މައިކްރޮސްފްޓް ކޮމްޕެނީގެ އިސްވެރިޔާ ބިލް ގޭޓްސް 1994 ވަނަ އަހަރު ވިދާޅުވި ބަސްފުޅެއްގައި 'މަޢުލޫމާތުވަނީ އިނގިލި ކުރިޔާ ހިސާބަށް ގެނެވިފައިކަން' ހާމަކުރެއްވުމުން އޭގެ ހަގީގީ މާނަތައް މާ ބޮޑަކަށް އޭރު ތަޞައްވުރު ކުރެވިފައެއް ނެތެވެ. ނަމަވެސް އޭގެ ފަހުން ދިހަދިހައިގެ އަހަރުތަކަކަށްފަހު ޓެކްނޮލޮޖީ މިވަނީ ޚިޔާލު ވެސް ނުކުރެވޭހާ ކުރިއަރާފައެވެ. ޓެކްނޮލޮޖީގެ މި އިންގިލާބީ ކުރިއެރުމުގެ ސަބަބުން ދުނިޔެ މިވަނީ މީގެ ދެތިން އަހަރެއްގެ ފަހަތަށް ހިނދުކޮޅަކަށް ބަލާލި ނަމަވެސް ނުފެންނަވަރުގެ ބަދަލުތަކެއް އައިސްފައެވެ. ޓެކްނޮލޮޖީ ބޭނުންކުރަން އެނގުމަކީ ލިޔަންކިޔަން ދަތުމާއި އެއްވަރު ކަމަށް ބެލެވިފައެވެ. ސަބަބަކީ މިޒަމާނުގައި ޓެކޮނޮލޮޖީއާ ނުލައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ދަތިތައް ދިމާވުމެވެ. މިއަދުގެ ވާހަކަކޮޅު މި އަމާޒު ކޮށްލަނީ މިޒަމާނުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް ކަމަށްވާ ޑިޖިޓަލް ލިޓްރެސީ ނުވަތަ ޓެކްނޮލޮޖީގެ ލިޔެކިޔުން އެނގުމާ ބެހޭ ގޮތުންނެވެ. މިހެން ދެންނެވީމާ، ފަހަރުގައި މާނަކުރުމުގައި އޮޅުމެއް އަރާފާނެއެވެ. ނަމަވެސް ހަގީގަތަކީ ޓެކްނޮލޮޖީއަކީ ވެސް ހަމަ އެހެނިހެން ތަކެތި ވެސް ލިޔަންކިޔަން ދަސްކުރާހެން އެ ބޭނުންކުރަން ދަސްކޮށް އެ ރަނގަޅު ގޮތުގައި ބޭނުންކުރަން ދެނެގަންނަން ޖެހޭ އެއްޗެކެވެ. ވަރަށް ގިނަ ބޭފުޅުން ވިސްނަވާ ގޮތުގައި ޓެކްނޮލޮޖީގެ ބޭނުން ކުރަން އެނގުމުން، ޓެކްނޮލޮޖީގެ ލިޔަންކިޔަން ދަސްވީ ކަމަށް ގަބޫލު ކުރެވިދާނެއެވެ. ނަމަވެސް މިއީ މުޅިއަކުން އަދި ރަނގަޅު ވިސްނުމެއް ނޫނެވެ. މިތަނުގައި މިމާނަ ކުރެވޭ ޓެކްނޮލޮޖީގެ ލިޔެކިޔުން އެނގުމަކީ އެއްޗެއް ލިޔެ ކިޔަން ދަސްކުރުމަށް ވުރެ ގިނަ ކަންތައްތަކެއް ހިމެނޭ ކަމެކެވެ. އެގޮތުން އޭގޭ ބޭނުންކުރުމުގެ މިންތަކެއް، ހުދޫދުތަކެއް، އިންތަކެއް، އަޚްލާޤިއްޔާތުތަކެއް، އަދި އުސޫލުތަކެއް ދަސްކޮށް އެއަށް ފަރިތަވުމަކީ ޑިޖިޓަލީ ލިޓްރޭޓް ނުވަތަ ޑިޖިޓަލް ލިޔެކިޔުން ދަތުމެވެ (ބެލްޝޯވް، 2012). ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ވެސް ކަނޑައެޅިފައިވާ ގޮތުން މަދަރުސީ ހަޔާތް ނިމޭއިރު ހުރިހާ ދަރިވަރުން ވެސް ޑިޖިޓަލީ ލިޓްރޭޓް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން އެނގޭ އަދި އޭގެ ކަންތައްތަކަށް އަހުލުވެރި ކުދިބަޔަކަށް ވާންޖެހެއެވެ.
