އައްޑޫ ސިޓީގައި ޕާފޯމަންސް އޮޑިޓެއް ހަދަނީ

އައްޑޫ ސިޓީގެ ލިންކުރޯޑާއި އެހެން މަގުތަކުގައި އެކްސިޑެންޓުތައް ގިނަވެ މީހުންގެ ފުރާނައަށް ގެއްލުންވަމުންދާތީ ޕާފޯމަންސް އޮޑިޓެއް ހައްދަވަން އޮޑިޓް އޮފީހުން ނިންމަވައިފިއެވެ.

އެސިސްޓެންޓް އޮޑިޓަރޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ މިއީ އޮޑިޓަރޖެނެރަލް ޙަސަން ޒިޔަތު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

މި އޮޑިޓުގައި ފާއިތުވި 10 އަހަރު އައްޑޫ ސިޓީގައި ހިނގާފައިވާ އެކްސިޑެންޓުތައް ދިރާ ކުރައްވާނެއެވެ. އެގޮތުން އެކްސިޑެންޓުތައް ހިނގާފައިވާ ތަންތަނާއި، އެކްސިޑެންޓުގައި އަނިޔާވިމީހުންގެ ޢަދަދާއި، މަރުވި މީހުންގެ ޢަދަދު ބައްލަވައި ބޮޑު ދިރާސާއެއް ކުރައްވާނެއެވެ.

އޮޑިޓަރ ޖެނެރަލް މިހާރުވަނީ އައްޑޫ ސިޓީގެ މޭޔާރު ޢަބްދުﷲ ޞާދިޤާއި،އައްޑޫގައި މަސައްކަތް ކުރައްވާ ފުލުހުންގެ އިސްބޭފުޅުންނާ ވެސް މިކަމާގުޅިގެން މަޝްވަރާ ކުރައްވައިފައެވެ.

މި އޮޑިޓް ހައްދަވާނީ އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންނާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ. "މި ޕާފޯމަންސް އޮޑިޓް ހައްދަވާފައި ކުރިއަށް އޮތް މަސްދުވަސްތެރޭގައި ހާމަކުރައްވާނެ ކަމަށް އޮޑިޓަރޖެނެރަލްވަނީ ނިންމަވާފައި،" ނިޔާޒީ ވިދާޅުވިއެވެ.

މިފަދަ އޮޑިޓެއްގެ ސަބަބުން އައްޑޫސިޓީގެ މަގުތަކަށް ގެންނަންޖެހޭ ދެނެގަނެވި އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ. އަދި މީގެ ސަބަބުން މިހާރުން މިހާރަށް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީސްތެރެއިން ހަމަޖެހިގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމަށް އޮޑިޓަރޖެނެރަލް އުންމީދު ކުރައްވައެވެ.

މި އޮޑިޓްގައި އައްޑޫގައި ހިނގާ އެކްސިޑެންޓް މަދު ކުރުމަށް ނުވަތަ ހުއްޓުވުމަށް ކަމަބެހޭ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްއް ބައްލަވައި އެކަންކަން ތަންފީޒު ނޔުކުރެވިފައިވާ ސަބަބުތައް ވެސް ބައްލަވާނެއެވެ. އެކަން ނުކުރެވިފައިވަނީ ބަޖެޓުކޮށްފައި އެހެންނަމަވެސް ފައިސާ ނުލިބިގެންތޯ ބައްލަވައި އެދިމާވާ ކަމެއް ޙައްލުކުރެއްވުމަށް އޮޑިޓް އޮފީހުން މަސައްކަތް ކުރައްވާނެއެވެ.

އައްޑޫގައި ހިނގާ އެކްސިޑެންޓުތަކުގައި އަނިޔާވާ މީހާ ގިނަފަހަރަށް މާލެ ފޮނުވަންޖެހެއެވެ. އެކްސިޑެންޓުގައި އަނިޔާވާ މީހާއަށް އެލިބޭ އަނިޔާގެ ނިސްބަތުން ބައެއް ފަހަރު ޢާއިލާއަށް ވަރަށް ދެރަގޮތްތައް ދިމާވެއެވެ. އެމީހަކީ ކުދިންތަކެއްގެ ބައްޕައެއް ކަމަށްވާނަމަ އެމީހާއަށް ލިބޭ ގެއްލުމުގެ ސަބަބުން އެކުދިންގެ ކަންކަން ފުރިމަ ނުކޮށްދެވޭ ހިސާބަށް ވެސް ދެއެވެ. މިހުރިހާކަމެއް މިހެން ވުމުގެ ބަދަލުގައި މަގުތަކުގައިހުރި މައްސަލަތައް ޙައްލު ކުރުމަކީ ހުރިހާގޮތަކުން ބަލާއިރު އެންމެ ރަނގަޅު ގޮތްކަށް އޮޑިޓް އޮފީހުން ވިދާޅުވިއެވެ.

މި އޮޑިޓް ރިޕޯޓު ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހަށާއި، ރައީސް އޮފީހަށާއި، ޓްރާންސްޕޯޓު މިނިސްޓްރީއަށާއި އަދިވެސް ކަމާ ގުޅުންހުރި މުއައްސަސާ ތަކަށް ހުށަހަޅުއްވާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.