ޝާފިޔާގެ އެދުރު އަށި: ދަރިވަރުންގެ ސެލްފް އެސްޓީމް ނުވަތަ އަމިއްލަ ނަފުސަށް އިތުބާރު އެފެއްދުން

މިއަދުގެ ކޮލަމު މިޚާއްޞަކޮށްލަނީ ކިޔަވައިދިނުމުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އަމިއްލަ ނަފުސަށް އިތުބާރު ބޮޑުވާނެފަދަ ގޮތަށް ކިޔަވައިދިނުން ފަރުމާކުރުމާ ގުޅޭގޮތުންނެވެ. އިގިރޭސިބަހުން އެސްޓީމްގެ ލަފުޒު ވަކިން މާނަކުރާނަމަ އެއީ  އިހުތިރާމު، މަގުބޫލަކަން، ވެލިޔު ނުވަތަ އަގުވަޒަން ކުރެވުމޭ ވެސް ދެންނެވިދާނެއެވެ. މި މަފުހޫމާ ގާތްކުރާ ދާދި އެއް މާނައެއްގައި ބޭނުންކުރެވޭ ވަރަށް ގިނަ ތަފާތު މަފުހޫމުތައް ސައިކޮލޮޖީ ފޮތްތަކުގައި ބަޔާންވެފައިވެއެވެ. މިސާލަކަށް ސެލްފް ކޮންފިޑެންސް (އަމިއްލަ ނަފުސުގެ ޔަގީންކަން)، ސެލްފް އެފިކެސީ (ނަފުސުގެ ގާބިލުކަން)، އަދި ސެލްފް ކޮންސެޕްޓް (އަމިއްލަ ނަފުސާ މެދު ދެކޭގޮތް)  އަދި ސެލްފް އައިޑެންޓިޓީ (އަމިއްލަ ނަފުސް ސިފަކުރާގޮތް) ފަދަ މަފުހޫމުތަކެވެ. މިއިން ކޮންމެ މަފުހޫމެއްވެސް ގުޅިގެންދަނީ އަމިއްލަ ނަފުސުގެ އަގުވަޒަން ކުރުމާއެވެ. ޢާއްމުގޮތެއްގައި ސެލްފް އެސްޓީމްގެ މާނަ ގުޅިގެންދަނީ އެމީހަކު އަމިއްލަ ނަފުސާ މެދު ދެކޭގޮތާއި ހީކުރާ ހީކުރުންތަކާއި ވިސްނޭވިސްނުންތަކާ އަދި އަމިއްލައަށް ކުރެވޭނެކަމަށް ގަބޫލުކުރެވޭ ކަންކަމާއި، ތިމާގެ ގާބިލިއްޔަތާ މެދު ވިސްނޭ ގޮތްތަކާއެވެ. މިނޫންވެސް މީހުންގެ ކުޅެދުންތަކާ، ނުކުޅެދުންތަކާ، ކެރޭ ނުކުރޭ ކަންތައްތައް ވެސް ސެލްފް އެސްޓީމުގެ ތެރޭގައި ހިމެނިގެންދެއެވެ. ކޮންމެ ޢުމުރެއްގެ ދަރިވަރެއް ނަމަވެސް އެކުޖެއްގެ އަމިއްލަ ގާބިލިއްޔަތާ މެދު ނުވަތަ ކުޅަދާނަކަމާ މެދު ހީކުރެވޭ ހީކުރުންތައް އެކުއްޖެއްގެ ހަޔާތުގެ ކާމިޔާބީތަކާ އަދި ކުރިއެރުންތަކާއި ގުޅިގެންދެއެވެ. އަމިއްލަ ނަފުސާމެދު އޮންނަ އިތުބާރު ކުޑަވުމުން ކާމިޔާބީ ހޯދުމުގައި ދަތިތައް ދިމާވުމަކީ ވަރަށް ގާތްކަމެކެވެ. ހަމައެހެންމެ އެއީ ލިބިފައިވާ ގާބިލިއްޔަތެއް ހުރި ނަމަވެސް ކުރި އެރުން ހޯދުމަށް ހުރަސް އެޅިދާނެ ކަމެކެވެ. ކުރުކޮށް ދަންނަވާނަމަ، ސެލްފް އެސްޓީމް ނުވަތަ އަމިއްލަ ނަފުސްގެ އިތުބާރަކީ ކުރާކޮންމެ ކަމަކަށް އޭގެ އަސަރު ކުރާ އަމިއްލަ ސިކުނޑީގައި ހިނގާ ޚިޔާލުތަކެކެވެ. އަމިއްލަ ނަފުސާމެދު ޕޮޒިޓިވްކޮށް ވިސްނާ މިންވަރުން ކަންކަން ކުރެވޭ ގޮތް ރަގަޅުވާއިރު، ހަމަ އެ ބީދައިން ނުރަނގަޅު ކޮށް ކަންކަމާމެދު ވިސްނުމުން އޭގެ އަސަރު ނޭދެވޭގޮތަށް