މި މައުޟޫޢަށް ލިޔަން ވިސްނާލެވުނު ހިނދު ދެން ޚިޔާލަށް އައީ، 2016 ވަނަ އަހަރު އަޅުގަނޑު މަސައްކަތްކުރި ދިރާސީ ޕްރޮޖެކްޓެއްގެ މައިގަނޑު ހޯދުންތަކެވެ. އެ ދިރާސާގެ މައިގަނޑު އަމާޒަކީ ނިއުޒިލޭންޑްގެ ކޮމްޕެނީތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮން ބާވަތެއްގެ ހުނަރުތަކަކާއި ގާބިލިއްޔަތުތަކެއްތޯ ދެނެގަތުމެވެ. ދިރާސާ ހެދުނީ ނިއުޒިލޭންޑްގެ މަޝްހޫރު ބޮޑެތި ކޮމްޕެނީތަކުގެ ވެރިންނާއި އާންމު މުވައްޒަފުންނާ އެކު ބަސްދީގަތުން ނަގައިގެންނެވެ. ޖުމުލަ ގޮތެއްގައި ހުރިހާ ކޮމްޕެނީތަކުން ވެސް ފާހަގަކުރި މުހިންމު ހުނަރުތަކެއް ވަރަށް ސާފުކޮށް ދިރާސާގެ ނަތީޖާގެ ތެރޭގައި ހާމަވިއެވެ. އެއީ މުއާޞަލާތުކުރުމުގެ (ލިޔުމާއި ވާހަކަ ދެއްކުމުގެ) ހުނަރާއި، ޓީމްވަރކް (ބައިވެރިވެގެން މަސައްކަތް ކުރުމުގެ) ހުނަރާއި، މައްސަލަ ހައްލުކުރުމުގެ ހުނަރާއި ޑިޖިޓަލް ލިޓްރެސީ ހުނަރު (ޓެކްނޮލޮޖީގެ ލިޔެކިޔުން) އެވެ. އަދި މީގެ އިތުރުން އެ ދިރާސާގެ ނަތީޖާއިން ހާމަވީ ހުރިހާ ހުނަރެއް ވެސް ގުޅިފައިވަނީ ޑިޖިޓަލް ލިޓްރެސީގެ ހުނަރުތަކުގެ ތެރެއަށް ވަދެ ލާމެހިގެންދާ ފަދަގޮތަކަށްކަމެވެ. މާނައަކީ މިސާލަކަށް ޓީމްވަރކް ނުވަތަ ބައިވެރިވެގެން މަސައްކަތް ކުރުމުގައި ވެސް ޑިޖިޓަލް މަންސަތަކުގައި ދުރުންދުރަށް ވެސް މަސައްކަތް ކުރުމުގެ ހުނަރު ގުޅިގެންދަނީ ޑިޖިޓަލް ލިޓްރެސީގެ ހުނަރުތަކާއެވެ. ހަމައެގޮތަށް މުއާޞަލާތު ކުރުން ވެސް ގުޅިގެންދަނީ ޑިޖިޓަލް މަންސަތަކުގައި ބޭނުން ކުރެވޭ އިންތަކާއި، މިންތަކާއި، އަޚްލާޤިއްޔާތާއި ގުޅުވައިގެން ލިޔުމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް އެނގޭ މިންވަރާއެކުއެވެ. ހަމަ މިބީދައިން މައްސަލަ ހައްލު ކުރުން ވެސް ވަނީ ޑިޖިޓަލް ލިޓްރެސީގެ ހުނަރުތަކާ ގުޅިފައެވެ. މި ދިރާސާގެ ބައިވެރިން އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ، އާންމުކޮށް، ކިޔަވައި ނިމިގެން ވަޒީފާއަށް ވަންނަ ދަރިވަރުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން އެނގޭކަމެވެ. ނަމަވެސް މުޅިއަކުން އެކުދިންނަކީ ޑިޖިޓަލީ ލިޓްރޭޓް/ ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް މަސައްކަތުގެ ދާއިރާއަށް ބޭނުންކުރަން އެނގޭ ބަޔެކޭ ނުބުނެވޭނެ ކަމެވެ. އެއް ސަބަބަކީ ޑިޖިޓަލް ލިޓްރެސީއަކީ ހަމައެކަނި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން އެނގުމެއް ނޫން ދިރާސާގެ ބައިވެރިންވެސް ފާހަގަކުރުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޑިޖިޓަލް ލިޓްރެސީގެ މާނައަކީ ދިރިއުޅުމުގައި އަދި މަސައްކަތުގެ ދާއިރާގައިވެސް ބޭނުންވާ ތަފާތު ކަންކަމަށް ޓެކްނޮލޮޖީގެ ތަފާތު ޓޫލް/އާލަތްތައް، މިސާލަކަށް އިންޓަރނެޓް، ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރަން އެނގި އެ ބޭނުންކޮށްގެން މަޢުލޫމާތު ހޯދާ، ފޯރުކޮށްދީ، މުއާޞަލާތުކޮށް ހިއްސާކުރަން ވެސް އެނގުމެވެ. މީގެއިތުރުން އެންމެ މުހިންމު ކަމަކީ އޭގެ ބޭނުންކުރުމުގެ އުސޫލުތަކާއި މިންތަކާއި ހުދޫދުތައް ރަނގަޅަށް އެނގުމާއެކު އެކަންކަމަށް ދުވަހީ ދިރިއުޅުމުގައި ވެސް ސަމާލުވުމެވެ. ޑިޖިޓަލް ލިޓްރެސީ ހުނަރުތަކާ ގުޅުވައިގެން ވަރަށް ފުޅާކޮށް ވާހަކަދައްކަވާފައިވާ އެއް ބޭފުޅަކީ ޑަގް ބެލްޝޯއެވެ. ޓެޑް ޓޯލްކްގައި އޭނާ 2012 ވަނަ އަހަރު ދެއްވި ތަގުރީރަކީ މިގޮތުން ފާހަގަކޮށްލެވޭ ވަރަށް ފުރިހަމަ ވާހަކަކޮޅެކެވެ. މިވާހަކަކޮޅުގެ ތަފުސީލު ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯއަށް ފިއްތަވާލައްވާށެވެ.
