ޚިޔާނާތުގެ މައްސަލަތައް ސިއްރުނުކޮށް ޙިއްސާކޮށް ދެއްވާ: ރައީސް

ސަރުކާރު އެއްވެސް މުއައްސަސާއެއްގެ އެއްވެސް މުޢައްޒަފަކު ފައިސާއާ މުދަލަށް ޚިޔާނާތްތެރިވާނަމަ އެކަން އެނގޭ ފަރާތްތަކުން ސިއްރު ނުކޮށް ކަމާ ބެހޭ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރައްވައިފިއެވެ. އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ޤައެއްމެއްގެ މުއްސަނދިކަމުގެ ތެރެއިން ރައްޔިތުންނަށް މަންފާއާއި ފައިދާ ލިބުމަށް އޮތް އެންމެބޮޑު ހުރަހަކީ އެ މުޖުތަމައަކުން ނަޒާހަތްތެރިކަން ގެއްލުމެވެ. އަދި ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން ޢާންމުވުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވުމަކީ ޤައުމު ތަރައްޤީ ކުރުމަށް އެޅޮގެންދާ އެންމެ ބޮޑު ހުރަސް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.  ކޮރަޕްޝަންގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާޢީ ޢަދުލުވެރިކަން ނެތިގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ މަޤާމެއްގައި ހުރެހެން ނުޙައްޤު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުން ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިސަރުކާރުން ވަނީ ސިޔާސީ ބޭފުޅުންގެ މާލީބަޔާންތައް ޢާއްމުކުރަން ފަށްޓަވައިފައެވެ.  އެއީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ދަށުން ކުރާކަމެކެވެ. މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ޤާއިމުކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި، ޤާނޫނުލް ޢުޤޫބާތުގައި ކަނޑައެޅުމަށް، މިއަހަރުގެ ކުރީކޮޅު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު، ބިލު ފާސްވެފައެއް ނުވެއެވެ. އެހެން ކަމުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ބޭޒާރުކޮށްލާ މީހުންނަށް، ޤާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު" މިހާރު ތަޞްދީޤުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.