ހަޔާތުގެ ވަރަށް ގިނަ ކަންކަމަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސެލްފް އެސްޓީމާ ގުޅޭ ގޮތުން ލިޔުންތަކުން ފުރަތަމަ ފެންނަން ފެށީ 1740ގެ އަހަރުތަކުގައި ޑޭވިޑް ހިޔުމްގެ ލިޔުއްވުންތަކުންނެވެ. އޭނާ ލިޔުއްވާގޮތުގައި އެމީހެއްގެ އަމިއްލަ ކުޅެދުންތަކާމެދު ދެކޭގޮތާއި އަމިއްލަ ނަފުސުގެ އަގުވަޒަންކުރެވޭ ގޮތާ މެދު އެމީހެއްގެ އަމިއްލަ ޚިޔާލުތަކާއި ވިސްނުންތައް ދިރިއުޅުމުގެ ވަރަށް ގިނަކަންކަމަށް އަސަރު ކުރެއެވެ (ހިޔުމް، 1740). ހިޔުމްގެ އިތުރުން ކުރީގެ މަޝްހޫރު ސައިކޮލޮޖިސްޓް ޖޭމްސް ވިލިއަމްސްގެ ލިޔުންތަކުން ފެންނަންހުރި ސެލެފް/ނަފުސު އެކި ލެވެލްތަކުން (މެޓީރިއަލް ސެލްފް/މާއްދީ ނަފުސު، ސޯޝަލް ސެލްފް/އިޖުތިމާޢީ ނަފުސު، އަދި ސްޕިރިޗުއަލް ސެލްފް/ރޫހާނީ ނަފުސު) ސޯޝަލް ސެލްފް ގުޅިގެންދަނީ ސެލްފް އެސްޓީމް ނުވަތަ ނަފުސުގެ އިތުބާރާއެވެ. މިހާ ކުރީގެ ލިޔުންތަކުގައި ވެސް ޢިލުމުވެރިން އިޝާރާތްކުރައްވާ ގޮތުގައި އިންސާނުންގެ ދިރިއުޅުމުގެ ކަންކަމަށް އެދެވޭ ނޭދެވޭ އަސަރުތަކެއް ކުރަނީ އެމީހެއްގެ އަމިއްލަ ސިކުނޑީގައި ހިނގާ ޚިޔާލުތަކަކުންނެވެ. ކޮންމެ ޢުމުރެއްގެ ދަރިވަރެއް ނަމަވެސް އެކުދިން އަމިއްލައަށް އޭނާގެ އަގުވަޒަން ކުރާގޮތާ ގުޅޭ ގޮތުން ކުރެވޭ ޚިޔާލުތަކާ ވިސްނުންތަކުން އެދެވޭ ގޮތުންނާއި ނޭދެވޭ ގޮތުން އެކުދިންގެ ހަޔާތަށް އަސަރު ކުރެއެވެ. މިއީ އެއްވެސް ހާލެއްގައި ކުދިން ދުނިޔެއަށް އަންނައިރު ހިފައިގެން އަންނަ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ވަށައިގެންވާ މާހައުލުގެ ތެރެއިން، ކުރެވޭ މުޢާމަލާތުގެ ތެރެއިން ދަރިވަރުންނަށް ލިބިދޭ ވިސްނުންތަކެކެވެ (ވިލިއަމްސް ، 1882). އުނގެނުމާއި އުނގަންނާދިނުމުގެ ކަންކަމުގައި ސެލްފް އެސްޓީމް އެންމެ ބޮޑަށް ބޭނުންކުރެވެން ފެށީ އަބްރަހަމު މާސްލޯގެ 'ނީޑްސް ހައިރާކީ' ގެ ތެރެއިންނެވެ. މާސްލޯ (1987) ފާހަގަ ކުރައްވާގޮތުގައި އިންސާނުން ކަންކަމަށް ޝައުގުވެރިކަން ހުރެ އެކަން ދެމެހެއްޓެނީ އޭނާގެ ބޭނުންތަކެއް ފުދެމުންދާ މިންވަރަކުންނެވެ. މިޚީޔާލުގައި އޭނާ ޚާއްޞަކޮށް ބަޔާންކުރައްވަނީ މީހާގެ ބޭނުންތައް ފުރިހަމައަށް ފުދެމުންދާ ކަމުގެ އިހުސާސް ގުޅިގެންދަނީ އަމިއްލަ ނަފުސުގެ އަގުވަޒަން ކުރުމާއި، އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމާއި، ނަފުސަށް އޮންނަ ލޯތްބާއި، އިހުތިރާމުގެ އިތުރުން، އަދި އަމިއްލަ ގާބިލުކަމާމެދު