މިތާނގައި އަޅުގަނޑު އެންމެ ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވާ ނުކުތާއަކީ ޑިޖިޓަލް ލިޓްރެސީއަކީ އެއާ ބެހޭ ގޮތުން ކިޔަވައިދިނުމަށްވުރެ އޭގެ ހުނަރުތަކާއި ގާބިލިއްޔަތުތައް އަށަގަންނުވަން ޖެހޭ ކަމެއްކަމެވެ. އެއްވެސް ހާލެއްގައި ޑިޖިޓަލް ޓެކްނޮލޮޖީއާ ބެހޭ ގޮތުން ކިޔަވާދިނުމަކުން އަދި މުޅިއަކުން ދަރިވަރުން ޑިޖިޓަލީ ލިޓްރޭޓްބަޔަކަށް ނުހެދޭނެކަމެވެ. ކުރީޒަމާނުގެ ކިޔަވައިދޭން ބޭނުންކުރި ބޯޑު ބޭނުންކޮށްގެން ނުވަތަ މަޢުލޫމާތުތަކެއް ޝަރަހަކޮށްދީގެން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށް ނުދެވޭނެއެވެ. މިބީދައިން، ވިސްނާއިރު ޑިޖިޓަލް ޓެކޮނޮލޮޖީއާ ބެހޭ މަޢުލޫމާތުތަކެއް ކިޔައިދެވުމަކުން ދަރިވަރުންނަކީ އެންމެ ރަނގަޅަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން ދަންނަ ބަޔަކަށް ވެސް ނުހެދެއެވެ. އެއާއި ޚިލާފަށް ޑިޖިޓަލް ޓެކްނޮލޮޖީގެ އާލަތްތައް ބޭނުންކުރެވިދާނެ ގޮތާއި އަދި ބޭނުންކުރުމުގައި ވިސްނަންޖެހޭ ކަންކަމަށާއި އުސޫލުތަކަށް ފަރިތަވެ އެތަކެތި ބޭނުންކުރުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި ހަރުލެއްވޭނީ އޭގެ ބޭނުން ދަރިވަރުން ކުރަން ފުރުސަތު ދެވި އުނގެނުމުގެ ތެރެއަށް އެތަކެތި ވަދެގެންނެވެ. މިހާރުގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ޢިލުމުވެރިން ފާހަގަކުރައްވާ ގޮތުގައި މިޒަމާނުގެ ދަރިވަރުންނަކީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ވަރަށް އަހުލުވެރި ބައެއް ނަމަވެސް މުޅިއަކުން އެ ކުދިންނަކީ އެ އާލަތްތައް އުނގެނުމުގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭ ބައެއް ނޫނެވެ (ސްޓިންގާރ، 2018). މި ޢިލުމުވެރިޔާގެ ޚިޔާލަށް ވިސްނާލާއިރު، މިއީ ދުނިޔޭގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ ގައުމުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކައެކެވެ. މިގޮތުން އުފެދޭ ސުވާލަކީ ޚާއްޞަކޮށް ދިވެހިރާއްޖެފަދަ ކުޑަކުޑަ ގައުމެއްގެ އަދި ހަމައެފަދައިން އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އާލާތްތައް އެހާ އާންމު ނޫން ތަނެއްގައި ދަރިވަރުންގެ އުނގެނުމަށް މިތަކެތި ބޭނުންކުރަން އަހުލުވެރިކުރުން ވާނީ މާ ބޮޑަށް ވެސް އުނދަގޫ ކަމަކަށް ކަމެވެ. ސަބަބަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަށް އެމީހުންގެ އުނގެނުމުގެ ތެރޭގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރަން ފުރުސަތު ލިބޭލެއް މަދުވުމެވެ. ކިޔަވައިދޭއިރު މުދައްރިސް އަޅުވާ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންއަކުން ނުވަތަ ދައްކާ ވީޑިއޯއަކުން ދަރިވަރުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި އުނގެނުމުގައި ބޭނުންކުރަން ދަސްކޮށް ނުދެވެއެވެ. ހަމަ މިބީދައިން ހާލަކުން ފަހަރަކު ޕަވަރޕޮއިންޓް ބޭނުންކޮށްގެން އެއްޗެއް ހަދާލަން ދިނުން ނުވަތަ އިންޓަރނެޓުން މަޢުލޫމާތެއް ހޯދައިގެން އެއްޗެއް ލިޔަންދިނުމުން މިއީ އުނގެނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން ފުރުސަތު ދެވޭނެ ހަމައެކަނި ގޮތެއް ވެސް ނޫންމެއެވެ. ވެބްސައިޓެއްގައި ލިޔެފައިވާ މަޢުލޫމާތެއް ކޮޕީކޮށްލައިގެން ފޮތަށް ނެގުމަކުން ނުވަތަ ޕަވަރޕޮއިންޓް ސްލައިޑެއްގައި ލިޔެލުމުން އެއީ ޑިޖިޓަލީ ދަރިވަރުން ލިޓްރޭޓް ކުރެވުނީ ކަމަށް ބަލައިގަތުން ރަނގަޅެއް ނޫނެވެ. މިއަށް ވުރެ ބޮޑަށް އުނގެނުމަށް ޓަކައި ޓެކްނޮލޮޖީ ބޭނުންކުރަން ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ.
