މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ޕެޓިޝަން ގައި ސޮއިކުރަން ފަށާފައިވަނީ އިއްޔެއެވެ. އަދި މިއީ އޮންލައިންކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ.

"ދިވެހި ރާއްޖެ" ނަމަކަށް ކިޔާ އެކައުންޓަކުން، ރައިސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއް ހަދާފައިވަނީ "ޗޭންޖް އޯގް" ވެބްސައިޓުގައެވެ.

މި ޕެޓިޝަނުގައި އާންމުން ސޮއިކުރަމުންދާކަމަށް އެފަރާތުން ބުނެއެވެ.

މި ޕެޓިޝަންގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ދިވެހި ރައްޔިތުންނަށް މަލާމާތް ކުރައްވައި، ދިވެހިންގެ މެދުގައި އޮތް އިސްލާމީ އަދި އަޚުލާގީ އުސޫލުތަކަށް ގޮންޖައްސަވަމުން ގެންދަވާތީ ކަމަށް ވަނީ ބުނެފައެވެ. އަދި އެމަނިކުފާނު މިއަދު މަސައްކަތްކުރައްވަނީ ގައުމު އިނދަޖައްސާލައި، ނުބައި އަމަލުތައް ދިފާއު ކުރައްވަން ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

ނަޝީދާއި އީވާ މަގާމުން ދުރުކުރުމަށް އޮންލައިން ޕެޓިޝަނެއް ހަދާފައިވާއިރު، ޓްވިޓަރގައި "އިމްޕީޗްނަޝީދު" ހޭޝްޓެގް ދަނީ ދައުރުވަމުންނެވެ.

ފަހަކަށް އައިސް އާންމުންގެ މެދުގައި ނަޝީދުގެ މަގްބޫލުކަން ދަށްވެފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި މަގާމުން ވަކިކުރުމަށް އެމްޑީޕީގެ މެންބަރުންތަކެއް ބޭނުންވާ ކަމަށް، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.