އަދަދު ދަށަށް - ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 16 މީހުން

އެއް ދުވަސް ތެރޭގައި ކޯވިޑް 19 އަށް ޕޮޒިޓިވް ޢަދަދު ރެކޯރޑް ޢަދަދަކަށް ދަށަށް ގޮސްފިއެވެ. މިއަދު ޕޮޒިޓިވްވީ އެންމެ 16 މީހުންނެވެ. މިއީ ކޮވިޑް ކޭސްތައް އޯގަސްޓް މަހުން ފެށިގެން އިތުރުވި ފަހުން ބަލިޖެހުނު މީހުންގެ ޢަދަދު މިހާބޮޑަށް ދަށަށް ދިޔަ ދުވަހެވެ.

މިއަދު އިރުއޮއްސި ހަޔަކާހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވް ޢަދަދު 16 ގައި ހުރީ ޓެސްޓްކުރި 1204 ސާމްޕަލްގެ ތެރެއިންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވް 16 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ތިން ބިދޭސީންނެވެ. މިއަދުގެ ޢަދަދުގައި ތިން މީހުން ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11659 އެވެ. މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު 10814 އަށް އަރައިފައިވާއިރު މިހާރު ބަލި ޖެހިފައި ތިބީ 800 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 55 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 251 މީހުންނެވެ. 

މިހާރު އަތޮޅުތަކުގެ 18 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 28 އެވެ. މިވަގުތު 27 ރިސޯޓެއްގައި 35 ޓޫރިސްޓަކާއި 81 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. އިއްޔަ ކޯވިޑްގައި ނިޔާވި މީހަކީވެސް ރިސޯރޓެއްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. މަޢުލޫމާތި ލިބިފައިވާ ގޮތުގައި މިއީ ރިސޯރޓް މުވައްޒަފަކު ކޯވިޑްގައި މަރުވި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.