ބަރަހަނާ މަންޒަރުތަކާއި އިސްލާމްދީނާ ދެކޮޅު އަދި ހައްދު ފަހަނަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓްތައް ބަންދު ކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

ބަރަހަނާ މަންޒަރުތަކާއި އިސްލާމްދީނާ ދެކޮޅު އަދި ހައްދު ފަހަނަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓްތައް ބަންދު ކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަ ކުރައްވައިފައި ވަނީ އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމާ ބެހޭގޮތުންނެވެ. 

އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ޙިއްޞާދާރުންނަށް ޚުޠުބާގައި ގޮވާލައްވައިފައި ވަނީ ބަރަހަނާ މަންޒަރުތައް ހިމެނޭ ވެބް ސައިޓްތަކަށާއި އިސްލާމްދީނާ ޚިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ހައްދު ފަހަނަޅައި ދިޔުމަށް ހިތްވަރުދޭ ވެބް ސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.

"އެހެންކަމުން އެފަދަ ވެބް ސައިޓްތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ދެއްވުމަށް މި މިންބަރު މަތިން ގޮވާލަމެވެ. ﷲ ތަޢާލާ ތިޔަބޭފުޅުންގެ ވިޔަފާރީގައި ބަރަކާތް ލައްވާށިއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަކިވަކިން ވަނީ ޒިންމާދާރު ފަރާތްތަކަށާއި އިންޓަރނެޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވަކިވަކި އިލްމާސްތަކެއް ކުރައްވައިފައެވެ.

އިންޓަރނެތް މެދުވެރިކޮށް ދަރިންނާ ވާހަކަ ދައްކައި، އެކުދިންނާ ގާތްގުޅުމެއް އުފައްދާ އެކުދިންގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމަށް މަސައްކަތްކުރާ ފަރާތްތަކުން، އެކުދިން ޝިކާރަކުރުމަށް ބޭނުންކުރާ މައިގަނޑު  ވަޞީލަތްތަކަކީ، އޮންލައިން ގޭމްތަކާއި ، ސޯޝަލް މީޑިއާގެ ވަޞީލަތްތައްކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. މައިންބަފައިންގެ ސީދާ ބެލުމުގެ ދަށުން ނޫން ގޮތަކަށް މިފަދަ  ވަޞީލަތްތަކުގެ ތެރެއަށް ދަރިން ދޫނުކުރުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެ ވަޞީޔަތް ކުރައްވައިފައެވެ.

ދަރިންނަށް އިންޓަރނެޓްގެ ވަޞީލަތްތައް ބޭނުންކުރަންދޭ އިރު ޕޭރަންޓަލް ކޮންޓްރޯލް އަދި ފެމެލީ ސޭފްޓީފަދަ ކަންތައް ފުރިހަމަކުރެވިފައިވާކަން ޔަޤީން ކުރެއްވުމަށް ޚުޠުބާގައި މައިންބަފައިންނަށް އިލްތިމާސް ކުރެއްވިއެވެ.

އައިޓީދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚުޠުބާގައި ގޮވާލައްވައިފައިވަނީ އިންޓަރނެޓް ރައްކާތެރިކޮށް ބޭނުން ކުރުމާއި، ދަރިންނަށް އިންޓަރނެޓް ބޭނުންކުރަން ދިނުމުގައި ޕޭރަންޓަލް ކޮންޓްރޯލާއި، ފެމެލީ ސޭފްޓީ ޤާއިމްކުރާނެގޮތް ބެލެނިވެރިނަށް ދަސްކޮށްދެއްވުމަށެވެ. އެފަދަ ކަންކަމަކީ ކޮންމެ ކޮންމެ ބެލެނިވެރިއަކަށް ފަސޭހައިން އެނގޭކަންކަމަށް ނުވެ ހިނގައިދާނެކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

"ތިޔަ ބޭފުޅުންގެ މަސައްކަތުން މިދިވެހި މުޖުތަމަޢުގެ ދަރިން. ނުރައްކަލުން ސަލާމަތްވެގެން ދިއުމަށް ވުރެ ވަކިން ބޮޑު އުފަލެއް ނުވާނެކަން ކަށަވަރެވެ." ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

ދަރިވަރުންނަށް އިންޓަރނެޓްގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ ގޮތްތައް ބެލެނިވެރިނަށް ދަސްކޮށް ދެއްވުމަށް ސްކޫލް މަދަރުސާ ތަކުގެ ވެރިންނާއި މުދައްރިސުންނަށް ވެސް ޚުޠުބާގައި ވަނީ ގޮވާލައްވައިފައެވެ. ހެޔޮ ޒިންމާދާރު ޑިޖިޓަލް ރައްޔިތެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާއެކު އުގަންނައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޒިންމާވެސް  ނުހަނު ބޮޑުކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"ދަރިވަރުންނަށް އިންޓަރނެޓްގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމުގެ މުހިންމުކަން ވިސްނައިދީ، އެކަމަށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ދެއްވާށެވެ." ޚުތުބާގައި ސްކޫލް މަދަރުސާ ތަކުގެ ވެރިންނާއި މުދައްރިސުންނަށްގޮވާލެއްވިއެވެ.

އިންޓަރނެޓްގެ ޚިދުމަތް ހެޔޮގޮތުގައި ހިފުމަކީ މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އިންޓަރނެޓްގެ ބިޔަބޮޑު ދުނިޔޭގައި ނުރައްކާތަކެއް ހިމެނޭކަމަށް ބުނެ، އިންޓަރނެޓާ އެއްކޮށް ދުރުކޮށްގެން  ދަރިން ގެންގުޅުމަކީ ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި ގޮންޖެހުންތަކާ ކުރިމަތިލުމަށް އެދަރިންނަށް ކުރިމަތިވާނެ ހުރަހަކަށް ވެގެންދާނެކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްކާތެރި ގޮތުގައި އިންޓަރނެޓްގެ ފައިދާ ހޯދާނެ ގޮތްތައް ދަރިންނަށް ދަސްކޮށްދީ،  ދީނާއި ޤައުމާއި މުޖުތަމައަށާއި ތިމާގެ އަމިއްލަ ނަފްސަށް ބޭނުންތެރި، ފައިދާހުރި ގޮތުގައި މި ނިޢުމަތުގެ ބޭނުން ހިފުމަށް ދަސްކޮށް ދިނުން މުހިންމު ކަމަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

އިންޓަރނެޓްގް ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުދިންނަށް ވެސް ޚުޠުބާގައި ވަނީ އިލްތިމާސް ކުރައްވައިފައެވެ. މުސްލިމު ޒިންމާދާރު ޑިޖިޓަލް ދިވެހި ރައްޔިތަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. ތިމާގެ ވަޠަނާއި ތިމާގެ މައިންބަފައިން އެކުއްޖަކާ މެދު ފަޚުތުވެރިވާ ދަރިއެއްކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވިއެވެ. 

މިއަދުގެ ޚުޠުބާގައި ވަނީ އިންޓަރނެޓްގެ ގެއްލުމާއި ފައިދާ ވަރަށް ތަފްޞީލްކޮށް ހާމަކޮށްދެއްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.