އޮޑިޓް އޮފީހުގެ އާޢިމާރާތެއް ހުޅުމާލޭގައި އަޅަނީ

އޮޑިޓް އޮފީހުގެ އާޢިމާރާތެއް ހުޅުމާލޭގައި އެޅުމަށް ނިންމައި އެކަމަށް ބަޖެޓް ކޮށްފިއެވެ.

އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 2021 އަހަރުގެ ބެޖެޓްގައި ހުޅުމާލޭގައި އާ އިމާރާތެއް އެޅުމުގެ އަންނަހަރަށް ރޭވިފައިވާ މަސައްކަތްތަކަށް 43.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފައެވެ. ނަމަވެސް ފިނޭންސް މިނިސްޓަރެ ލަފާގެ މަތިން އެ ޢަދަދު 25 މިލިއަން ރުފިޔާއަށް ވަނީ ދަށް ކޮށްފައެވެ. މިޢަދަދަކީ ޕީއެސްއައިޕީގެ ދަށުން ހިންގާ ޚަރަދަކަށް ވުމުން އެފައިސާ ހަމަޖައްސަން ޖެހޭނީ ދަރަނިން ކަމަށް ފިނޭން މިނިސްޓްރީ ފާހަގަކޮށްފައިވާކަމަށް ބަޖެޓް ދިރާސާ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން އެމަސްރޫޢަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ފައިސާ ހޯދުން އެންމެ ރަނގަޅުކަމަށް ފިނޭން މިނިސްޓްރީން ވިދާޅުވެފައިވާކަމަށް ރިޕޯރޓްގައު ފާހަގަކޮށްފައި ވެއެވެ.  

އޮޑިޓް އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއީ އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބެޓަށް ވުރެ 22 އިންސައްތަ ދަށް ޢަދަދެކެވެ. އަދި އެއީ މިއަހަރު އެ އޮފީހުގެ ބަޖެޓާ އަޅާ ބަލާއިރު، 33.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޯޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓުގެ އަދަދަކީ، 47.9 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހަޅީ، 104.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ވަނީ އޮޑިޓަރ ޖެނެރަލްގެ ލަފަޔާއެކު  23 މިލިއަން ރުފިޔާ އުނިކޮށް ބަޖެޓް ފާސްކޮށްފައެވެ. މަޖިލީހުން ވެސް ބަޖެޓް ފާސްކޮށްފައި ވަނީ ކޮމިޓީގެ  ނިންމުމާ އެއް ގޮތަށެވެ.

އޮޑިޓް އޮފީހުގެ 2021 ވަނައަހަރުގެ ބެޖެޓްގައި ރިކަރެންޓް ޚަރަދުގެ ގޮތުގައި ފާސްކޮށްފައި ވަނީ 52.9 މިލިއަން ރުފިޔާއެވެ. އެއީ އެފީހުން ހުށަހެޅި ޢަދަދަށް ވުރެ 3.4 މިލިއަން ރުފިޔާ ދަށް ޢަދަދެކެވެ. ޖުމުލަ ކެޕިޓަލް ޚަރަދުގެ  ގޮތުގައި މަޖިލީހުން ފާސްކުރި ޢަދަދުގައި ވަނީ  28.7 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން 25 މިލިއަން ޚަރަދު ކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީގެ ދަށުންނެވެ. އެއީ އައު ޢިމާރާތްކުރުމަށް އަންނަ އަހަރަށް ބެޖެޓްގައި ހިމަނައިފައިވާ ޢަދަދެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި އޮޑިޓް އޮފީހުން ލަފާކުރި ބަޖެޓްގައި ވަނީ 48.3 މިލިއަން ރުފިއެވެ. ކޮމެޓީން ބަޖެޓް ދިރާސާކޮށް ވަނީ 40 އިންސައްތަ އުނިކޮށްފައެވެ.

އޮޑިޓަރޖެނެރަލް އޮފީހުގެ ލަފާގެ މަތިން ބަޖެޓުން އުނިކޮށްފައިވާ ޚަރަދު ތަކުގެ ތެރޭގައި އަންނަ އަހަރު އިތުރުކުރުމަށް ކަނޑައަޅައިފައިވާ ޑެޕިއުޓީ އޮޑިޓަރ ޖެނެރަލްގެ މަޤާމާއި ޑިރެކްޓަރ މަޤާމް ހިމެނެއެވެ. މި ދެމަޤާމް 2022 ގެ ބަޖެޓްގައި ހިމެނުމަށް ކޮމެޓީން ވަނީ ލަފާ ދެއްވައިފައެވެ. މީގެ އިތުރުން ތަމްރީނުކުރުމަށް ކުރެވޭ ޚަރަދުގެ ގޮތުގައި އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓުން 59 އިންސައްތައާއި އޮފީސް ހިންގުމުގެ ކަނޑައަޅައިފައިވާ ބެޖެޓްގެ 34 އިންސައްތަ ވަނީ އުނިކޮށް ފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.