އަތޮޅުތަކުގައި ފުލުހުންގެ 50 ވަރަކަށް މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ

ފުލުހުންގެ 50 ވަރަކަށް މަރުކަޒު އަތޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ ވިދާޅުވީ 50 ހަކަށް ރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށެވެ. މިމަރުކަޒުތައް ގާއިމުކުރުގެ މަސައްކަތް މިއަހަރުވެސް ކުރެވުނުކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެމަސައްކަތް މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަންނަ އަހަރު މަސައްކަތްތައް ފެށުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންދާކަމަށް ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރު އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ފުލުހުންގެ މަރުކަޒުތައް އަތޮޅުތަކުގައި މަދުވުންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިމަޝްރޫއު ނިމިގެން އަންނައިރު މުހިންމު ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައި ހުންނާނެކަމަށް ވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އަދި އެތަންތަނަކީ އެކަށީގެންވާ ރަނގަޅު ވަސީލަތްތަކާއެކު ގާއިމުކުރެވޭނެ ތަންތަނަށް ވެގެން ދާނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 103 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭއިރު ފުލުހުންގެ ސްޓޭޝަން ހުރީ 16 ރަށުގައިކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ހަރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވުނީ މިދިޔަ ދެ އަހަރު ތެރޭގައިކަން ވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޢިތުބާރާއި ޔަގީންކަން ހޯދުމަށް އެންމެ މުހިންމު ކަމަކީ ފުލުހުންނަށް ދެވޭ ތަމްރީނާއި ހުނަރުތައް ކަމަށް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ވާނީގައި ހުންނަ ފުލުހުންގެ އިންސްޓިޓިއުޓުން ދެވޭ ތަމްރީނުތަކަކީ އެންމެ އެކަށީގެންވާ ތަމްރީނުތަކަށް ހެދުމަށް މިދިޔަ ދެއަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި އެކަން ހާސިލްުވެފައި ވާކަން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ތެރޭގައި ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން ލޯ އެންފޯސްމެންޓް ފެށިގެންދަނާ ކެމަށް ވެސް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ފުލުހުންނަށް ދެވޭ ތަމްރީނާއި ހުނަރުތަކާއެކު ގާނޫނީ ގޮތުން ލިބިދޭ ބާރަކީ ރައްޔިތުންނާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މުހިންމުކަން ކަމަށް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެކަމަށް ފޯކަސްކޮށްގެން ގިނަ މަސައްކަތްތކެއް އަންނަ އަހަރުކުރެވޭނެ ކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި އޮތް ފުލުހުންގެ ބިލް ގާނޫނަކަށް ވުމުން ޒަމާނީ މަދަނީ ޚިދުމަތެއް ދިނުމަށް ފުލުހުންގެ ޚިދުމަތް ބަށްޓަންވެގެން ދާނެކަމަށް ވެސް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް އެގާނޫނުން ވަރަށް ބޮޑަށް ބާރު އަޅައިދޭނެކަން ވެސް ފާހަގަ ކުރެއްވިއެވެ. ބިލް ގާނޫނަކަށް ވުމުން ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކުރެވުިގެން ދާނެކަމަށް ވެސް ފާހަގަ ކުރެވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރެވި، ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.