވިދާޅުވެ ބަލި ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ.

ކޮންގްރެސްގައި ތިއްބަވާ ޑިމޮކްރެޓިކް މެންބަރުން ވަނީ ޖީއެސްއޭގެ ވެރިޔާ އެފަދައިން އަމަލުކުރައްވަނީ ރައީސު ޓްރަމްޕް އެގޮތަށް އަންގަވައިގެންތޯ ސުވާލު އުފައްދަވާފައެވެ.

ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެންބަރުން މި މައްސަލައިގައި ހަނުތިއްބެވި ނަމަވެސް ބައެއް މެންބަރުން މިހާރު ގެންދަވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ކަން ގަބޫލުކުރައްވަމުންނެވެ. އަދި ސެނެޓުގެ އިއްޔެގެ ޖަލްސާގައި ރިޕަބްލިކަން ޕާޓީގެ އިސް ބައެއް ބޭފުޅުން ނާއިބު ރައީސުކަމަށް ހޮވިވަޑައިގެންފައިވާ ކަމަލާ ހެރިސްއަށް މަރުހަބާ ދަންނަވާތަން ވެސް އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ދައްކާފައި ވެއެވެ. މިފަދައިން މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ރިޕަބްލިކަން ސެނެޓަރުން ކަމުގައިވާ ލިންޑްސޭ ގްރެހަމް، ޖޭމްސް ލެންކްފޯޑް، މާކް ރޫބިއޯ އަދި ޖޯން ކޯނީން ހިމެނިވަޑައިގަންނަވައެވެ.

"އަހަރެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް ޖަނަވަރީ 20 ގައި އަހަރުމެންގެ އާ ރައީސަކު ހުވައިކުރައްވާނެކަން. އަދި އަހަރެން ލަފާކުރާ ގޮތުގައި އެންމެ ބޮޑަށް ގާތީ ޖޯ ބައިޑަން ހުވައިކުރެއްވުން." ކޯނީން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.