ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގައި ސޮއިކުރަނީ

ފޮޓޯ: ރައްްޔިތުންގެ މަޖިލިސް

ގައުމީ ޕޭމަންޓް ސިސްޓަމް ގައިމް ކުމުގެ އެއްބަސް ވުމުގައި އަންނަ ހަފްތާގައި ސޮއިކުރެއްވެވޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ގަވަރުނަރ ޢަލީ ހާޝިމް މިކަން ހާމަކުރެއްވީ ދިވެހި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމްކުރުމުގެ ބިލާ ގުޅޭ ފަންނީ މައުލޫމާތު ދެއްވުމަށް މަޖިލީހަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މާލީ މުއާމަލާތްތައް ހަރުދަނާ ގުރުމަށް ގާއިމްކުރައްވާ ގައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭނުންކުރައްވަން ފަށްޓަވާނެކަމަށް ގަވަރނަރހާޝިމް ވިދާޅުވިއެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަމަށް ބޭނުންކުރައްވާ ސިސްޓަމަކީ އެހެން ގައުމެއްގައި ތަރައްގީކޮށް ބޭނުންކުރަމުންދާ ސިސްޓަމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ސިސްޓަމެއްކަމެއްވެސް އަދި މަސައްކަތް ހަވާލުކުރައްވަނީ ކޮންފަރާތަކާ ކަމެއް ވެސް ގަވަރުނަރު ހާމައެއް ނުކުރައްވައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޖިލީހުގެ ކޮމެޓީއަށް އެމައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެވެ. ބޭރު ގައުމެއްގެ ސިސްޓަމްކަމަށް ވުމުން ރާއްޖެއާ ގުޅޭ ގޮތަށް އެސިސްޓަމް ބަދަލު ކުރެވިގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ އޮކްޓޫބަރުމަހު އެނިޒާމް ބޭނުންކުރަން ފެށުމުގެ ކުރިން ތަޖްރިބާކުރުމުގެ ގޮތުން ތިންމަސްކުރިން ބޭނުންކުރަން ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާނީ ޕޭމަންޓް ސިސްޓަމްތަކާ ރާއްޖޭގެ ގައުމީ ސިސްޓަމްތައް ގުޅާ ލައްވާނީ ހަމަސްދުވަހުގެ ތަޖުރިބާ ކުރުމަށް ފަހު ކަމަށް ވެސް ގަވަރުނަރ ވިދާޅުވިއެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމާއެކު ބައިނަލްއަގުވާމީ ޕޭމަންންޓް ސިސްޓަމަށް ގުޅާލައިފައިނަމަ މައްސަލަތަކެއް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. 

ގަވަރުނަރު ވިދާޅުވީ މިފަދަ ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރެއްވުމަކީ ވަރަށް ކުރީގެ ޕްލޭނެއްކަމަށެވެ. ނަމަވެސް ލަސްވެގެން ގޮސްފައިވަނީ ކޯވިޑުގެ ހާލަތާ ގުޅިގެން ކަމާ ގުޅޭ މާހިރުން ރާއްޖެއަށް ވަޑައިގަތުން ލަސްވުމުން ކަމަށެވެ. މިސިސްޓަމްގައި ބައިވެރިވާ ފަރާތްތަކުން އެމްއެމްއޭއިން ވަކި ފީތަކެއް ނަގަމުން ނުދާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ހަމައެކަނި ދައްކަން ޖެހޭ ފީއެއްނަމަ އެއީ ޚިދުމަތްދޭ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތުން ޗާޖްކުރާނެ އެއްޗެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިސިސްޓަމް ގާއިމް ކުރުމުން މިހާރަށްވުރެ ހަލުއިކޮށް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް މާލީ މުއާމަލާތްތައް ކުރެވޭނެކަމަށްވެސް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. 

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުالله ވަހީދު ހުށަހަޅުއްވާފައިވާ  ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލުގައި އިބްތިދާއީ ބަހުސް ފެށްޓެވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ.ބިލްގެ ބަހުސްގައި މެމްބަރުންވަނީ ބިލްގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ބިލްގެ މަގްސަދު ހާސިލުކުރުމަށް އިތުރު ބައެއް ބިލްތައްވެސް ބޭނުންވާކަމަށް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައު ސައިބަރ ކްރައިމްއާ ގުޅޭ ބިލްފަދަ ބިލްތައް ފާހަގަ ކުރެއްވިއެވެ. 

ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކޮށް ޕޭމަންޓް ސިސްޓަމްތަކާއި  ޕޭމަންޓް ޚިދުމަތް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބިލްގައި ބަޔާންކޮށްފައިވެއެވެ. އެފަދަ ސިސްޓަމްތައް ރެގިއުލޭޓު ކުރުމުގައި އެމްއެމްއޭގެ މަސްއޫލއްޔަތުތައްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ޕޭމަންޓް ސިސްޓަމްތައް އޮޕަރޭޓުކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލާއި  ސިސްޓަމް ހިނގާ ނުހިނގާ ގޮތް ބަލާނެ އުސޫލުތައްވެސް ބިލްގައި ވަނީ ބަޔާންކޮށްފައެވެ. ގާނޫނާއި ގަވާއިދާ ޚިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އުސޫލުތައް ވެސް ބިލުގައު ވަނީ ބަޔާންކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.