ދިވެހިރާއްޖޭގެ ސްކޫލެއްގައި ދާދި ފަހުން ބޭއްވުނު ޕްރޮފެޝަނަނަލް ޑިވިލޮޕްމެންޓްގެ ގަޑިއެއްގައި އަޅުގަނޑު ހެދި ކުޑަކުޑަ ސާވޭއަކުން ވެސް ފާހަގަކުރެވުނީ ގިނަ މުދައްރިސުން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން މާނަ ކުރަނީ ވެސް ޕަވަރޕޮއިންޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ، އެންމެ ބޮޑު މިންވަރަކަށް ކިޔަވައިދޭން ބޭނުންވާ މަޢުލޫމާތުތަކެއް ވީޑިއޯއެއް މެދުވެރިކޮށް ޝަރަހަ ދައްކާލުން ފަދަ ކަންތަކަކީ އެންމެ އާންމުކޮށް ޑިޖިޓަލް ޓެކްނޮލޮޖީ ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ގޮތެވެ. މިހާރު ކޮވިޑްގެ ހާލަތް މެދުވެރިވުމާ އެކު، އަޅުގަނޑުމެންގެ ވަރަށް ގިނަ މުދައްރިސުން ގޫގްލްސުއިޓް ފަދަ ޓޫލުތަކަށް އަހުލުވެރިވެ ސަރޓިފިކެޓްތައް ނަގައިފައިވާ ވާހަކަ ގިނަ މީޑިއާތަކުން ހާމަވެއެވެ. ނަމަވެސް ކޮށްލުން މުހިންމު ސުވާލަކީ އެސަރޓިފިކޭޓާ އެކު ލިބިފައިވާ ވަސީލަތްތައް އެދެވޭ ގޮތުގައި ދަރިވަރުންނަށް އުގަންނައިދޭއިރު ބޭނުން ކުރެވޭ ބާވައެވެ. ދަރިވަރުންނަކީ ޑިޖިޓަލީ ލިޓްރޭޓް ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެވޭ ބާވައެވެ. އަދި ހަމައެހެންމެ އެތަކެތީގެ އެންމެ ފައިދާ ކުރަނިވި ގޮތަށް ބޭނުންކުރުމަށް މުދައްރިސުން ފަރިތަވަމުން އެބަ ދޭބާވައެވެ. ނޫންނަމަ، ހޯދުނު ސަރޓިފިކޭޓް/ކަރުދާސްކޮޅާ އެކު، ކުރިން ވެސް ގެންގުޅުނު ޕަވަރޕޮއިންޓް ސްލައިޑްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދެވެނީ ބާވައެވެ. މިއީ މުޅިން ވެސް މުދައްރިސުން އަމިއްލަ ކިޔަވައިދިނުމުގައި ރިވެލިކޮށްލުން މުހިންމު ކަންކަމެވެ. ކިޔަވައިދިނުން ތަރައްގީ ކުރުމަކީ ހަމައެކަނި ވަކި ކަހަލަ ސަރޓިފިކެޓަކުން ވާކަމެއް ނޫނެވެ. ކިޔަވައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ އެންމެ މުހިންމު ކަމަކީ ދަރިވަރުންނަށް އެމީހުންގެ އުނގެނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ފުރުސަތު ދިނުމެވެ. މިގޮތަށް ދަރިވަރުންނަށް ފުރުސަތު ފަހިވާގޮތަށް އުނގެނުމުގެ ހަރަކާތްތައް ރާވައި ކުރިޔަށް ގެންދިއުމުގެ ރޫހެއް އަދި ސަރޓިފިކެޓަކުން ވަކި ޓޫލެއް ބޭނުން ކުރަން އެނގުމަކުން ނުއުފެދެއެވެ. ދަރިވަރުންނަކީ ފުރިހަމައަށް ޑިޖިޓަލީ ލިޓްރޭޓް ކުދިބަޔަކަށް ހެދުމަށް ޓަކައި ކުލާހުގައި ގެންދެވޭ ހަރަކާތްތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ގިނަ ހުނަރުތައް ބޭނުން ކުރުމަށް ފުރުސަތު ދޭންޖެހޭނެއެވެ. މިގޮތަށް ދެވޭ ފުރުސަތުތަކުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަން ކަމަކީ އިންޓަރނެޓް ފަދަ ތަފާތު މަންސަތަކުގައި ހުންނަ މަޢުލޫމާތު ހޯދުމާއި، ބޭނުންކުރުމާއި، ހިއްސާކުރުމާއި ފޯރުކޮށްދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކަށް ސަމާލުވެގެން އެތަކެތި ބޭނުން ކުރުމެވެ. ޑިޖިޓަލީ ލިޓްރޭޓް ބަޔަކަށް ދަރިވަރުން ހެދޭނީ މިގޮތަށް މުދައްރިސުން އުނގެނުމުގެ ކަންކަން ރާވައިގެންނެވެ.
