ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 145 މީހަކަށް ނަސޭހަތް ދީފި

ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 145 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށް އެޗްއީއޯސޯ އިން ވިދާޅުވެއްޖެއެވެ.

ރޭގަޑު 10 ން ފަތިހު ހައެއް ޖެހުމާހަމައަށް ބޭރުގައި އުޅުން މަނާކޮށްފައިވަނީ ރެއިން ފެށިގެންނެވެ. އެގަޑީގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި މަގުމަތީގައި އުޅުމާއި އުޅަނދު ފަހަރު ދުއްވުން ވެސް ވަނީ މަނާކޮށްފިއެވެ. އެހެންކަމުން  9:30 ފެށިގެން ފަތިހު ފަހެއް ޖެހުމާ ހަމައަށް ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިތައްވެސް ބަންދު ކުރަން ޖެހެއެވެ.  މަނާ ގަނޑީގައި  މަގުމައްޗަށް ނުކުމެ އުޅޭ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެކަން ތަންފީޒު ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކާފިއު ގަޑީގެ އަމުރު ތަންފީޒުކުރުން އިސްތިސްނާ ވާ ފަރާތްތަކުގެ ތެރޭގައި ސިފައިންނާ ފުލުހުންނާއި ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމީހުން ދުއްވާ އުޅަނދު ފަހާރާއި އެމްބިއުލާންސައި އެޗްއީއޯސީގެ ފާސްލިބިފައިވާ ފަރާތްތަކާއި ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އިމަރޖެންސީކޮށް ޞިއްޙީ ފަރުވާ ހޯދަން ޖެހޭ ފަރާތްތައް ހިމެނެއެވެ.

ބޭރުގައި އުޅުން މަނާ ގަޑީގައި ޑިއުޓީއަށް ދާންޖެހޭ މީހެއްނަމަ އެތަންތަނުގެ ކާޑު ނުވަތަ ޔުނީފޯމް ބޭނުންކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ އިތުރު ފިޔަވަޅުތައް ވެސް ތަންފީޒް ކުރަން ފަށައިފއެވެ. އޭގެ ތެރޭގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުންނަށް އެކުގައި ބޭރުގައި އުޅުން މަނާ ކުރުމާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން މަނާ ކުރުމާއި އެނޫންވެސް ވަރަށް ގިނަ ފިޔަވަޅުތައް ހިމެނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.