ދެކޭގޮތްތަކުގެ ތެރެއިން ކަމެވެ (މާސްލޯ، 1987). މި ޚިޔާލުތަކަށް ނަޒަރު ހިންގާލާއިރު ދޭހަވެގެންދަނީ ދަރިވަރެއްގެ ޢާއްމު ދިރިއުޅުމުގައި އެކުއްޖަކަށް ދިމާވަމުންދާ ކަންކަމުގެ ތެރެއިން އޭނާގެ އަމިއްލަ ނަފުސާމެދު ދެކޭ ދެކުންތައް ވަކި ގޮތަކަށް ބައްޓަންވެ ބިންގާ އެޅެމުންދާ ކަމެވެ. އެކުއްޖަކީ ދިރިއުޅުމަށް ބޭނުންވާ ކަންކަން ހާސިލުވަމުންދާ ދަރިވަރެއް ނަމަ، އޭނާގެ އަމިއްލަ ނަފުސާމެދު އުފެދޭ ޔަގީންކަމާއި އަމިއްލަ ގާބިލިއްޔާތާ މެދު އޮންނަ އިތުބާރު ތަރައްގީވަމުން ދާނެކަން ގިނަ ޢިލުމުވެރިންތަކެއް ހާމަކުރައްވާފައިވެއެވެ (ބައުމިސްޓަރ، ކެމްބެލް، ކުރޫގަރ އަދި ވޮސް،2003). އިސްވެދިޔަ ހުރިހާ ޢިލުމުވެރިންގެ ޚިޔާލުތަކުންވެސް ހާމަވާ މުހިންމު އެއްކަމަކީ ނަފުސުގެ އިތުބާރު/ޔަގީކަން މިއީ ކުއްޖާ ދުނިޔެއަށް އައުމަށްފަހު މާހައުލުގެ ތެރެއިން ތަރައްގީވެ ކުރިއަރަމުންދާ ވިސްނުންތަކެއް ކަމެވެ. އެހެންކަމުން، ދަރިވަރުންގެ ނަފުސުގެ އިތުބާރު ބޮޑުކުރުމުގައި މުދައްރިސުންނާއި ބެލެނިވެރިންގެ ދައުރު ބޮޑުކަން ހާމަވެއެވެ. މިއަދުގެ ލިޔުމުގެ ޚިޔާލުތައް ބޮޑަށް އަމާޒު މިކޮށްލަނީ މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ތަޖުރިބާކާރު މުދައްރިސުން އެމީހުންގެ ދަރިވަރުންގެ ސެލްފް އެސްޓީމް/ނަފުސުގެ އިތުބާރު އިތުރު ކުރުމަށް ކުރާކަންތައް ތަފާތު އެކި ފޯރަމުތަކުގައި ހިއްސާ ކޮށްފައި ހުރެއެވެ. މިގޮތުން އަޅުގަޑަށް ފާހަގަކޮށްލެވުނު ޚާއްޞަ ލިޔުންތެރިއެއްގެ ޚިޔާލުތައް މިތާގައި ހުށަހަޅާލާނަމެވެ. ފްރީޑްމަން (2019) ލިޔުއްވާގޮތުގައި ދަރިވަރުންގެ  ނަފުސުގެ އިތުބާރު/ޔަގީންކަން ކުރިއެރުވުމުގެ އެންމެ މުހިންމުކަމަކީ އުނގެނޭ މާހައުލަކީ އެކުދިންނަށް ގަޔާވާ، ހިތްގައިމު، އަމާންކަން އިހުސާސްކުރެވޭ، ލޯބި ލިބޭ، އެތަނެއްގައި ވަގުތު ހޭދަ ކުރާ ހިތްވާ ތަނަކަށް ހެދުންކަމުގައެވެ. މިކަމަށް އިޝާރާތްކޮށް އޭނާ ޢާއްމުކޮށް ކުރައްވާ ކަންތައްތަކާ ބެހޭގޮތުން އޭނާގެ ސްކޫލް ބްލޮގްގައި ލިޔުއްވާފައިވާ ދެތިން ކަމެއް މިތާގައި ހިމަނާލާނަމެވެ.

  • ކުލާހަށް ވަންނައިރު އެދަރިވަރެއްގެ ނަމުން ގޮވާލާ ކޮންމެ ދުވަހަކުވެސް އެކުދިން ކުލާހަށް ވަންނަވަގުތަކީ ވެލްކަމިން/މަރުހަބާކިޔޭ އަދި އެކަމަށް މުދައްރިސް އިންތިޒާރު ކުރާ ވަގުތެއްކަން އިހުސާސްކޮށްދިނުމާއެކު އަދި ޚާއްޞަކޮށް އެކުދިން ފެނުމުން އުފާވެ ހިތްހަމަ ޖެހޭކަން ދަރިވަރުންނަށް ގަބޫލުކޮށްދިނުން.
