އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ މަސްވެރިންގެ ޝަކުވާ ފުނިޖެހިފައި

މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު ވުމުގެ ސަބަބުން މަސް ކިރުވުމަށާއި އައިސް ލިބުމަށް ދަތިކަމެއް ދިމާވުމުން މަސްވެރިންގެ ޝަކުރާ އިންތިހާއަށް ބޮޑުވެއްޖެއެވެ.

ބައެއް މަސްވެރިން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު މަހަށްދިޔަ ފަހުން މަހަށް ނުފުރާ ދޯނިފަހަރު އެބަހުރި ކަމަށެވެ. "ހަމަ ގައިމުވެސް އަހަރެމެން ހޮނިހިރު ދުވަހު މަހަށްދިޔަ ފަހަރުން އަދި ނުދަން. ނުދަނީ އައިސް ނުލިބިގެން. ތިނަދޫއަށް ގޮސް ކިޔުގައި އޮވެއޮވެ އެތައް އިރެއް ފަހުން މިބުނަނީ އައިސް ނެތޭ. އައިސް ނުލައި މަހަށް ގޮސްގެން ބާނާ މަސްކޮޅު ހަލާކު ކުރުމުގެ އެއްވެސް ބޭނުމެއްނެތްތާ. މިއަދު މިބަލަނީ އެހެން ކޮންމެވެސް ދިމާއަކުން އައިސް ލިބޭތޯ،" ހުވަދޫ މަސްދޯންޏެއްގެ ކެޔޮޅު ބުންޏެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ އެންމެ އައިސްޕްލާންޓެއް ފިޔަވައި އެހެން ހުރިހާ އައިސްޕްލާންޓްތައް އިއްޔެއާ ހަމައަށްވެސް ރަނގަޅު ކަމަށެވެ. އެހެންވީމާ މަސްވެރިން އައިސް އަޅަން ދިޔުމުގެ ކުރިން މިފްކޯއަށް ގުޅައިގެން ނުވަތަ ވައިބަރ ގްރޫޕް މެދުވެރިކޮށް އައިސް ލިބޭނެ ތަނެއް ކަށަވަރުކޮށްގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވުމުން ކޫއްޑޫވެސް 24 ގަޑިއިރު މިހާރު ހިންގާ ކަމަށެވެ. އެތަނަށް ދުވާލަކު ގަނެވެނީ 400 ޓަނު މަހެވެ. އެހެން ނަމަވެސް މިހާރު ދުވާހަލަކަށް 700 ޓަނުމަސް ގަނެއް ރައްކާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އޮވަރ ކެޕެސިޓީގައި ކޫއްޑޫއިން މިހާރު މަސް ގަންނަމުން މިދަނީ. ގަތުމަކުންވެސް ނުފުދޭނެތާ. ގަނެގެން ގަނޑު ކޮށްފައި ކޯލްޑް ސްޓޯރޭޖަށް މިލަނީވެސް. އެހެންވެ ކޫއްޑޫގެ މުވައްޒަފުން 24 ގަޑިއިރު މިހާރުދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައިވާ މިދަނޑިވަޅުގައި މިފްކޯގެ ބައެއް އައިސް ޕްލާންޓް ތަކުން އެކީ ދޯނިފަހަރަށް އެކިގޮތަށް ކަންތައް ކުރަމުންދާ ކަމުގެ ޝަކުވާވެސް ވަނީ ތިލަވެފައެވެ. "ބައެއް ތަންތަނުން އެމީހުންގެ ރައްޓެހިންނާއި ގާތް މީހުންނަށް އައިސްދޭ ކޮންމެ ގޮތެއް ހަދައިފައިވެސް. ބައެއް ފަހަރު ކިޔުއަށްވެސް ބެލުމެއްނޯވޭ ހިތަށް އެރި ގޮތަކަށް ކަންތައްކުރަނީ. މިއީ އެއްވެސް އުސޫލެއް ނޫން. މިގޮތަށް ކަންތައް ކުރަން ހަދައިގެން އެބަހުރި ގަޔަށް އަތްލާ ހިސާބަށްވެސް ގޮސްފައި. އެހެންވީމާ މިފަދަ ދުވަސްވަރެއްގައި އެންމެނަށް ހަމަހަމަ އުސޫލަކުން ކަންތައް ކޮށްދިނުން ވަރަށް މުހިންމު،" ހުވަދޫ އެހެން ދޯންޏަކުން ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން އަދުލީ ވިދާޅުވީ އެއްވެސް ބަޔަކު ތަފާތު ކުރުމުގެ ސިޔާސަތެއް މިފްކޯއިން ނުގެންގުޅޭ ކަމަށެވެ. މަސްވެރިންނާމެދު މިފްކޯއިން ގެންގުޅެނީ ހަމަހަމަ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ބަޔަކު ބާނައިގެން އަންނަ މަސް ހަލާކުވާން މިފްކޯއިން ދޫކޮށްފައި ނުވާނެ ކަމަށާއި އެފަދަ ފަރާތްތަކަށް އައިސްވެސް ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ދުވަސްތަކުގައި އަޅުގަނޑު ބޭނުންވަނީ މިފްކޯއާ ގުޅިގެން ރަނގަޅަށް މަސްވެރިންވެސް ކަންތައް ކުރުން. މަސްކިރޭނެ ތަންތަނާއި، އައިސް ލިބޭނެ ތަންތަން ބަލައި އެނގިގެން އެތަނަކަށް ދިޔުން ވަރަށް މުހިންމު. ފިޔޯރީ ކައިރިން މަސްބާނައިގެން ފިޔޯރީ ކަނޑު ވަދެގެން އަންނަ ދޯނި ބޭނުންވާނީ އެރަށުން އައިސް ގަންނަން. އެކަމަކު އެދާ ގަޑީގައި އައިސް ހުސްވެފައި ހުރެދާނެ. އެކަމަކު ލިބޭނެ އެހެން ތަންތަން ހުންނާނެ. އެހެންވެ މިދެންނެވީ މިފްކޯއާ ގުޅިގެން މިދުވަސްވަރު މަސައްކަތް ކުރުމަށް،" އަދުލީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.