ދަރިވަރުންނަށް ޑިޖިޓަލް ލިޓްރެސީ ކިޔަވައިދެވިދާނެ ގޮތްތައް
ސްޓިންގަރ (2018) ހާމަކުރައްވާ ގޮތުގައި ދަރިވަރުން އުނގެނުމުގެ ތެރޭގައި ޑިޖިޓަލް ޓެކޮނޮލޮޖީގެ ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ މިހާރުގެ ކިޔަވައިދިނުމުގެ ނިޒާމުގައި ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ މިޒަމާނުގެ ކުދިންގެ ޢާއްމު ދިރިއުޅުމުގައި ވެސް ޓެކޮނޮލޮޖީގެ ވަސީލަތްތައް އަދާކުރާ ދައުރު ވަރަށް ބޮޑުވުމެވެ. އަދި ހަމަ އެއާ ނުލައި ދިރިއުޅުމުގެ އެހެނިހެން ކަންކަން ކުރަން އުނދަގޫވާފަދައިން އުނގެނުމަށް ވެސް އެ ކުދިންނަށް ދަތިވާނެއެވެ. އެހެންކަމުން އުނގެނުމުގެ އެންމެ އެދެވޭ ގޮތަށް އެތަކެތި ބޭނުންކުރަން ދަސްކޮށްދީ އަހުލުވެރި ކުރަންޖެހެއެވެ. މިގޮތުން ސަމާލުކަންދެވިދާނެ ދެތިން ކަމެއް ސްޓިންގަރ (2018) އިރުޝާދުދެއްވައެވެ. މިތަނުގައި ހިމަނާފައިވާ މުހިންމު ޕޮއިންޓްތަކަކީ ސްޓިންގަރ (2018) ލިޔުއްވާފައިވާ މުހިންމު ނުކުތާތަކެއް ނަމަވެސް ޝަރަހާއި މިސާލުތަކަކީ ރާއްޖޭގެ ހާލަތާއި ގުޅުވައިގެން ލިޔެވިފައިވާ ޚިޔާލުތަކެވެ.
(1) ކުރިޓިކަލް ތިންކިން/ ތަފާތުކޮށް ވިސްނުމަށް ބާރު އެޅުން
މިތާގައި ކުރިޓިކަލްތިންކިން މާނަ މި ކުރެވެނީ ފެންނަ ކޮންމެ އެއްޗަކީ ހަގީގަތްކަމަށް ގަބޫލުކުރުމުގެ ކުރިން އެކިޔުނު މަޢުލޫމާތާ މެދު ތަފާތު ގޮތަކަށް ވިސްނައި އެކަން މާނަކުރެވިދާނެ އެހެނިހެން ގޮތްގޮތަށް ދަރިވަރުންގެ ޚިޔާލު ގެންދަން ދަސްކޮށްދިނުމެވެ. ޚާއްޞަކޮށް މިކަމަކީ މިޒަމާނުގެ މީޑިއާތަކުގައިވާ މަޢުލޫމާތުތައް ކިއުމުގައި ވެސް އަދި ދެނެގަތުމުގައި ވެސް ވަކިން ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ދުނިޔެ މިވަނީ ބޭނުން ފުށަކަށް ބޭނުން ގޮތަކަށް މަޢުލޫމާތު ބަދަލުކޮށްގެން ލިޔެވޭ މިންވަރަށް ހުޅުވިފައެވެ. އިންޓަރނެޓުގެ ވެބްސައިޓެއްގައި ލިޔެވިފައިވާ ކޮންމެ މަޢުލޫމާތަކީ އެންމެ ރަނގަޅު މަޢުލޫމާތު ކަމަށް ނިންމުމުގެ ކުރިން އެއާ މެދު ޚިޔާލުކޮށް ވިސްނަން ދަރިވަރުންނަށް ދަސްކޮށްދީ އަހުލުވެރި ކުރުވުން މުހިންމެވެ. މިކަން ކުރެވެނީ ދަރިވަރުންގެ ދުވަހީ އުނގެނުމުގެ ތެރެއަށް ޑިޖިޓަލް ޓެކޮނޮލޮޖީ ބޭނުންކުރުން ވައްދައި އަދި އެފަދަ ވިސްނުންތަކަށް ފުރުސަތުދީ މަގުދައްކައިދީގެންނެވެ.