  • ދަރިވަރުންގެ ހާލު އަހުވާލު ބަލާލާ، ޢާއްމު ވާހަކަ ދައްކާލުމަށް ވަގުތުކޮޅެއް ހޭދަކޮށް ދަރިވަރުންގެ މޫނުމަތި އުޖާލާކޮށްލަން ކުލާސްގަޑި ފެށޭއިރު ފުރުސަތު ފަހިކޮށްދިނުން.
  • އަބަދުވެސް ކަމެއްގައި ދަރިވަރުންނަށް ދަތިކަމެއް، އުދަނގޫ ކަމެއްވާނަމަ، ނުވަތަ ހިތްނުތަނަވަސްކަމަކާ ދިމާވާނަމަ އީމެއިލްކޮށް ނުވަތަ ވަކިން ބައްދަލުކޮށް ވާހަކަ ދެއްކުމަށް ހިތްވަރުދީ ހެދުން.
  • ދަރިވަރުން ކުރާ ކަންތައްތަކަށް، ނުވަތަ އުގެނެމުންދާއިރު ހަމައެކަނި ގުރޭޑް ދޭން މަސައްކަތް ބެލުމަށްވުރެ އެހީތެރިކަން ފޯރުކޮށްދީ ދަރިވަރުންގެ އަމިއްލަ ނަފުސަށް އިތުބާރު ބޮޑުވާގޮތަށް ފިޑްބެކްދިނުން.
  • ދަރިވަރުންނަށް ކުރެވޭ ކުށްތައް ނުވަތަ ހެދޭ މިސްޓޭކްތައް އިސްލާހުކުރަން ފުރުސަތު ދިނުމާއެކު އެއީ އުނގެނުމުގެ ބައެއްކަން ދަރިވަރުންނަށް އިހުސާސްކޮށްދިނުން.

އިސްވެދެންނެވުނު ކަންކަމަކީ ދަރިވަރުންގެ ޢާއްމު ދުޅަހެޔޮކަމަށްވެސް ނުހަނު ބޭނުންތެރިކަންކަމެވެ. މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކަންކަމުގައި ވީނަމަވެސް މުދައްރިސުން އެފަދަކަންކަމަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ރާވާނަމަ، އެކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރު ބޮޑުވެ، އެކުދިންނަކީ އެހެންމީހުން ވެސް ބަލައިގަންނަ، ލޯބި ލިބޭ ބައެއްކަން އިހުސާސްކުރެވި، މުހިންމު ބަޔެއްކަން ވިސްނުމަށް އެހީތެރިވެދޭނެ ކަންކަމެވެ. މިގޮތުން ދަރިވަރުގެ ސިކުނޑީގައި އުފެދޭ މިފަދަ ވިސްނުންތަކުގެ ސަބަބުން އަމިއްލަ ނަފުސުގެ މުހިންމުކަން، އަދި ބޭނުންތެރިކަން، ނަފުސުގެ އަގުވަޒަންކުރުން ފަދަ އެތަށް ކަމަކަށް އެހީތެރިވެދޭނެއެވެ. ޢާއްމުކުލާހަކީ ދަރިވަރުންގެ މިފަދަ ބޭނުންތަކަށް ރިޢާޔަތް ނުކުރެވޭ ތަނެއް ނަމަ އުނގެނުމަށް އެކަމުގެ އަސަރު ކުރާފަދައިން ދަރިވަރުން ޢާއްމު ދުޅަހޮޔޮކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ބައެއް ފަހަރު ކުލާސްރޫމަކީ ދަރިވަރުންނަށް ހިތްގައިމު ހިތްހަމަޖެހޭތަނަކަށް ވީ ނަމަވެސް ކޮންމެ ދަރިވަރެއްގެ ހަޔާތުގައި އަބަދުމެ ހުންނާނީ އެންމެ އުފާވެރި އެންމެ ފުރިހަމަ ކަންކަމަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ތަފާތު ހާލަތްތަކުގައި ތިބޭ ކުދިން ދެނެގަނެ އެކުދިންގެ ނަފުސުގެ އިތުބާރު އިތުރުކުރަން ވެސް މުދައްރިސުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. މިގޮތުން ބައެއް ޢިލުމުވެރިން ވިދާޅުވަނީ އަމިއްލަ ނުފަސުގެ އަގުވަޒަން ކުރުން ދަށް ކުއްޖެއްގެ ވެސް ކުލާހުގެ ތެރޭގައި ރޭވޭ ކަންކަމުން އެކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރު އިތުރު ކުރެވިދާނެކަމެވެ. މިފަދަ ކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން އިތުރަށް ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯގެ ލިންކަށް ފިއްތަވާލައްވާށެވެ.

