ގަވަރުނަރު ބަޖެޓަށް ދެއްވި ލަފާ - ބޭރުފައިސާ ކަށަވަރުކޮށްފައި ނޫނީ މަޝްރޫޢުތައް ނުފަށާ

ފޮޓޯ؛ މިނިސްޓްރީ އޮފް ފައިނޭންސް

އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅައިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޭރުފައިސާ ކަށަވަރުކޮށްފައި ނޫނީ މަޝްރޫޢުތައް ނުފެށުމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރ  ޢަލީ ހާޝިމް ލަފާދެއްވައިފި އެވެ. 

މިއަދުބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ގަވަރުނަރު ވަނީ ބަޖެޓް މެނޭޖް ކުރުމަށް ގިނަ ލަފާތަކެއް ދެއްވައިފައެވެ.  ފަތުރުވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ ހީނަރުކަމާ އެކު  ބޭރު ފައިސާގެ ސަޕްލައި ވެސް ވަރަށް ބޮޑަށް ދަށްވެފައި ވުމުން އާއްމު ބަޖެޓްގައި ހިމެނޭ މިންވަރަށް ފައިނޭންސިން ހޯދުމަކީ އަންނަ އަހަރު ދަތިވާނެކަމެއްކަމަށް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ.  ބޭނުންވާ ބޭރުފައިސާ ހަމަނުޖެހޭނަމަ، ކެޕިޓަލް ޚަރަދުތަކަށް ބޭނުންވާ ޑޮލަރު އެތެރޭގެ މޭކެޓުން ނުލިބި މަޝްރޫޢުތައް ކުރިއަށް ނުގެންދެވިދާނެކަމަށްވެސް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މަޝްރޫޢުތައް ފެށުމުގެ ކުރިން  ބޭނުންވާ ބޭރު ފައިސާ ޔަޤީންކޮށްފައި މަޝްރޫޢުތައް ފަށަން ޖެހޭކަމަށް  ވިދާޅުވިއެވެ.

ކޮންމެ ޕްރޮޖެކްޓެއްގައިވެސް ބޭރު ފައިސާ ގެ ކޮމްޕޯނެންޓް ވަރަށް ބޮޑުކަމަށް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. އަލަށް ފަށާ ކޮންމެ މަޝްރޫޢެއްގެ ވެސް  ގާތްގަޑަކަށް 40 އިންސައްތަ ބަރޯސާ ވަނީ ބޭރު ފައިސާއަށްކަމަށް ގަވަރުނަރު  ޢަލީ ހާޝިމް ވިދާޅުވިއެވެ. 

މަސްރޫޢުތަކަށް ބޭނުންވާ ބޭރު ފައިސާ ޔަޤީންކޮށްފައި ނޫނީ މަޝްރޫޢުތައް ނުފެށުމަށް މަޖިލީހުންވެސް ބާރު އަޅައި ދެއްވުމަށް ގަވަރުނަރު އެދިވަޑައިގެންފިއެވެ. 

ރާއްޖޭގެ ބާޒާރުން ކެޕިޓަލް ޚަރަދު ތަކަށް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ  އެކްސްޗޭންޖް ރޭޓަށް ކުރާނެކަމަށް ބެލެވޭކަމަށް ވެސް ގަވަރުނަރ ވިދާޅުވިއެވެ. 

އެހެންކަމުން، ބޭރު ފައިސާގެ މާކެޓަށް ހީނަރުކަމެއް ނާންނާނެ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ލަފާ އެރުވިއެވެ. 

އަންނަ އަހަރު ފަށާ ޕީއެސްއައިޕީ މަޝްރޫޢުތައް ވާންޖެހޭނީ ދިގުރާސްތާގެ އިޤްތުޞާދީ ފައިދާ އަދި އިޖްތިމާޢީ ކުރިއެރުމަށާއި  ތިމާވެށި ރައްކާތެރިކަމަށް ހިންގޭ މަޝްރޫޢުތަކަށްކަންވެސް ގަވަރުނަރ ވިދާޅުވިއެވެ. 

އަންނަ އަހަރު ކޭޝްޕްލޯމެނޭޖުކުރަން ދަތިވާނެކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރަށް ފެށުމަށް ބަޖެޓް ކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއް ކަމަށް ވެސް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. 

ބަޖެޓްގައި ހިމަނައިފައިވާ ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހުފައި ވަނީ ލޯނާއި އާންމު ބަޖެޓުންނެވެ. ނަމަވެސް ރިކަރަންޓް ޚަރަދު ހަމަޖައްސަން ކަނޑައަޅައިފައި ވަނީ ހިލޭ އެހީއާއި އާމްދަނީންނެވެ. 

މަޝްރޫޢުތަކަށް ފައިނޭންސިން ހޯދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާ ވަނީ ދަރަނި ނަގައިގެން ކަމަށް ވުމާ އެކު  ކޮންސެޝަނަލް ފައިނޭންސިން އަށް އިސްކަން ދިނުމަށް ގަވަރުނަރު ލަފާ އެރުވި އެވެ. އިޖްތިމާއީ އަދި ތިމާވެށި ރައްކާކުރުމުގެ މަޝްރޫޢުތަކަށްވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ގަވަރުނަރު ލަފާ އެރުވިއެވެ. އަދި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ވޯލްޑް ބޭންކާއި އައިއެމްއެފުން އަންނަ އަހަރު ގްރީން ފައިނޭންސިން އާއި ބްލޫ ފައިނޭންސިން ސްކީމްތަކެއް ތަޢާރަފު ކުރާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.  ބޮންޑް ނޫނީ ސްކޫކަށް ބަރޯސާ ވެއްޖިއްޔާ ކުރިއަށް އޮތްތަނުގައި  ފައިނޭންސިން ލިބޭ އިންޓަރެސްޓް ރޭޓް މަތިވެގެން ދާނެކަމަށް ބެލެވޭކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.