އިސްލާމްދީނާއި ކީރީތިރަސޫލާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް

އިސްލާމްދީނާއި ކީރީތިރަސޫލާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ކޮންމެ މުސްލިކަމުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަށް އެވާޖިބު އަދާކުރަންޖެހޭނެކަން މިއަދުގެ ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަ ކުރައްވައިފައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވައްސައްލަމަ ދެކެ ލޯބިވުމުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަ ކުރެއްވި ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލޯބި ކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭނގެ ފާނަށް ފުރިހަމައަށް ތަބާވުމެވެ. އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަތުމެވެ. އަދި އެކަލޭގެފާނު އުއްމަތަށް ދައްކަވައިދެއްވި ރިވެތި އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމެވެ. 

"ތެދުބަސް ބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޚުތިރާމުކުރުމާއި، މަޑުމޮޅިވުމާއި މިނޫންވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚްލާޤީ އެންމެހާ ސިފަތަކުން ޒީނާތްތެރި ވުމެވެ." ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

ޚުޠުބާއިވިދާޅުވީ މުސްލިމުން މާތްރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ދެކެ ލޯބިވާނަމަ، ހުރިހާ ގޮތަކުން އެކަލޭގެފާނަށް ތަބާވާންޖެހޭ ކަމަށެވެ. ޢިބާދާތާއި، މުޢާމަލާތާއި އަޚްލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނަންޖެހޭ ކަމަށެވެ. 

އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ  އިސްލާމީ އުއްމަތަށްޓަކައި ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފެހެއްޓުމަށް ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ. 

"އެތަރިކަ ދޫނުކުރައްވާށެވެ! އެއީ ﷲ ސުބުޙާނަހޫ ވަޠަޢާލާ ބާވައިލެއްވި ކީރިތި ޤުރުއާނާއި ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ދެއްކެވި ގޮތެވެ. އެކަލޭގެފާނުގެ ސުންނަތެވެ. މީގައި ހިފަހަށްޓައިފި ބަޔަކު ދުވަހަކު ވެސް މަގު އޮޅިގެން ނުދާނެއެވެ" ޚުޠުބާގައި ވިދާޅުވިއެވެ. 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ  ޢަދުލުވެރިކަމާއި، އޯގާވެރިކަމާއި، މާތްކަމާއި،އެކަލޭގެފާނު ގެނެސްދެއްވި ޚަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިރުންނާއި، ހަތުރުން ވެސް ހެކިވާނެކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އީމާންވާ، އެކަލޭގެފާނުގެ ލޯބިވާ މީހުންގެ ޢަދަދު ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށް ވެސް  ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ޤިޔާމަތްޖެހެންދެން އެކަލޭގެފާނުގެ ޒިކުރާ އާވެ، އާލާވޭވެ ހުންނާނެކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

"މުސްލިމުންގެ ހިތްތައް ދިރިގެން ވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެކަލޭގެ ފާނު މަތިވެރިކުރުމުގައެވެ. އެއީ ފަނޑުވުމެއް ނެތް މަތިވެރި ލޯތްބެކެވެ. އެއީ އެބައިމީހުންގެ ލޭގައި ހިނގާ ތާޒާ މުޤައްދަސް ލޯތްބެކެވެ. އެހެންކަމުން އެކަލޭގެފާނުގެ މަޤާމުގެ ކަރާމާތަށް އުނިކެމެއް ލިބޭ ފަދަ ކޮންމެ ޢަމަލަކީ، މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުންއަސަރުތަކެއް ކުރުވާނޭ ކަމެކެވެ" ޚިޠުބާގައި ފާހަގަ ކުރެއްވިއެވެ.

ޚުބާގައި ފާހަގަ ކުރެއްވި ގޮތުގައި މާތް ނަބިއްޔާ ދެކެ ލޯބި ނުވެ މުސްލިމުންގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ކައުއިތުރު މާތްނަބިއްޔާއަށް އީމާންވުމަކީ އިމާންކަމުގެ ރުކުނެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެކަނލޭގެފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް، އިޚްތުރާމްކޮށް، އަދަބު ތަޢުޒީމް އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި އަނބި ދަރިންނަށްވުރެ ބޮޑަށް، އެކަލޭގެފާނުދެކެ ލޯބިވެ އެކަލޭގެފާނަށް ނަޞްރުދީގެންމެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް ޚިޠުބާގައި ވިދާޅުވިއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސް ބުނެ، ފުރައްސާރަކުރުމަކީ، އީމާންކަމުގެ  ދާއިރާއިން ބޭރުވާނޭ ޢަމަލެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާކަން ޚިޠުބާގައި ފާހަގަ ކުރެއްވިއެވެ. 

ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އާކެމެއް ނޫންކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީ ބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަކުރި ބަޔަކު އުޅުނުކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.