ދުނިޔޭގެ އެހެން ކަންކޮޅުތަކެކޭ އެއްފަދައިން، އެމެރިކާގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ސަބަބުން އެމެރިކާގެ އިގުތިސާދު އަޑިއަޅާލާފައިވާ ކަމަށާއި، އިގްތިސާދު ދަށަށް ދަނީ ލަފާކުރެވިފައިވާ ވަރަށް ވުރެ މާ އަވަހަށް ކަމުގައި އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް، ވޮޝިންޓަން ޕޯސްޓުން ބުނެފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި 2008 ގައި ވެއްޓުނު މާލީ އަޑިގަނޑަށްވުރެ އަޑިއަށް މިފަހަރު އެމެރިކާގެ އިގްތިސާދު ވެއްޓޭނެއެވެ.
ކޮވިޑް- 19 ގެ ވަކި އެމެރިކާގައި ވެސް ހިއްޕަމުން ދާއިރު، އެމެރިކާގެ އެންމެ ބޮޑު ތިން ސްޓޭޓު ކަމުގައިވާ، ކެލިފޯނިޔާ، ނިއުޔޯކް އަދި އިލިނޯއީން ވަނީ ބޭހާއި، ކާބޯތަކެތި ގަތުމަށް ނޫނީ ގެއިން ބޭރަށް ނުނިކުތުުމަށް ރައްޔިތުންނަށް އަންގާފައެވެ. ޕެންސިލްވޭނިޔާގެ ގަވަރުނަރު ވަނީ އަސާސީ ޚިދުމަތްތަކާއި، ޒަރޫރީ ތަކެތި ވިއްކާ ތަންތަން ނޫނީ ބަންދުކުރުމަށް އަންގަވާފައެވެ.
މި ބަލީގެ ނުރައްކާ ބޮޑުކަން ހާމަކޮށްދެމުން ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވާ ގޮތުގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު 1 ލައްކައަށް އަރަން ތިން މަސްދުވަސް ނެގި އިރު، 1 ލައްކި 2 ލައްކައަށް އަރަން ނެގީ އެންެމެ 12 ދުވަހެވެ.
މިކަމުގެ ނުރައްކާތެރިކަން ހާމަކުރަމުން ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ، މި ހާލަތުގައި އެތައް މިލިއަން ބައެއެްގެ ވަޒީފާ ގެއްލުން ގާތްކަމުގައެވެ. އަދި ސަރުކާރުން ކަންކަން ނިންމުމުގެ ދުވެލި ހުރި ގޮތުން ވަގުތުން އެކަން ފޫބައްދައި ދެވޭނެ ގޮތެއް ނެތް ކަމުގައެެވެ.
ރައީސު ޑޮނާލްޑް ޓްރަމްޕްގެ ޓީމާއި ކޮންގްރެސްއިން ގުޅިގެން އެހީގެ ޕެކޭޖެއް ފާސްނުކުރެވިގެން އުޅެނިކޮށް އޭގެ އަދަދު ވަނީ ބޮޑުކުރަން ޖެހިފައެވެ. ފުރަތަމަ 1 ޓްރިލިއަން ޑޮލަރުގެ ޕެކޭޖެއް ފާސްކުރަން އުޅުނު ނަމަވެސް އެ އަދަދު ވަނީ ބޮޑުކޮށްފައެވެ.
ވޮޝިންޓަން ޕޯސްޓުން ނުބެފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފުތާތެރޭގައި ވަޒީފާ ގެއްލިގެން އެހީތެރިކަން ހޯދަން ލޭބާ ޑިޕާޓްމަންޓަށް ހުށަހަޅާ މީހުންގެ އަދަދު ތިން މިލިއަނަށް އަރާނެއެވެ. މިއަދަދާއެކު އެމެރިކާގައި ވަޒީފާ ނެތިފައި ތިބި މީހުންގެ ނިސްބަތް %3.5 އިން %20 އަށް އަރައިގެން ދާނެއެވެ.
އެމެރިކާގެ އެންެމެ ބޮޑު ނޫސްތަކުގެ ތެރޭގައި ހިމެނޭ އެހެން ނޫހެއް ކަމުގައިވާ، ނިއުޔޯކް ޓައިމްސްއިން މިއަދު ބުނެފައިވާ ގޮތުގައި އިގުތިސާދު އަޑިއަޅާފައި ވަނީ ހީކުރި ވަރަށް ވުރެ މާ އަވަަހަށެވެ. ރެސްޓޯރަންޓްތަކާއި، މޯލްތަކާއި، ސިނަމާތައް ބަންދުކުރަމުން ދާއިރު އިއްޔެ ނެގުނު ޚިޔާލުހޯދުމުގެ ވޯޓެއްގައި ބައިވެރިވި މީހުންގެ ފަސްބައިކުޅަ އެއްބައި ބުނެފައި ވަނީ އެމީހުން މަސައްކަތްކުރާ ގަޑިތައް މަދުވެއްޖެ ކަމަށެވެ. ނުވަތަ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި އިގްތިސާދު ދަށްވަނީއެއެް ނޫނެވެ. އިގްތިސާދު ވަނީ އަޑިއަޅާލާފައެވެ.
މިހާލަތުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އެމެރިކާގެ ކޮންމެ މީހަކަށް ވަގުތުން 2000 ޑޮލަރުން ދިނުން ކަމުގައި އެ ނޫހުން ބުނެފައި ވެއެވެ.
ނިއުޔޯކް ޓައިމްސް އިން ފާހަގަކޮށްފައިވާ ގޮތުގައި ކޮންގްރެސްގެ ބައެއް މެންބަރުން ވެސް ވަނީ ކޮންމެ ރައްޔިތަކަށް 2000 ޑޮލަރު ދިނުމަށް ހުށަހަޅުއްވާފައެެވެ. އަދި އަހަރު ނިމުމުގެ ކުރިން ކޮންމެ ރައްޔިތަކަށް 4500 ޑޮލަރު ލިބޭނެ ގޮތް ހެދުމަށެެވެ.
ފުރަަތަމަ 2000 ޑޮލަރު ދިނުމަށްވެސް 660 ބިލިއަން ޑޮަލަރު ބޭނުންވާނެ ކަމަށް ވެއެވެ. އެއީ އެމެރިކާގެ އުފެއްދުންތެރިކަމުގެ %3 އެވެ. މިކަމުގެ ސަބަބުންވެސް އިގްތިސާދު އިތުރަށް ވެއްޓިގެން ދިއުން އެކަށީގެން ވެއެވެ.