މަސްވެރިކަން ފަހަތަށް ޖެހިފައިވަނީ އެ ސިނާޢަތް ކުރިއަރުވަން މަސައްކަތް ނުކުރެވިގެން: ރައީސް

އިޤްތިޞާދީ ރޭހުގައި މަސްވެރިކަމުގެ މަޤާމު، މިހާރު މިއޮތީ ތަންކޮޅެއް ފަހަތުގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެންސިސްގެ އެންސިސްގެ މަސް ކާރުޚާނާ ހުޅުވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިއާ ޖެހެންދެން، ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުގެ ގޮތުގައި ބެލެވިފައި އޮތީ މަސްވެރިކަން ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމާއި، އެހެން ބައެއް ޞިނާޢަތްތައް ކުރިއަރައި،  އެ ޙާލަތު ކުރިމަތިވީ މަސްވެރިކަން ފުޅާވެ ކުރިއަރައިގެންދިޔަ މިންވަރާ ގާތަށްވެސް، މަސްވެރިކަމުގެ ޞިނާޢަތްތައް ކުރިއަރުވަން މަސައްކަތް ނުކުރެވުން ކަމަށް ރައީސް ވިދާޅުވިއެވެ. "މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ޤާބިލުކަން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތުން. އަދި އަގު އެއްކުރެވިގެން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ޤާބިލުކަންވެސް ނެތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމަށް ބެލެވުނު ދުވަސްވަރަކީ މަސްވެރިކަމުގެ ރަންޒަމާން ކަމަށެވެ. މަސްވެރިކަމުގެ އެ ރަން ޒަމާން އަނބުރާ އިޢާދަކުރެވޭނެކަމާމެދު އެއްވެސް ޝައްކެއް އަދިވެސް އެމަނިކުފާނު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، މަސް ގަނެ، މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޤާބިލުކަން ބިނާކުރެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް އަދިވެސް ވެގެންދާނީ މަސްވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި މަޤްޞަދު ޙާޞިލުވާނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަތާ އަތް ގުޅައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން،" ރައީސް ވިދާޅުވިއެވެ.

އެންސިސްގެ މަސްކާރުޚާނާއެއް ހުޅުމާލޭގައި ހުޅުވުމުން ރައީސް ވިދާޅުވީ އެއީ އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން އިންވެސްޓް ކުރުމުގެ ފޮނި ނަތީޖާ ކަމަށެވެ. އެންސިސް އިން ޤާއިމުކުރި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުން ދޭހަކޮށްދެނީ، މަސްވެރިކަމުގެ ޞިނާޢަތަކީވެސް، ރަނގަޅު ރޭވުންތަކަކާއި، ދުރު މުސްތަޤްބަލުގެ ވިސްނުންތަކާއެކު އިންވެސްޓްކޮށްފިނަމަ، އެކަމުން ރަނގަޅު ފައިދާ ލޮބޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. "އެންސިސްއިން މިއަދު މި ހުޅުވާ މަސް ކާރުޚާނާ އާއި އައިސް ޕްލާންޓަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުމުގެ ވަރަށް ރީތި މިސާލެއް. ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި މިހާރު އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އަމިއްލަ ކުންފުންޏަކީ، އެންސިސް ކަމާމެދަކު ޝައްކެއްނެތް. ހަމަގައިމުވެސް ދިވެހި މަސްވެރިން އެކަމާ ޝައްކެއްނުކުރާނެ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.