އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ހަތަރު ސްޓޭޓެއްގެ މައްޗަށް ހުއްޓިފައި

ނަތީޖާތައް މިހާރު ލިބެމުންދާ ގޮތަށް ބަލާއިރު އެންމެ ގާތީ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން

ނަތީޖާތައް މިހާރު ލިބެމުންދާ ގޮތަށް ބަލާއިރު އެންމެ ގާތީ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން

އެމެރިކާގައި މި ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ބުރަވުމުގައި ހަތަރު ސްޓޭޓެއް ނަތީޖާ އަށް އިންތިޒާރު ކުރާތާ މިއަދު މީ ދެވަނަ ދުވަހެވެ.

ކޮންމެ ސްޓޭޓެއްގެ އާއްމު ވޯޓުގެ އަޣުލަބިއްޔަތު ހޯދާ ފަރާތަކަށް އެ ސްޓޭޓެއްގެ އިލެކްޓޯރަލް ކޮލެޖްގެ ހުރިހާ ވޯޓެެއް ލިބޭއިރު ރައީސު ޓްރަމްޕް މިހާތަނަށް ކާމިޔާބުކުރެއްވި ސްޓޭޓްތަކުން އޭނާ ވަނީ 214 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައެވެ. އޭނާއާ ވާދަކުރަައްވާ ޑިމެކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑަންއަށް ލިބިވަޑައިގެންފައި ވަނީ 253 އިލެކްޓޯރަލް ވޯޓެވެ. އެއްވެސް ކެންޑިޑޭޓަކަށް މޮޅުވެވެނީ 270 އިިލެކްޓޯރަލް ވޯޓު ލިބިގެންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ހަމަޖެހިފައި އޮންނަ ގޮތުން ރައްޔިތުން ވޯޓުލަނީ ސީދާ ރައީސު ހޮވާކަށް ނޫނެވެ. އެމީހުންގެ ވޯޓުން އިންތިޚާބުުކުރަނީ ކޮންމެ ސްޓޭޓަކުންެވެސް އިލެކްޓޯރަލް ކޮލެޖަށް ފޮނުވާ އިލެކްޓަރުންނެވެ. ކޮންމެ ސްޓޭޓެއްގެ އާއްމު ވޯޓު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެއެެވެ. ނިބްރާސްކައާއި މެއިން ފިޔަަވައެވެ. އެ ދެ ސްޓޭޓުގައި އެލެކްޓޯރަލް ވޯޓު ދެބައިކުރެއެވެ. އިލެކްޓޯރަލް ކޮލެޖްގެ އަދަދަކީ 538 އެވެ.

ނަތީޖާ ލަފާކުރަމުންދާ ބައެއް ނެޓްވޯކުތަކުން ބައިޑަން އެރިޒޯނާ ކާމިޔާބުކުރައްވައިފި ކަމަށް ބަލައި އެ ސްޓޭޓްގެ 11 އިލެކްޓޯރަލް ވޯޓާއެކު ބައިޑަންއަށް 264 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް ދެއްކިޔަސް އެރިޒޯނާގެ ނަތީޖާ އަދި ދައްކަނީ ވަކި ކޮޅަަކަށް ނިންމޭ ވަރަށްވެރު މާ ތަފާތުކުޑަކޮށެވެ.

މިހާތަނަށް ނަތީޖާ ކަށަވަރު ނުކުރެވޭ ހަ ސްޓޭޓްގެ ތެރެއިން ރަައީސު ޓްރަމްޕް ކާމިޔާބުކުރައްވާނެކަން ގާތްގަނޑަކަށް ޔަގީންވާ ދެ ސްޓޭޓަކީ ނޯތު ކެރޮލައިނާ (15 ވޯޓު) އަދި އެލަސްކާ (3 ވޯޓު) އެވެ. މި ދެ ސްޓޭޓްެގެ އިލެކްޓޯރަލް ވޯޓާއެކު ރައީސު ޓްރަމްޕްގެ އިލެކްޓޯރަލް ވޯޓުގެ ޖުމްއަކަށް ވާނީ 232 އެވެ.

