ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދު ނުކުރައްވާނެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން އިޢްލާންކުރުމުން ނިޒާމީ ނުކުތާއެއް ނަންގަވައިގެން އެމްޑީޕީ ޕީޖީ ލީޑަރ ޢަލީ ޢާޒިމް ވަނީ އެމައްސަލައިގައި އެމްޑީޕީން ދެކޭ ގޮތް ހާމަކުރައްވައިފައެވެ.
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ޢިތުބާރު ނެތްކަމުގެ މައްސަލައަށް، އެމްޑީޕީން ތާއީދު ނުކުރާނެކަން ހާމަކުރައްވަމުން އެޕާޓީގެ ޕީޖީ ލީޑަރ ޢަލީ ޢާޒިމް ވިދާޅުވީ، އެމްޑީޕީގެ ޢިތުބާރު ސަރުކާރަށް އެބައޮތްކަމަށެވެ. އެހެންކަމުން އެޕާޓީން ސަރުކާރު ދިފާއުކުރައްވާނެކަށެވެ. އަދި ސަރުކާރުގެ އިތުބާރު ނެތްކަން ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ވެސް ނުދެއްވާނެކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަކީ ސަރުކާރުގެ ހިއްސާދާރެއް، ސަރުކާރުގެ ބައިވެރިއެއް. އެމްޑީބީން އަބަދުވެސް ކަމަކަށް ނުކުންނައިރު އޮވޭ އެޖެންޑާއެއް. އެއެޖެންޑާއާ އެއްގޮތަށް އަޅުގަނޑުމެން އަބަދުވެސް ކަންކަން ކުރަމުން ދަނީ އެއްވެސް ޕާޓީއަކުން އެއްވެސް ބޭފުޅަކު އުއްމީދުކޮށްގެން ނުވާނެ، އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވުމެއް އޮންނަ ކޮންމެ ފަހަރަކު، ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެކަމަށް. އަޅުގަނޑު އެޖެންޑާގައި އޮތްގޮތާ ޚިލާފަށް އަޅުގަނޑުމެން މިތާ އެތެރޭގައި (މަޖިލީހުގައި) ކަންކަން ކުރަމުންދާނެކަމަށް. (އެކަމަށް) އުއްމީދުކޮށްގެން އެހުސްބުޅި ވިސްނުމުގައި މިމަޖިލީހަށް ކަންކަން ހުށަހަޅައިގެން ކަންކަން ކުރިއަށް ގެންދެވިދާނެކަމަށް ޤާބޫލުކޮށްގެން ނުވާނެ." ޢަލީ އާޒިމް ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ޢިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެމައްސަލަ ހުށަހަޅުއްވައިފައި ވަނީ 11 މެންބަރުން ސޮއިކުރައްވައިފައެވެ. އެއީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ 9 މެންބަރުންނާއި، މިނިވަން ދެމެންބަރުންކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމެވެ. ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަދުވެގެން 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނުއަސާސީ ބުނާގޮތަށް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމެވުމުގެކުރިން ދެއްވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުއްވާނެކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ މަތިން އެމައްސަލަ އެޖެންޑާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެމައްސަލަ ކުރިއަށް ގެންދާ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާޢުގައި މަސައްކަތް ކުރުމުގެ ހައްޤު އެވަޒީރަކަށް ލިބިގެންވާކަމަށް ވެސް ޤާނޫނުއަސާސީގައި ބުނެއެވެ.
Iimran ge thaa eedh ney kamah.idhikolhun vedheema reedhoo kudhin nu gabool vee ekamaku e kudhin ge ves thaa eedhe ne adhi beynun vaanee ves vaki koffa reedhoo kujjaku laan