ބޯޑަރު ހުޅުވާލި ފަހުން 306 ޓޫރިސްޓް ފެސިލިޓީން ޚިދުމަތް ދޭންފަށައިފި

ބޯޑަރު ހުޅުވާލި ފަހުން 306 ޓޫރިސްޓް ފެސިލިޓީން ޚިދުމަތް ދޭންފަށައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކުން ފެންނަ ގޮތުގައި 306 ޓޫރިސްޓް ފެސިލިޓީއަކީ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން މިމަހު ހަތަރު ވަނަ ދުވަހާ ހަމައަށް ޚިދުމަތް ދޭން ފަށައިފައިވާ ތަންތަނެވެ. މިތަންތަނުގެ ތެރޭގައި ހިމެނެނެނީ 120 ރިސޯޓާއި 65 ހޮޓެލް އަދި ގެސްޓްހައުސްއާއި 121 ސަފާރީއެވެ. 

ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިކަމަށް ހުޅުވާލި އެނދުގެ ޢަދަދަކީ 32،622 އެވެ. އެންމެ ގިނަ އެނދު ޚިދުމަތަށް ހުޅުވާލައިފައިވަނީ ރިސޯރޓްތަކުންނެވެ. އެއީ 28،390 އެނދެވެ. ދެވަނަ އަށް އެންމެ ގިނަ އެނދު ޚިދުމަތަށް ހުޅުވާލައިފައި ވަނީ ސަފާރީތަކުންނެވެ. އެއީ 2،276 އެވެ. ހޮޓާ ގެސްޓް ހައުސްތަކުން ޚިދުމަތަށް ހުޅުވާލި އެނދުގެ ޢަދަދަކީ 1،956 އެވެ. 

ބޯޑަރު ހުޅުވާލުމާއެކު ރިސޯރޓްތައް ފަތުރުވެރިކަމަށް ހުޅުވާލި ނަމަވެސް ގެސްޓް ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލީ މިދިޔަ އޮކްޓޫބަރ 15 ގައެވެ. ނަމަވެސް މާލެ ސަރަޙައްދުގެ ގެސްޓް ހައުސްތައް އަދި ހުޅުވައެއް ނުލައެވެ. ކޯވިޑް ހާލަތަށް ބެއްލެވުމަށް ފަހު މިމަސް ތެރޭގައި މާލެ ސަރަޙައްދު ގެސްޓް ހައުސްތައް ހުޅުވާލެވޭނެކަމަށް ކުރިން އެޗްއީއޯސީން ވަނީ ލަފާ ކުރައްވައިފައެވެ. 

ފަތުރުވެރިކަމަށް ޓޫރިސްޓް ޚިދުމަތް ދޭތަންތަން ހުޅުވާލުމުގެ ހުއްދަ ދެއްވަނީ ޙާއްޞަ އުޞޫލުތަކެއްގެ ދަށުންނެވެ. ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެއްވަނީ އުޞޫލުތައް ޤާއިމްކޮށް އެއުޞޫލަށް ފެތޭކަމަށް އެޗްޕީއޭއިން ކަނޑައަޅާ ތަންތަނަށެވެ. އުޞޫލުތައް ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް ވެސް ތަފާތެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.