އަޕްޑޭޓް: އިއްޔެ ފެށި އޮޕަރޭޝަންގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފި

ނޯޓު: މި ޚަބަރު މިވަނީ 12 ނޮވެންބަރު، 11ގަޑި 18ގައި އަދާހަމަކުރެވިފައެވެ. 

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި 5 މީހަކު ހައްޔަރުކޮށްފިއެވެ. މިހައިތަނަސް އެގޮތުން މާލެއިން އެކަކާއި، ކަނޑުމަތީގައި އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ. އެގޮތުން ފުލުހުން ގެންދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމަތީގައި އަދި ތ. ތިމަރަފުށީގައި ހަރަކާތްތެރިވަމުންނެވެ. 

ފުލުހުން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށް ފުލުުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރޭ ތ. ތިމަރަފުށިން އުމުރުން 31 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެމްޑަބްލިޔުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން އެތަނުގައި ވެސް ފުލުހުން ވަނީ ރޭ ހަރަކާތްތެރިވެފައެވެ. ނަމަވެސް އެއީ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުސް މީޑިއާއިން މައުލޫމާތު ދެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.