(2) ސޯޝަލް މީޑިއާ ބޭނުންކުރުން އުނގެނުމުގެ ތެރޭގައި ހިމަނައި ކޮލެބޮރޭޓިވްކޮށް އުނގެނުމަށް ފުރުސަތު ދިނުން
މިޒަމާނުގެ ދަރިވަރުންނަކީ ވަރަށް ޅަޢުމުރުގައި ވެސް ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކަށް ވަރަށް ފަރިތަ ނުވަތަ އަހުލުވެރިބައެކެވެ. ފޭސްބްކު، އިންސްޓާރގްރާމު، ޓްވިޓަރ، ސްނެޕްޗެޓް، މެސެންޖަރ، އަދި ބްލޮގްތައް ފަދަ ތަފާތު މަންސަތަކަކީ ދަރިވަރުން ވަރަށް ޅަޢުމުރުގައި ވެސް ބޭނުންކޮށް ފަރިތަވެފައިވާ ތަންތަނެވެ. މި ތަކެއްޗަކީ މި ޒަމާނުގެ ދަރިވަރުންގެ ދިރިއުޅުމުގެ ތެރެއިން ވަކިކުރެވޭނެ ވެސް އެއްޗެއް ނޫނެވެ. އެއާޚިލާފަށް އެ ބޭނުންކުރަންވީ ރަނގަޅުގޮތްތަކާ އާދަތައް ދަސްނުވެ ސިއްރުން ބޭނުންކުރަން ފެށުމުން އޭގެ ގެއްލުން އެތައް ގުނަޔަކަށް އިތުރުވެ ފޫނުބެއްދޭވަރުގެ ކަންކަން ވެސް ދިމާވުން ގާތެވެ. މިގޮތުން ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ދަރިވަރުން ޢާއްމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް/މަންސަތައް އެކުދިންގެ އުނގެނުމުގެ ތެރޭގައި ހިމެނުމެވެ. މިގޮތަށް ދެވޭ ފުރުސަތުތަކުގައި ދަރިވަރުންގެ އެއްކޮށް ކޮލެބޮރޭޓިވްކޮށް ކުރެވޭ ފަދަ މަސައްކަތްތަކާއި މަޝްވަރާތައް ހަވާލުކޮށްގެން އޭގެ ތެރެއިން އުނގެނުން ރޭވުމަކީ މުހިންމު ކަމެކެވެ. ސޯޝަލް މީޑިއާގެ މިފަދަ ވަސީލަތްތަކަކީ ދަރިވަރުންގެ ގިނަގުނަ ހުނަރުތަކެއް އިތުރަށް އާލަކުރެވިދާނެ މަންސަތަކެކެވެ. މިސާލަކަށް، ލިޔުންތެރިކަން، އުފެއްދުންތެރިކަން، ޚިޔާލުހުށަހެޅުން، މަޝްވަރާކުރުން، ސުވާލުކޮށް ކަންކަން އޮޅުން ފިލުވަން ދަސްކުރުން، މީހުންނަށް އިހުތިރާމުކުރުން، ރަނގަޅަށް ކޮމެންޓްކުރުން، މީހުންބަލައިގަންނަ ގޮތަށް މުއާސަލާތުކުރުން، އެހެންމީހުންގެ މިނިވަންކަމަށް އަރައި ނުގަނެ ޚިޔާލު ފާޅުކުރުން، މީހުންގެ ޝަޚްޞީ ސިފަތަކަށް އިހުތިރާމުކުރުން، ތަފާތު މީހުންގެ ސަގާފަތްތަކާއި އެމީހުންގެ ގޮތުގައި މީހުން ބަލައިގަތުން، ފާޑުކިއުމުގެ ރީތި އާދަތައް ހަރުލުން މިފަދަ އެތައް ކަމަކަށް ސޯޝަލް މީޑިއާގެ ތެރެއިން ދަރިވަރުންގެ ގާބިލިއްޔަތު ތަރައްގީ ކުރެވިދާނެއެވެ. އިސްވެ ދެންނެވުނު ހުނަރުތަކަކީ ޒަމާނާއެކު ދަރިވަރުން އަހުލުވެރިކުރުވާ ތަމުރީނު ކުރަންޖެހޭ ކަންކަމެވެ. އެއްވެސް ހާލެއްގައި އެ ކަންކަމަކީ ފޮތަކުން ކިޔައިގެން ދަސްކޮށްދެވޭނެ ކަންތައްތަކެއް ނޫނެވެ.
(3) ކޮޕީ ނުކޮށް ތަފާތު ވެބްސައިޓްތަކުގައި ހިމެނޭ މަޢުލޫމާތުތައް ބޭނުންކުރަންދަސްކޮށްދީ ގައިޑުކޮށްދިނުން
މިއީ މިޒަމާނުގައި ކުދިންނަށް ވަރަށް ޅަފަތުގައި ދަސްކޮށްދޭން ފަށަން ޖެހޭ ހުނަރެކެވެ. އެއްސަބަބަކީ، މަޢުލޫމާތަކީ ކޮންމެވެސް މީހަކު ލިޔެފައިވާ އެއްޗެއްކަން، އެ މަޢުލޫމާތު އަމިއްލައަށް ލިޔާ އެއްޗެއްގައި ބޭނުންކުރާނަމަ އެލިޔުނު ފަރާތަށް ހަވާލާދޭންވާ ގޮތާއި ބަލަންޖެހޭ މިންގަނޑުތަކާއި ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވަން ޖެހެއެވެ. މިކަމުގައ ބަލަންޖެހެނީ ހަމައެކަނި ލިޔެވިފައި ހުންނަ މަޢުލޫމާތު އެކަންޏެއް ވެސް ނޫނެވެ. އަދި ތަފާތު ތަސްވީރުތަކާއި ވީޑިއޯތައް އެކި ސޯޝަލް މީޑިއާގައި އެނބުރެމުންދާއިރު އެއީ ކާކުގެ މިލްކިއްޔާތެއްކަން ނޭނގި އަދި އެހެން ފަރާތަކަށް ފޯރުކޮށްދީ ހިއްސާކޮށްފިނަމަ ނުކުމެދާނެ ނުރަނގަޅު ނަތީޖާއަށް ވެސް ދަރިވަރުން އަހުލުވެރި ކުރުވަން ޖެހެއެވެ. ހަމައެކަނި އިނގިލިން ފިތާލައިގެން އެއްތަނުން އަނެއްތަނަށް ފެންނަހާ އެއްޗެއް ހިއްސާ ކުރުން ފަދަ ކަންކަމުން ދުރުވަން ދަރިވަރުންނަށް އިރުޝާދު ދީ އަހުލުވެރި ކުރުވަން ޖެހެއެވެ.
