ކޮރޯނާ ވައިރަހާ ގުޅިގެން ކާޑްގެ ދަތިކަން ފޯރާފާނެތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރައްވައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފެވެ. މިކުއްލި މަސަލަ މަޖިލީހުން ބަލައިގަތީ 44 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ކުއްލި މައްސަލަ ހުށަހަޅަމުން މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ އަވަށްޓެރި ޤައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާތީއާއި އަދި ރާއްޖެއަށް ވެސް އެވައިރަސް އައުމުގެ ފުރުޞަތު ބޮޑު ކަމަށް ސަރުކާރުން ވެސް ފާހަގަ ކުރައްވަމުންދާކަމަށެވެ. ރާއްޖެ އަކީ ތެލާއި ކާރޑްގެ ބާވަތްތައް ބޭރުޤައުމުތަކުން އެތެރެކުރާ ޤައުމަކަށްވެފައި ކޮރޯނާ ވައިރަސް ފެތުރި ރާއްޖެއަށް މުދާ އުފުލާ އާގްބޯޓްފަހަރުގެ ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖެއަށް ބޭނުންވާ ކާރޑްގެ ބާވަތްތައް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވާނެކަން ވަނީ ފާހަގަ ކުރައްވައިފައެވެ.
ރާއްޖޭގައި މި ރޯގާ ފެތުރި ރަށްރަށަށް ކާރޑްގެ ބާވަތްތައް އުފުލުން ހުއްޓާލަންޖެހި ކާރޑްގެ ދަތިކަން ފޯރާފާނެ ކަމުގެ ބިރު އޮތްކަން ވެސް މަޑުއްވަރީ ދާއިރާގެ މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ. އާއްމުގޮތެއްގައި ރަށްރަށަށް ތެލާއި ކާޑްގެ ބާވަތްތައް ގެންދަނީ ދެހަފްތާއެއްހާ ދުހަހަށް ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ތެލާއި ކާޑްގެ ބާވަތްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެބާވަތްތައް ދުރާލާ ރާއްޖެއަށް އެތެރެ ކުރުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
ކޯރާނާ ވައިރަސްގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ގޮންޖެހުން ކުރިމަތި ވާއިރު ދައުލަތުގެ ޚަރަދުތައް ވެސް ކުރަމުން ދާންޖެހޭނީ ވަރަށް ހިކުމަތްތެރިކޮށް ކަމަށް ވިދާޅުވިއެވެ.
މި ކުއްލި މައްސަލައިގައި ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރުން ވިދާޅުވީ ކޮރޯނާ ވައިރަހަށް ތައްޔާރު ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން ފުރިހަމައަށް އަޅަމުންދާ ދަޑިވަޅެއްގައި އެފަދަ ކުއްލި މައްސަލައެއް މަޖިލީހަށް ވަށްދައިފައި ވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ކަމަށެވެ. އިދިކޮޅު ބައެއް މެމްބަރުން ސަރުކާރުން ކަންކަން އޮޅުވާލަމުމް ދާކަމަށް ތުޙުމަތުކުރައްވައި ވާހަކަ ދެއްކެވުމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ކުރީ ސަރުކާރު ޕަބްލިކް ހެލްތާ ގުޅުން ހުރިކަންކަމުގައި ވެސް ދޮގުހަދައި އޮޅުވައިލައިފައި ވުމުން މިސަރުކާރުންވެސް ކަންކުރާނީ އެގޮތަށްކަމަށް އިދިކޮޅު މެމްބަރުންނަށް ހީފުޅު ވަނީ ކަމަށެވެ. މިސަރުކާރުން ރައްޔިތުންނަށް ދޮގުހަދައި އޮޅުވައި ނުލާނެކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ.