ޚިޔާލުފާޅުކުރުމާއި އެއްވެއުުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެެއެވެ.
ޔޫޕީއާރު ވަރކިންގ ގްރޫޕްގެ 36 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާރޒް ޢިމްރާން ޢަބްދުالله ވިދާޅުވީ ޤާނޫނީ ވެރިކަން ނަގަހައްޓާ، ޖަވާބުދާރީ ކުރުވަނިވި ސިފަ ދައުލަތުގެ މުއައްސަސާތަކުގައި އަށަ ގެންނެވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ސަރުކާރުން ޖާގަ ދެއްވާކަން ފާހަގަ ކުރެއްވިއެވެ. އެގިތުން މިސަރުކާރު އައިސް ޢަނބުރުގެ ޤާނޫނު އުވާލެއްވިކަމަށް ވިދާޅުވިއެވެ.
ނުފޫޒެއްނެތި މީޑިއާތައް މަސައްކަތްކުރުމަށް ޖާގަ ދިނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އެނެމެ މުހިންމު އެއް އަސާސް ކަމުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، ހަމަހަމަ ފުރުޞަތުތައް ރާއްޖޭގައި ފަހިކޮށް ދެވިފައިވާކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާ ބެހޭ ބިލްތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.
އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން ފުލުހުންގެ ޚިދުމަތާއި ޖަލުތަކުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންވެސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވާހަކަ ފުޅު ދެއްކެވިއެވެ.