އަމިއްލަ ނަފުސުގެ އިތުބާރު ދަށްކުދިންނަށް އެހީތެރިވެދޭނެ ގޮތްތަކާ ބެހޭގޮތުން ނިއުޒިލޭންޑްގެ މަޝްހޫރު ސައިކޮލޮޖިސްޓެއް ކަމަށްވާ ކެން ޝޯރ ލިޔުއްވާފައިވާ ބައެއް ޚިޔާލުތަކަށް މިތާގައި އަލިއަޅުވާލާނަމެވެ. މިގޮތުން ފާހަގަކުރައްވާފައިވާ ކަންކަމަކީ:

  • ދަރިވަރުން ކުރާ ކަންތައްތަކަށް ތަރުހީބު ދޭއިރު އޭގެ މާނަހުރި ގޮތަކަށް ދިނުން. މާނައަކީ ކޮންމެހެން ހާދަ ރަގަޅޭ ބުނެލުމުގެ ބަދަލުގައި އަސްލުވެސް ރަގަޅުކަން އިހުސާސްވާގޮތަށް ކުރާ ވަކިކަމަކަށް ގުޅުވައިގެން ތަރުހީބުދީ ހެދުމެވެ.
  • ދަރިވަރުން ކުރާ މަސައްކަތްތަކުގެ ނަތީޖާތައް ކިޔާއިދޭއިރު ރަގަޅަށް ކުރެވިފައިވާ ހުންނަކަންތައް ބޮޑަށް ފާހަގަކޮށް ރަގަޅުވި ގޮތް ކިޔައިދީ އެކަމަކީ ކާމިޔާބީތަކެއްގޮތަށް އިހުސާސްވާނެ ފަދަ ގޮތަށް ފާހަގަކުރުން.
  • ޢާއްމުކޮށް ނަފުސުގެ އިތުބާރު ދަށްކުއްޖެއްނަމަ އޭނާގެ ކުދި ކުދި ކާމިޔާބީ ތައްވެސް އަމިއްލައަށް ހާމަކުރަން ފުރުސަތު ދިނުން. މިގޮތުން ކުލާހުގައި ކުރެވޭ ރަގަޅު ކަންކަން ހުރިހާކުދިންނަށް ހާމަކުރަން ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.
  • ދަރިވަރުންގެ މުހިންމުކަން ކުލާސްކުދިން ބައިވެރިކޮށްގެން އިހުސާސްވާ ފަދަ ކަންތައްތައް ރޭވުން. މިސާލަކަށް ކުލާހުގައި ހަވާލު ކުރާ ތަފާތު ރޯލްތައް ދީ އެކަންކަން ރަގަޅަށް ކުރުމަށް އެހީތެރިވެދީ އަމިއްލައަށް ކުރެވޭކަންކަން/ގާބިލުކަންތައް އިހުސާސްވާން ފުރުސަތު ހޯދާދިނުން.
  • ދަރިވަރު ގަޔާވާ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތުދީ އެކަންކަމާ މެދު އޮޅުންފިލުވަން މުދައްރިސް ވާހަކަ ދައްކާ ޝައުގުވެރިކަން ފާޅުކުރުން. މިގޮތުން ކޮންމެ ދުވަހަކުވެސް އެފަދަ ކުދިންނަށް ވަގުތުކޮޅެއް ހުސްކޮށް އެކަމަށް ސަމާލުވެ ކިޔަވައިދިނުން ރޭވުން.
  • ދަރިވަރުންނަށް ޢާއްމުކޮށް އުނގެނުމުގައި ހެދޭ ބައެއް މިސްޓޭކް/ކުދިކުދިކުށްތައް އިސްލާހުކުރަން ފުރުސަތު ދީ އެއީ މާބޮޑު ކަމަކަށް ނުހަދާ އެކަން ބަލައިގަންނަން ދަރިވަރަށް އެހީތެރިވެދީ އެއީ އުނގެނުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ބަލައިގަންނަން ފުރުސަތު ފަހިކޮށްދިނުން.
  • ކުލާހަކީ ދަރިވަރުންގެ ތަނެއްކަން، އެމީހުންގެ ޢާއްމު ދިރިއުޅުމުގެ ހިތްގައިމު އިހުސާސްތަކާއި ހިތްހަމަޖެހުން ލިބޭ ތަނަކަށް ހެދުމަށް މަސައްކަތްކޮށް އެކަން ކަށަވަރު ކުރުން.