(4) އަމިއްލަ ޝަޚްޞީ މަޢުލޫމާތާއި އަދި އަނެކާގެ މަޢުލޫމާތު ވެސް ރައްކައުތެރިކުރަން ދަސްކޮށްދިނުން
ސޯޝަލް މީޑިއާތައް މިހާ ބޮޑަށް ހުޅުވިފައިވާ ޒަމާނެއްގައި، އެންމެ ބޮޑަށް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ އެއްކަމަކީ އަމިއްލަ ޝަޚްޞީ މަޢުލޫމާތު ރައްކައުތެރިކުރާނެ ގޮތެވެ. ހަމަ މިބީދައިން އެހެންމީހުންގެ ޝަޚްޞީ މަޢުލޫމާތު ވެސް ޢާއްމު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކޮށް ފަތުރާ ހެދުމުން ދުރުކުރުވުމެވެ. މިކަންކަމަކީ އަބަނދުމެ ހަދާންކޮށްދީ އިރުޝާދު ދީ ދަރިވަރުންގެ ސުލޫކު ބައްޓަން ކުރަންޖެހޭ ކަންކަމެވެ. މިގޮތުން ކުރެވޭ ވަރަށް ކުޑަކުޑަ ކަމަކުން ނުކުމެދާނެ ނަތީޖާތަކާއި އެއިން އަމިއްލައަށް ވެސް ލިބިދާނެ ގެއްލުމާއި އެހެންމީހަކަށް ވެދާނެ އިހާނެތި ގޮތްތަކަށް ދަރިވަރުންގެ ވިސްނުންތައް ގެންގޮސް ޚިޔާލުކުރުވާ މަގުދައްކައި ދޭންޖެހެނީ ސްކޫލު ނިޒާމާއި ބެލެނިވެރިން ވެސް އެއްބާރު ލައިގެންނެވެ. ކުރިން ވެސް އިޝާރާތް ކުރިފަދައިން މިފަދަ ކަންކަމަކީ އެކަންކަމަށް ލޯހުޅުވި ކަންކަން ކުރުމުގެ ތެރެއިން އަށަގަންނަ ސިފަތަކެވެ. އެއްގޮތަކަށް ވެސް މަޢުލޫމާތެއް ދަސްކޮށް އިމުތިހާނު ކުރުވުމަކުން މިފަދަ ކަންކަމެއް ދަސްކޮށް ނުދެވޭނެއެވެ.
(5) ޑިޖިޓަލް ޑިސްޓްރަކްޝަން (ޓެކްނޮލޮޖީ ހުރަހަކަށްވުން) މެނޭޖުކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުން
އުނގެނުމުގައި އެދެވޭ ގޮތުގައި ޑިޖިޓަލް ޓެކޮނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވެދިނުމަށް ޓަކައި ޑިޖިޓަލް ޓެކްނޮލޮޖީއަކީ އުނގެނުމަށް ހުރަކަށް ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމަށް ދަރިވަރުން ފަރިތަ ކުރުވަން ޖެހެއެވެ. މިގޮތުން އެފަދަ ކަންކަމުން ދުރުވާނެ ގޮތްތައް ދަސްކޮށްދިނުމަކީ މިޒަމާނުގެ ދަރިވަރުންނަށް ވަރަށް މުހިންމު ކަމެކެވެ. އަތުގައި ފޯނެއް އޮންނަ ޢުމުރުގެ ކުއްޖެއްނަމަ މިހާރުގެ ކުދިން ހެނދުނު ތެދުވެ ފުރަތަމަ ބަލާލާނީ ފޯނުގައިވާ ތަފާތު މެސެޖްތައް ނުވަތަ ޓްވިޓަރ، ފޭސްބްކް، މެސެންޖަރ ފަދަ މަންސަތަކުގައި ހުންނަ އެއްޗެއްސަށެވެ. ހެނދުނު ސައިބޯން އިންނަ ގަޑީގައި، މެންދުރު ކާން އިންނަ ގަޑި ވެސް، އަދި ހަމައެހެންމެ ކިޔަވާ ވަގުތު ނުވަތަ އެހެން ވަގުތުތަކުގައި ވެސް ލޮލުގެ ނަޒަރު ސީދާވެ، އަމާޒުކުރެވިފައި ހުންނަނީ،އަތުގައި އޮންނަ ފޯނަށެވެ. މިކަމަކީ އެކުދިންގެ ކިބައިގައި ހަރުލާފައިވާ ގޯސް އާދައެއް ކަމަށް ނިންމުމުގެ ކުރިން، އެފަދަ ސުލޫކުތަކުން އުނގެނުމަށް އަސަރު ނުކުރާނެ ފަދަގޮތަކަށް އަމިއްލަ ނަފުސުގެ ކަންކަން ކޮންޓްރޯލްކޮށް ޑިޖިޓަލް ޓެކްނޮލޮޖީ އުނގެނުމުގެ ހުރަހަކަށް ނުވާގޮތަށް ބޭނުންކުރަން ދަސްކޮށްދިނުމަކީ މިހާރުގެ ދަރިވަރުންނަށް ބޭނުންތެރި ކަމެކެވެ. މިގޮތުން މުހިންމު ކަމެއް ނުވަތަ ވަކި އަމާޒަކަށް މަސައްކަތެއް ކުރުމަށް ބޭނުންވާ ހިނދު އެހެން ހުރިހާ ޑިސްޓްރެކްޝަން (ހުރަސް)ތަކުން ދުރުހެލިވެގެން މަސައްކަތް ކުރުމަށް ފަރިތަކުރުވުމަކީ މިޒަމާނުގެ ދަރިވަރުންނަށް ދަސްކޮށްދީ ފަރިތަ ކުރުވަން ޖެހޭ ކަންކަމެވެ.