އެންމެ ވާދަވެރިކަން ބޮޑު ހަތަރު ސްޓޭޓަށް ބަލާއިރު އެންމެ ބޮޑު ސްޓޭޓަކީ ޕެންސިލްވޭނިޔާއެވެ. އެ ސްޓޭޓު ކާމިޔާބުކުރާ ފަރާތަކަށް 20 އިލެކްޓޯރަލް ވޯޓު ލިބޭނެއެވެ. މިއަދަދު ބައިޑަން އަށް ލިބިވަޑައިގަންނަވާނެއެވެ. މިވަގުތު (ރާއްޖޭ ގަޑިން ހުކުރު ދުވަހު ހެނދުނު 9:30) ނަތީޖާ އޮތް ގޮތަށް ބަލާއިރު ރައީސު ޓްރަމްޕް ކުރީގައި އުޅުއްވި ނަމަވެސް އެ ސްޓޭޓުގެ ނަތީޖާތައް އަންނަމުންދާ ވަރަކަށް ބައިޑަން ގެންދަވަނީ ތަފާތު ކުޑަކުރައްވަމުންނެވެ. ބުދަ ދުވަހު ހެނދުނު ފުރަތަމަ ނަތީޖާތައް އައިއިރު ރައީސު ޓްރަމްޕް އެތައް ލައްކަ ވޯޓެއްގެ ތަފާތުން ޕެންސިލްވޭނިޔާގައި ކުރީގައި އުޅުއްވި ނަމަވެސް މިހާރެ އެ ތަފާތު ވަނީ އެންމެ 24 ހާހަށް ތިރިވެފައެވެ. މިހާރު ޕެންސިލްވޭނިޔާގައި ގުނަމުން ދަނީ ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓަށް ވެފައި، ޕޯސްޓު ވޯޓުގެ 60% އާ %80 އާ ދެމެދުގެ އަދަދަކަށް ތާއީދު ކުރަނީ ބައިޑަންއަށް ކަމަށްވާތީ، ޔަގީނާ ގާތަށް ލަފާކުރެވެނީ ބައިޑަން ޕެންސިލްވޭނިޔާ ކާމިޔާބުކުރައްވާނެ ކަމުގައެެވެ.

އެރިޒޯނާއަށް ބަލާއިރު، މިވަގުތު ބައިޑަން މިވަގުތު ކުރީގައި އުޅުއްވި ނަމަވސް ރައީސު ޓްރަމްޕް ގެންދަވަނީ އެ ސްޓޭޓުގެ ނަތީޖާގައި ތަފާތު ކުޑަކުރައްވަމުންނެވެ. އެެހެންނަމަވެސް، މި ސެޓޭޓުގެ 11 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަތަސް ޕްންސިލްވޭނިޔާގެ ނަތީޖާތައް މިހާރު ދާ ގޮތުން ރައީސު ޓްރަމްޕްގެ ކާމިޔާބީގެ މަގު މިހާރު ދަނީ ވަރަށް ބޮަޑަށް ހަނިވަމުންނެވެ.

ނެވާޑާ (6 އިލެކްޓޯރަލް ވޯޓު) ގައި ބައިޑަން ކުރީގައި އުޅުއްވާއިރު، އޭނާ ގެންދަވަނީ ޖޯޖިޔާ (10 އިލެކްޓޯރަލް ވޯޓު) ގައި ރައީސު ޓްރަމްޕާއި ހަމަކުރައްވަމުންނެވެ. އެހެންކަމުން މި ދެ ސްޓޭޓުވެސް ބައިޑަންއަށް ލިބިވަޑައިގަތުން ވަރަށް ގާތެވެ. އެހެންކަމުން، ބައިޑަންއަށް 270 އިލެކްޓޯރަލް ވޯޓު ހަމަކުރައްވަން އޮތް މަގު ފެންނަނީ ތަނަވަސްކޮށެވެ.

ރޭ ދެ ކެންޑިޓޭޓުުންގެ ފަރާތުން އިވުނު ވާހަކަަތަކަށް ބަލާއިރު، ޖޯ ބައިޑަން ވަނީ މަޑުމައިތިރިކަމާއެކު ކެތްތެރިވެ ތިބުމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ގޮވައިލައްވާފައެވެ. އަނެއްކޮޅުން ރައީސު ޓްރަމްޕް ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކް ޕާޓީ މަސައްކަތްކުރަނީ "އިންތިޚާބު ވަަގަށް ނަގަން" ކަމަށާއި، އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.