  • ދަރިވަރުންގެ ކާމިޔާބީތައް ދަރިވަރުގެ ކުރިމަތީގައިވެސް އަދި ދަރިވަރު ނެތް ވަގުތުތަކުގައި ވެސް ބެލެނިވެރިންނާއެކު ހިއްސާކޮށް ވާހަކަ ދައްކާ ހެދުން. މިއީ ގޭތެރޭގެ މާހައުލުގައި ދަރިވަރުގެ ގާބިލުކަމާމެދު މައިންބަފައިން ދެކޭގޮތް ޕޮޒިޓިވް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެކެވެ.

އިސްވެ ބަޔާންވި ކަންކަމަކީ ދަރިވަރުންގެ ނަފުސުގެ އިތުބާރު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން ކުލާސްތެރޭގައި މުދައްރިސުންނަށް ސަމާލުކަން ދެވިދާނެ ކަންކަމެވެ. މީގެ އިތުރުން ކުލާހުގައި ރާވައި ހިންގޭ ތަފާތު ހަރަކާތްތަކުގެ ތެރެއިންވެސް ދަރިވަރުންގެ އަމިއްލަ ނަފުސުގެ ޔަގީންކަމާއި އިތުބާރު އިތުރު ކުރެވިދާނެއެވެ. މިގޮތުން ކުލާހުގެ ރޭވިދާނެ ބައެއް ކަންކަމުގެ ދެތިން މިސާލެއް މިބައިގައި ހިމަނާލަން ގަސްދުކުރަމެވެ. މިޚިޔާލުތަކަކީ ކިޔަވައިދިނުމުގެ ދާއިރާގައި ވަރަށް ގިނަ ތަޖުރިބާކާރުން ލިޔުއްވާ މަޝްހޫރު ޓީޗް.ކޮމްގައި އިޝާރާތްކޮށްފައިވާ ބައެއް އެކްޓިވިޓީތަކެވެ. ޚާއްޞަކޮށް މިއެކްޓިވިޓީތަކަކީ އެކަޑަމިކް/ތަޢުލީމީ އާ އަހަރެއް ފެށޭ ދުވަސްކޮޅު ކޮންމެހެންވެސް ހިންގުން ބޭނުންތެރި ހަރަކާތްތަކެއްކަން މި ސައިޓުގައި ހާމަކޮށްފައިވެއެވެ.

އެކްޓިވިޓީގެ ނަން ގެންދާނެ ގޮތް ލިބޭނެ ފައިދާ

އަހަރެންނަކީ...

މިއެކްޓިވިޓީ ގެންދާއިރު ކޮންމެ ދަރިވަރަކުވެސް އެދަރިވަރެއްގެ އަމިއްލަ ނަފުސުގައި ހުންނަ ރަގަޅުކަންތައްތައް ފާހަގަކޮށް ކިޔައިދޭން ނުވަތަ ލިޔުމަށް ވެސް ފުރުސަތުދެވިދާނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުގެ އަމިއްލަ ހަޔާތާ ގުޅޭ ގޮތުން ޕޮޒިޓިވްކޮށް ވިސްނުމަށާއި އަމިއްލަ ހަޔާތާ ގުޅޭ ގޮތުން ފާހަގަކުރެވޭ ރަގަޅު ކަންތައްތަކެއް ހުންނަކަން އަމިއްލައަށް ވެސް ބަލައިގަނެވި އެހެންމީހުންނަށްވެސް އެކަން ހާމަކުރުމަށް ފުރުސަތު ފަހިވާނެއެވެ.
އަހަރުމެންނަކީ... މިއެކްޓިވިޓީއަކީ ދަރިވަރުންގެ ގުރޫޕުތައް ހެދުމަށްފަހު ގެންދެވޭ ހަރަކާތެކެވެ. މިފަދަ ހަރަކާތްތަކުގައި ދަރިވަރުން އެއްކުއްޖެއް އަނެއްކުއްޖެއްގެ ކިބައިގައި ހުންނަ ގާބިލުކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާ ކިޔައިދީ ލިޔެ، އެކަކު އަނެކަކުގެ ހުންނަ ކޮމަން/އެއްގޮތްކަންތައް ފާހަގަކޮށް ހަދަން ފުރުސަތު ލިބެއެވެ. އަދި ތަފާތު ސިފަތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ހުށަހެޅުމަށް ވެސް މަގުފަހިވެއެވެ. މިފަދަ އެކްޓިވިޓީގެ ސަބަބުން ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެ، ގާތްކަން އުފެދި އެއްކުއްޖަކު އަނެއްކުއްޖަކު ދެނެގަތުމަށްވެސް އެހީތެރިވެދެއެވެ. މީގެ ސަބަބުން ކުލާސްރޫމަކީ އެއްކުއްޖަކު އަނެއްކުއްޖެއް ތަފާތުތައް ބަލައިގަންނަ ތަނަކަށް ވެސް ހެދެއެވެ.
