ކޮންމެ ޖިންސެއްގެ މީހަކަށް ވިއަސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ ޙަރާމްކަމެއް

ފިރިހެނަކަށް އަދި އަންހެނަކަށް ވިއަސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއްކަން ޝަރްޢީ ނައްޞުތައް ދަލީލުކުރާ ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރުޚުތުބާ ޚާއްޞަ ކުރެއްވީ ޢާއިލީ ގުޅުން ހަރުދަނާ ކުރުމުގެ މައްޗަށެވެ. ޚުޠުބާގައި ވިދާޅުވީ އާއިލީ ގުޅުން ބަދަހި ކުރެވޭނީ އެބައެއްގެ ތެރޭގައި އޯގާތެރިކަމާއި ކުލުނު އޮވެގެންކަމަށެވެ. ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލައިގެން ކަމަށެވެ.

މިއަދު އެކަމާ ދޭތެރޭގައި ބައިނަލް އަޤްވާމީ ބައްދަލުވުންތަކުގައި ގަދަ އަޑުން ވާހަކަ ދެކެވޭ އަދި އެކަމާމެދު ކަންބޮޑުވެ، އެކަން ހުއްޓުމަށްޓަކައި އަޑުއުފުލެމުންދާ އެއްކަމަކީ ގެވެށި އަނިޔާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ފިރިން އަބިންނަށް އަދި އަނބިން ފިރިންނަށް ކުރާ އަނިޔާއާއި މައިން ބަފައިން ދަރިންނަށް ކުރާ އަނިޔާއާއި ދަރިން މައިން ބަފައިންނަށް ކުރާ އަނިޔާ ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. އަދި އާއި ޢައިލާގެ މެމްބަރުން އެކަކު އަނެކަކަށް ކުރާ އަނިޔާތަކާއި އިންސާފުން ބޭރު ތަފާތު ކުރުން ފަދަ ޢަމަލުތައް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ އަންހެނުންނަށާއި ކުޑަކުދިންނަށް ދެވޭ އަނިޔާ އާއި ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާ މެދު އަޅުގަނޑުމެން މިސްލިމުން ކަންބޮޑުވާން ޖެހޭކަމަށެވެ. މިކުޑަކުޑަ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ކުރާ ،މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް މިއަދު ވަނީ ނަފްސާނީ ބިރުވެރިކަމެއް އިޙްސާސްކުރަން ޖެހިފައިކަމަށް ވެސް ޚުޠުބާގައި ފާހަގަކުރެވިއެވެ.

"މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖްތަމަޢުގެ އެއްބައިކަމުގައިވާއިރު، އަދި މުސްލިމް ފިރިހެނުންގެ އަނބިންނަށް، މައިންނަށް، އުޚުތުންނަށް ނުވަތަ ދަރިންނަށް، ވާއިރު އެކަނބަލުންނަށް ގޯނާ ކުރުމަކީ ކިހާވަރެއްގެ ނުބައި ކަމެއްހެއްޔެވެ؟ " ޚުޠުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހިވަޞައްލަމައަކީ ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންނަށް ލިބިގެންވާ އެންމެ ފުރިހަމަ ނަމޫނާކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެކަލޭގެފާނަކީ އެންމެ ހޮޔޮ ބައްޕަކަމަށާއި އަނބިންނަށް އެންމެ ހެޔޮ ފިރިކަލުން ކަމަށް ފާހަގަ ކުރެއްވިއެވެ. އީމާންކަމާއި އަންހެނުންނަށް ހެޔޮކޮށް ހިތުމާ ދެމެދުގައިވާ ގުޅުން ހާމަކޮށްދޭ ރަސޫ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ  ޙަދީސެއްގެ މާނާގައިވާކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވީ "މުއުމިނުންކުރެ އީމާންކަމުގައި އެންމެ ފުރިހަމަ މީހަކީ، އެބައިމީހުންގެ ތެރެއިން އެންމެ ޚުލުޤު ހެޔޮ، މީހާއެވެ. އަދި ތިޔަބައި މީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އޭނާގެ އަނބިމީހާ އަށް އެންމެ ހެޔޮ މީހާއެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ އެންމެފަހުގެ ވަޞިއްޔަތުގެ ތެރޭގައި ވެސް އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވައިފައިވާކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނާގައި ވާކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. "ތިޔަބައި މީހުންނަށްޓަކައި ހަމަ ތިޔަބައި މީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައި މީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ"

"ދެމަފިރިއަކު އެކަކު އަނެކަކަށް ގޯނާކޮށްގެން މި ހިތްހަމަޖެހުން ލިބޭނެ ހެއްޔެވެ؟ އެކަކު އަނެކަކަށް އަޅައި ނުލައި މިލޯތްބާއި، އޯގާތެރިކަން ލިބޭނެ ހެއްޔެވެ؟ ޖާހިލިއްޔަ ޒަމާނުގައި އަންހެނުން ވީ ފަދައިން އެކަނބަލުން މިއަދު ވެސް ދަނީ ބޮޑެތި އަނިޔާތަކާ ކުރިމަތިލަމުންނެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

މީހަކާ އިނުމުގެ ކުރިންނާއި، މީހަކާ އިނުމަށްފަހުގައި ވެސް އިސްލާމީ ޝަރީޢަތުގެ ޙަޤީޤަތާއި، އޭގެ ހަރުދަނާ އުޞޫލުތައް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭނާއި ކެކުޅުންތައް ގިނަގުނަކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މީހުން ދިރިއުޅޭ މާހައުލުގައި އެކިއެކި އަނިޔާއަށް ހުށަހެޅޭ މަގަނޑު ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މަސްތުވާ ތަކެއްޗަކީ އެތައް ނުބައިކަމެއްގެ އަޞްލުކަން ވެސް ފާހަގަކުރެއްވިއެވެ. މިކަން ދަލީލިކޮށްދޭ މާތް ﷲ ސުބުހާނަހޫ ވަޠަޢާލާގެ ވަހީބަސް ފުޅެއް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

އަނިޔާވެރިވުން އިސްލާމްދީނުގައި މަނާކުރައްވައިފައި ވަނީ އެކަމުގައި މީހުންނަށް ގޯނާ ކުރުމާއި މީހުންގެ ޢިއްޒަތަށާއި އަބުރަށް އަރައިގަނެވޭތީކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާޢީ ފޭރާން ވީދި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. އަނިޔާގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އަރާރުންތައް އުފެދި، ޢާއިލާތައް ރޫޅިގެން ދެއެވެ. ތިމާ ދިރިއުޅޭ ވެށީގައި އަނިޔާ އިތުރުވެ، އޭގެ ދާއިރާ ފުޅާވެގެން ދިއުމުން، ޅަދަރީންގެ ޙައްޤުތައް ގެއްލި، އެކުދިންގެ ޙަޔާތް ބަރުބާދުވެގެން ދެ އެވެ." ޚުޠުބާގައި ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.