(6) ޑިޖިޓަލް ޓެކޮނޮލޮޖީ މެދުވެރިކޮށް ލިބޭ ތަފާތު މަޢުލޫމާތުގެ ބޭނުން އެކަށޭނަ ގޮތަށް ކުރަން ދަސްކުރުން
މަޢުލޫމާތު ވަނީ އިނގިލި ކުރީގައޭ ބުނެވޭ ބަހަކީ މިހާރު އެންމެ އާންމުކޮށް އިވޭ އެއް އަޑެވެ. މިއީ ހަގީގަތުގައި ވެސް ތެދެކެވެ. ބޭނުންވާ ކޮންމެ މަޢުލޫމާތެއް ގޫގްލުކޮށްލާއިރު މިހާރު އެކި ގައުމުތަކުގައި ލިޔެވިފައިވާ ހުންނަ އެއްޗެތި އެއްތަނަކަށް އެއްކުރެވެއެވެ. އެ މަޢުލޫމާތުތަކުގެ ބޭނުން އެގޭ އަސްލު ހަގީގީ ބޭނުމުގައި ކުރަން ދަރިވަރުން ފަރިތަކުރުވަން ޖެހެއެވެ. މާނައަކީ އުނގެނުމުގެ ކަންކަން ކުރިއެރުވުމަށް، ހުނަރުތައް ތަރައްޤީކުރުމަށް، ވިސްނުންތައް ފުޅާކޮށް، ގާބިލުކަން އިތުރުކުރުމަށް، ތަފާތު ވިސްނުންތައް ބިނާކޮށް، އުފެއްދުންތެރި ޚިޔާލުތައް ނެރެ އާ ކަންތައްތައް ދަސްކުރުމަށް އަދި ހަމަ އެހެންމެ ތަފާތު ޢަމަލީ މަސައްކަތްތައް ކުރުމަށް އެލިބޭ މަޢުލޫމާތުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފަން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހެއެވެ.
މިހުށަހެޅުނު މަޢުލޫމާތުތަކަކީ މިޒަމާނުގެ ކިޔަވައިދިނުމުގެ މުޅި ނިޒާމު އެކަމަކަށް ސަމާލުވާން ޖެހޭ ކަންކަމެވެ. އެއް ކަމަކީ ޓެކްނޮލޮޖީއަކީ އެއް ދުވަހުން އަނެއް ދުވަހަށް ބާރު ސްޕީޑެއްގައި ކުރިއަރަމުން ދާ އެއްޗަކަށް ވެފައި އެއާ ނުލައި ދަރިވަރުންގެ އުނގެނުމުގެ ކަންކަން ރޭވުމަކީ ދަތިކަމަކަށްވާނެއެވެ. ހަމައެހެންމެ، އެތަކެތިން ދަރިވަރުން ދުރުކޮށްގެން ކިޔަވއިދިނުން އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުން ވެސް އުނދަގުވާނެއެވެ. މިފަދަ ހާލަތެއްގައި އެންމެ މުހިންމު ކަމަކީ އެއަށް ދަރިވަރުން ރަނގަޅަށް ތަމުރީނު ކުރުވާ އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފާނެ ގޮތްތަކަށް ފަރިތަކުރުވުމެވެ. މިކަމުގައި ވެސް އެންމެ ބޮޑު ޒިންމާއެއް ނެނގޭނެ ބަޔަކީ ހަމަ މުދައްރިސުންނެވެ. މި ވާހަކަ ކޮޅުގައި ހުށަހަޅައިލެވިފައިވާ ޚިޔާލުތައް އުނގަންނައިދިނުމުގައި ބޭނުންކުރާނެ ގޮތްތަކާމެދު ވިސްނައި، ރިވެލިކޮށް، އާ ޚިޔާލުތަކުގެ އަލީގައި ކިޔަވައިދިނުން ފަރުމާ ކުރާ ބަޔަކަށް މުދައްރިސުން ވުމަކީ އަޅުގަނޑު އުއްމީދު ކުރާ ގޮތެވެ.
ތިޔަ މަޢުލޫމާތް ތަކަކީ އަސަރުން ފުރިގެންވާ ވަރަށް މުހިއްމު ޢިލްމީ މަޢުލޫތްތަކެއް.
ވ. ފުރިހަމަ ލިޔުމެއް!