އަދިވެސް ކޮންޓުރޯލުނުވެ ދުނިޔޭގައި ހަލުވކަމާއެކު ފެތުރުމެންދާ ކޮވިޑް-19 އަށް 24 ގަޑިއިރުގެ ތެރޭގައި 1 ލައްކ މީހުން ޕޮޒިޓިވްވި ފުރުތަމަ ގައުމަށް އެމެރިކާ ވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި 1 ލައްކަ 233 މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި މިވަނީ އެއްދުވަސް ކުރިން އެމެރިކާއިން ހެދި ރިކޯޑް މުގުރާލާފައެވެ. އެ ދުވަހު އެމެރިކާގައި 97894 މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވިއެވެ.
އެމެރިކާއިން ފާއިތުވި ޖުލައި މަހުގެ ތެރޭގައި ގާއިމުކޮށްފައިވާ އެއްދުވަހުން 77299 މީހުން ޕޮޒިޓިވްވުމުގެ ރިކޯޑް ވަނީ ފާއިތުވި 10 ދުވަހުގެ ތެރޭގައި 5 ފަހަރު މުގުރާލެވިފައެވެ. މިއަދާއި އިއްޔެ ހާމަކުރި އަދަދަށް ބަލާއިރު އެމެރިކާގައި ކޮންމެ ސިކުންތަކު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއެވެ.
ކޮވިޑް-19 ޖެހޭމީހުން އެމެރިކާގައި ކުއްލިއަކަށް މައްޗަށް ދާން ފަށާފައި ވާއިރު، އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދެން ބާކީ އޮތީ އެންމެ 4 ދުވަހެވެ. އެމެރިކާގައި ކޮވިޑް- 19 ޖެހިގެން މިހާތަނަށް 2 ލައްކަ 30 ހާސް މީހުން މަރުވެފައި ވާތީ، މި ބަލި ވަނީ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭ މައްސަލައަށް ވެފައެވެ.
ރޮއިޓާސް އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 9 މިލިއަނަށް އަރާފައި ވާއިރު މިއީ އެގައުމުގެ އާބާދީގެ %3 އެވެ.
އިއްޔެ އެމެރިކާގެ 16 ސްޓޭޓަކުން ކޮވިޑް-19 ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވިކަން ހާމަކޮށްފައިވެއެވެ. 13 ސްޓޭޓަކުން ބުނެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު މީހުންގެ އަދަދު ރިކޯޑް އަދަދަކަށް އަރާފައި ވާކަމުގައެވެ.
ބުރާސްފަތި ދުވަހު ކޮވިޑް-19 ޖެހިގެން 1000 އަށްވުރެ ގިނަ މީހުން އެމެރިކާގައި މަރުވެފައި ވާއިރު، މިއީ މި އޮކްޓޯބަރު މަހުގެ ތެރޭގައި އެއްހާހަށް ވުރެ މައްޗަށް މި އަދަދު ދިޔަ ތިންވަނަ ފަހަރެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ 10 ހާސް މީހެއްގެ ތެރެއިން 272 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 10 ހާސް މީހުންގެ ތެރެއިން 3 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
ދުނިޔޭގައި މިހާތަނަށް 45.5 މިލިއަން މީހުންނަށް މި ބަލި ޖެހިފައި ވާއިރު 1 ލައްކަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.