ތަފާސް ހިސާބުތަކަށް މިނިވަން މުއައްސަސާއެއް އޮތުމަށް ގިނަ މެމްބަރުންގެ ތާއީދެއް ނެތް 

ތަފާސް ހިސާބުތައް ނަގައި ބެލެހެއްޓުމަށް މިނިވަން މުއައްސަސާއެއް އޮންނަން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރެވުމުންދާ ބަހުސްގައި ގިނަ މެމްބަރުން ފާހަގަ ކުރައްވައިފިއެވެ.

މެމްބަރުން މިކަން ފާހަގަ ކޮށްފައި ވަނީ ރަށްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ތަފާސް ހިސާބާ ބެހޭ ބިލްގެ ބަހުސްގައެވެ. ބިލުގައި ތަފާސް ހިސާބުތައް ނަގައި ބެލެހެއްޓުމަށް މިނިވަން މުއައްސަސާއެއް ޤާއީމް ކުރާވާހަކައޮތް އޮތުމަށް ގިނަ މެމްބަރުން ދެކޮޅެވެ. ރާއްޖޭގައި މިނިވަން މުއައްސާސާތައް އިތުރުވަމުންދާތީ އެކަމަށްވެސް ވަރަށް ބޮޑަށް ބައެއް މެމްބަރުން ވަނީ ފާޑް ވިދާޅުވެފައެވެ. އެންމެ ބޮޑަށް އެކަމަށް ފާޑް ވިދާޅުވީ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފެވެ. ޝަރީފް ވިދާޅުވީ ދެއިރު ދެދަޅަށް ކާބެހެއް ގޮތަށް ރާއްޖޭގައި މިހާރު މިނިވަން މުއައްސަސާތައް އުފެދެމުންދާކަމަށެވެ. ނަމަވެސް އެތަންތަނުނު ކުރެވޭ މަސައްކަތެއް ފެންނަން ނޯންނަ ކަމަށެވެ. އަދި އެނަމުގައި އުފެއްދި ނަމަވެސް އެތަންތަން މިނިވަން ނޫންކަމަށެވެ. ސަރުކާރުގެ އޮފީހަކަށްވުރެ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ މާ ފަސޭހަ ކަމެއް ކަމަށް ވެސް މެމްބަރ ޝަރީފް ވިދާޅުވިއެވެ. މަޖިލީހަކީ ސިޔާސީ މީހުން ފުރި ބާރުވެފައިވާ ތަނަކަށްވާއިރު މަޖިލީހިގެ ނުފޫޒާއި ބާރު ނުފޯރާނެ ގޮތަށްމިނިވަން މުއައްސަސާތައް ހިންގުމުގެ ފުރުސަތު އަދި އިންތިޒާމް ކުރެވިފައި ނެތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިނިވަން މުއައްސަސާތައް އިތުރުވިވަރަކަށް ދައުލަތުން އުފުލަންޖެހޭ މާލީ ބުރަ ބޮޑުވެ ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި ފައިސާ ބޭކާރުވެ ކަންކަން ބޮއްސުންލައިގެން ދާކަމަށް ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ވަރަށް ރަނގަޅަށް ތަފާސް ހިސާބުތައް ބަލަހަށްޓަމުންދާ ކަމަށާއި އެތަންތަނުގައި ވެސް ތަފާސް ހިސާބުތައް ބަލަހަށްޓަމުންދަނީ ސަރުކާރުގެ އިދާރާތަކުންކަމަށް މެމްބަރު ޝަރީފު ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި އެކަން އޮންނަން ޖެހޭނީ ވެސް އެހެންކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ތަފާސް ހިސާބަކީ ބޭނުންތެރި އެއްޗެއްކަން ފާހަގަ ކުރައްވައި އެކަން ކުރުމަށް ބޭނުންވަނީ އެކަމަށް އުފެދިފައިވާ ޑިޕާރޓް މަންޓަކަށް ފުރިހަމަ ޤާނޫނީ ބާރާއި ވަޞީލަތަތައް ދިނުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ހުށަހެޅި ބިލަކަށް ވިއަސް އެބިލަށް ތާއީދު ނުކުރެވޭކަމަށާއި ބިލު އަނބުރާ ގެންދިއުމަށް އޭނާ ގޮވާ ލެއްވިއެވެ.

ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި އެހެން ގިނަ މެމްބަރުންވެސް ވަނީ ބިލުގައި އޮތް މިނިވަން މުއައްސަސާއަށް ތާއީދު ނުކުރެވޭކަމަށެވެ. ނަމަވެސް ބިލުގައި ކަނޑައަޅައިފައިވާ އުޞޫލުތަކަށް ތާއީދު ކުރައްވާކަން ފާހަގަ ކުރައްވައިފައެވެ. އެހެން ކަމުން ތާފާސް ހިސާބު ނެގުމަށް މިހާރު އުފައްދައިފައިވާ ޑިޕާރޓަށް ޤާނޫނުގައި ބުނާ ބާރުތައް ދިނުން މުހިންމުކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.