ބަޖެޓްގެ  ހުށަހެޅުން  އަންނަ ހޯމަދުވަހު - ބަހުސް ފަށާނީ 16 ގައި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ގެ ބަހުސް ފަށްޓަވާނީ މިމަހު 16 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން އަންގަވާ ކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނުގައިވާ ގޮތުގެ މަތިން މަޖިލީހަށް ބަޖެޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް ބެޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓަރ ޚިޔާރުކުރައްވައިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުގައި ކަމަށެވެ. އެއީ އަންނަ ހޯމަދުވަހުގެ ޖަލްސާގައެވެ. ޤަވާޢިދުގައި ބުނާ ގޮތުން  މެމްބަރުންނަށް ބަޖެޓް ދެވެން އަންނަނީ މިނިސްޓަރ ބަޖެޓް ހުށަހެޅުއްވުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ބަޖެޓް ބެއްލެވޭނެކަމަށެވެ.   

"މިވަގުތު ކޮޅުގައި މިތާ، އިދާރައިގެ ހުރިހާ ބޭފުޅުންނަށް ބަޖެޓް ބެއްލެވޭ. އޭގެތެރޭގައި ސައި ހަދާ ބޭފުޅުންވެސް ގަސް އިންދާ ބޭފުޅުންނަށްވެސް ބަޖެޓް ބެއްލެވޭނެ އެހެންނަމަވެސް، ތިޢިއްޒަތްތެރި މެމްބަރުންނަށް ބެޖެޓް ފެނިވަޑައި ގަންނަވާނީ މިނިސްޓަރ ބަޖެޓް ހުށަހެޅުއްވީމާ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ބެޖެޓް ހުށަހެޅުއްވުމަށްފަހު ހަފްތާއެއް ދެންވަން ޖެހޭކަމަށެވެ. އެހެންކަމުން ބަޖެޓްގެ ބަހުސް ފަށްޓަވާނީ މިމަހު 16 ވަނަ ދުވަހު ކަމަށެވެ. މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓް ބަހުސްގައި ލިބިވަޑައި ގަންނަވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބަހުސް ކުރިއަށް ގެންދެވޭނީ ރޭގަނޑު ބާއްވާ ޖަލްސާތަކާއެކުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޑިސެމްބަރ ފުރަތަމަ ހަފްތާ ތެރޭގައި ބަޖެޓްގެ މަސައްކަތް މަޖިލީހުން ނިންމާލެއްވޭނެކަމަށް ލަފާ ކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް ޤަވާއިދުގައި ބުނާ ގޮތުން މިމަސް ނިންމުމަށް ފަހު މަޖިލީހުގެ މެމްބަރުންނަށް ޗުއްޓީ ލިބިވަޑައި ގަންނަވާނެއެވެ.

ފިނޭން މިނިސްޓްރީން ވިދާޅުވެފައި ވަނީ 2021 ވަނަ އަހަރަށް ހުށަހަޅުއްވާނީ 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއްކަމަށެވެ. ކޯވިޑާ ގުޅިގެން މިއަހަރަށް ލަފާކުރި ބަޖެޓްގެ ޢަދަދުތަކަށް ވަނީ ބޮޑުތަނުން ބަދަލު ތަކެއް އައިސް ފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.