ސިފަތައް ލިސްޓުކުރުން މިކަމަކީ ދަރިވަރުން އަމިއްލައަށް އެކުއްޖެއް ސިފަތައް ލިސްޓްކުރަން ދިނުމެވެ. ޢާއްމުކޮށް ކޮންމެ ކުއްޖަކަށް ކަރުދާސްކޮޅެއް ދިނުމަށް ފަހު އަމިއްލައަށް ގަބޫލުކުރެވޭ އެކުއްޖެއްގެ ކިބައިގައި ހުންނަ ރަގަޅުކަންތައް ލޔަން ނުވަތަ  ވާހަކަ ދައްކަން ފުރުސަތު ދިނުމެވެ. މީގެ ސަބަބުން ހުރިހާ ކުދިންނަށްވެސް  އެކި ކުދިންގެ ކިބައިގައިވާ ރަގަޅު ކަންތައްތައް ޢާއްމުކޮށް އެނގުން ހިމެނެއެވެ. އޭގެ އިތުރުން ދަރިވަރު އަމިއްލައަށް ވެސް އެކުދިންގެ ކިބައިގައި ހުންނަ ރަގަޅު ސިފަތައް ގަބޫލުކޮށް ފާހަގަކުރެވި ބަލައިގަންނަން ފުރުސަތު ހުޅުވެއެވެ.
ބަދަލުކޮށްލުން މި އެކްޓިވިޓީގައި ޢާއްމުކޮށް ދަރިވަރުންނާ ހަވާލުކުރެވެނީ އެކުދިންނަށް ކުރެވިފައިވާ ނޭދެވޭ ކަމެއް ނުވަތަ ހެދިފައިވާ ގޯސްތަކެއް، އަމިއްލަ ލިސްޓް ކޮށްލަންށެވެ. އެއަށްފަހު އެކަން ރަގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ވިސްނާ ރަގަޅު ކުރާނެގޮތެއް ލިޔުމެވެ. މިފަދަ އެކްޓިވިޓީގެ ސަބަބުން ދަރިވަރުންނަށް އަމިއްލަ ނަފުސް ރިވެލިކޮށް، ހަޔާތުގައި ކަމެއް ރަގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ބަލައިގަނެވި ގޯސްކޮށް ކަމެއްދާނަމަ އެކަމުގައި ދެމި ހުރުމުގެ ބަދަލުގައި ރަގަޅު ކުރެވޭނެ ގޮތް ވިސްނަން ފުރުސަތު ފަހިވެއެވެ. ބައެއް ފަހަރު ކަނޑައެޅިގެން ހާމަ ކުރަން ބޭނުން ނުވާ ކަންކަމާމެދު ވެސް މިފަދަ ފުރުސަތު ދިނުމުން ދަރިވަރުން ވިސްނާނެއެވެ.
ބަސްދީގަތުން މިއެކްޓިވިޓީގައި ކުލާހުގެ ދަރިވަރުން ތިބޭނީ ދެކުދިން ދެކުދިން ބަހާލެވިފައެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ ކުރެވޭ ސުވާލުތަކުން ގަޔާވާ ކަންކަމާއި ދަރިވަރުންގެ އެކި ކަންކަމާއި ބެހޭގޮތުން ބަސްދީގަތުން ބާއްވާ ކުދިންގެ މެދުގައި ގުޅުން ބަދަހިކޮށް ދެނެގަތުމުގެ ކަންތައްތަކެއް މިކަމުން ހާސިލުވާނެއެވެ. މިކަމަކީ އާ އަހަރެއްގެ ކިޔެވުން ފެށޭއިރު ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުން އަލަށް ކުލާހަށް އަންނައިރު ތިބޭނީ އާކުދިން ނުވަތަ ކުޑަކޮށް ދަންނަ ކުދިންނެވެ. މިފަދަ އެކްޓިވިޓީގެ ސަބަބުން ކުދިންގެ މެދުގައި ގުޅުންބަދަހިވެ އެކުދިންގެ އަމިއްލަ ކަންކަން ކިޔާދިނުމުގެ ރޫހެއްވެސް އުފެދޭނެއެވެ. ހަމައެއާއެކު އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ އެކަކު އަނަކަކާމެދު ޖެހިލުވުން ކުޑަކުރެވޭނެއެވެ.
