އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ ޒުބައިރާ މެދު ކަންހިނގިގޮތް މިދަނީ ބަލަމުން:އެންސީޓީސީ

ޒުބައިރު ސީރިއާއަށް ދިޔައީ އަނބިދަރިންވެސް ގޮވައިގެން

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާކަމަށް ބުނެ މިއަދު ޚަބަރު ފަތުރާފައިވާ އަޙްމަދު ޒުބައިރާ މެދު ކަންހިނގާފައިވާ ގޮތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން ވިދާޅުވެފައިވަނީ ވ. މެޑަލްޖެހިގޭ އަހުމަދު ޒުބައިރު (ޒުއްބަ) އަކީ ދީނީ ހަރުކަށި ފިކުރުތަކަށްތަބާވެ، އެފަދަ ފިކުރުތައް ފަތުރަން މަސައްކަތްކޮށްފައިވާކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

އޭނާއަކީ ބޭރުގެ ޖަމާޢަތްތަކާއި ގުޅިގެން، ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެދޫކޮށް ދަތުރުކޮށްފައިވާ ދިވެހިންގެ ލިސްޓްގައި ހިމެނޭ މީހެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާ ސީރިއާއަށް ގޮސްފައިވަނީ އަންހެނުންނާއި 2 ދަރިން ވެސް ގޮވައިގެން ކަމަށް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

"އެހެންކަމާއެކު، މީނާގެ މަރާއި ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމާއި، މީނާއާއިމެދު ކަންތައްތައް ހިނގާފައިވާގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މިގެންދަނީ މަސައްކަތްކުރަމުންނެވެ." އެ ސެންޓަރުން ވިދާޅުވެފައިވެއެވެ.

ޒުބައިރު ސީރިއާގައި ހަނގުރާމަ ކުރަމުން ގެންދިޔައީ އައިސިސްއާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ޖަމާއަތާ ގުޅިގެން އޭނާ ހަނގުރާމަ ކުރަމުން ދަނިކޮށް ހައްޔަރު ކުރުމަށްފަހު އޭނާގެ ބޯވަނީ ކަނޑާލައިފައެވެ. އެކަން ކޮށްފައިވަނީ ބައެއް ދިވެހިންވެސް އެޖަމާއަތަކަށް ނިސްބަތްވާ ތަހުރީރުއްޝާމް ޖަމާއަތުންނެވެ. އެކަމުގައި ދިވެހިންގެ އަތެއްވެސް ވާކަމަށްވަނީ ބެލެވިފައެވެ.

މި ދެ ޖަމާއަތަކީ އެއްޖަމާއަތުން އަނެއް ޖަމާއަތް ގަބޫލު ނުކުރާ ދެ ޖަމާއަތެވެ. މީގެ ކުރިންވެސް ތަހުރީރުއްޝާމުން ވަނީ ޒުބައިރު ބަންދު ކުރުމަށްފަހު ދޫކޮށްފައެވެ. އެހެންނަމަވެސް މިފަހަރު ހިފެހެއްޓުމަށްފަހު ދޫކުރުމުގެ ބަދަލުގައި ބޯ ކަނޑައިލީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.