އަމިއްލަ އަށް ސިޓީއެއް ލިޔުން މިއެކްޓިވިޓީގައި ދަރިވަރާއި ހަވާލުކުރެވެނީ އެކުއްޖަކު އަމިއްލައަށް އެކުއްޖަކަށް ސިޓީއެއް ލިޔާށެވެ. މިސިޓީގައި ޚާއްޞަކޮށް އެކުއްޖަކު މުސްތަގުބަލުގައި ނުވަތަ މި އަހަރު ނުވަތަ ޓާރމު ނިމޭއިރު ކުރަން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން، ހާސިލުކުރަން ބޭނުންވާ ކާމިޔާބުތަކަކާ ބެހޭގޮތުން ލިޔުމަށް ބުނެވިދާނެއެވެ. އެކަން ކުރެވިދާނެ ގޮތްތައް ވެސް ހިމަނަން ބުނެވިދާނެއެވެ. މީގެ ސަބަބުން ކުރިއަށް ވިސްނާ އަމިއްލަ އުގެނުމުގެ ކަންކަން ރަގަޅު ކުރުމަށް ބާރު އެޅުމުގެ އިތުރުން މުސްތަގުބަލަށް ނުވަތަ ހާސިލުކުރަން ބޭނުންވާ ގޯލްތަކެއް ކަނޑައެޅުމަށްވެސް އެހީތެރިވެދޭނެއެވެ. ގޯލުތަކެއް ކަނޑައެޅުމަކީ ދަރިވަރުން އަމިއްލަ ނުފުސުގެ ޔަގީންކަމާއި ގާބިލުކަން ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ.

މި ބަޔާން ކުރެވިދިޔަ އެކްޓިވިޓީތަކާ މެދު ވިސްނާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މަދަރުސާއެއްގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތައް އެހެން ދަރިވަރުންނާއެކު ބަދަހި ކުރުމަށް ފުރުސަތު ދިނުންކަމެވެ. އިޖުތިމާޢީ ގުޅުން ދަރިވަރުންގެ މެދުގައި ބަދަހިވީވަރަކުން ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ އަމިއްލަ ނުފުސުގެ އިތުބާރުވެސް އިތުރުވާނެއެވެ. ބަލާބެލުމުގައި މިއީ ވަރަށް އާދައިގެ ހަރަކާތްތަކެއް ކަމަށް ވެސް ފާހަގަ ކުރެވުނު ނަމަވެސް މިފަދަ ހަރަކާތްތަކުގެ ސަބަބުން އުނގެނުމުގެ މާހައުލަކީ ދަރިވަރުން ހިތްހަމަޖެހޭ އިޖުތިމާޢީ އެތަށް ގިނަ ހުނަރުތަކެއް ތަރައްގީ ކުރުމަށް ވެސް އެހީތެރިވެދޭނެ ހަރަކާތްތަކެކެވެ. ދަރިވަރުންގެ އިޖުތިމާޢީ ނަފުސާނީ ދުޅަހެޔޮކަމަކީ ދަރިވަރުންގެ ކާމިޔާބީގެ އެންމެ މުހިންމު އެއްތަޅުދަނޑިއެވެ. އަމިއްލަ ނަފުސުގެ އިތުބާރު އިތުރު ކުރެވޭނީ ނަފުސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ ބަދަހި ގުޅުންތަކުގެ ތެރެއިންނެވެ.

މިއަދު މިހުށަހަޅާ ލެވުނު ވާހަކަ ކޮޅަކީ ދަރިވަރުންގެ މުޅި ހަޔާތާ ގުޅިފައިވާ ކަމެކެވެ. އެ ކުދިންގެ ޅަޢުމުރުގައި މިކަމަށް ސަމާލު ނުވެވިއްޖެނަމަ އޭގެ ނޭދޭ ވޭ އަސަރު މުޅި ތަޢުލީމީ ހަޔާތަށްވެސް އަދި އިޖުތިމާޢީ ދިރިއުޅުމަށް ވެސް ކުރާނެ ކަންކަމެވެ. ދަރިވަރުންގެ އަމިއްލަ ނަފުސުގެ އިތުބާރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ މައިންބަފައިންނެކޭ އެއްފަދައިން މުދައްރިސުންގެ ވެސް ޒިންމާއެކެވެ. ކުލާހުގައި ވާކަންކަމުން ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދައިން ގޭގެ މާހައުލުގައި ވާކަންކަމުންވެސް އެކުދިންގެ އެނގެނުމުގެ ޝައުގުވެރިކަމަށް ވެސް އަސަރު ކުރުވާނެއެވެ. މުދައްރިސުންނާ ބެލެނިވެރިން އެއްބައިވެގެން މިކަމަށް ހޭލުންތެރިކަމާއެކު މަސައްކަތް ކުރެވިއްޖެނަމަ ދަރިވަރުންނަކީ އަމިއްލަ ނަފުސަށް އިތުރުބާރު ކުރާ ބަޔަކަށް ހެދުމަކީ އުދަގޫ ކަމަކަށް ނުވާނެއެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.