ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް: ރައީސް

ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެޖެއެވެ.

ދިވެހި ޤައުމާ މުޚާތަބުކޮށް ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެންކަމަށެވެ. އެހެންކަމުން ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއްކަމަށެވެ.

ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ ވަރަށް މަތިވެރި ނިޢުމަތްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާކަން ހަނދާނަށް ގެންނަންޖެހޭކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުންކަން ފާހަގަ ކުރެއްވިއެވެ.

އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށްވުމީ، ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު އިތުރުވެގެންދާ ކަމެއްކަން ވެސް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކޮށް، ޤައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުޚާޠަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމިއްޔަތަކީ، ޤުރުބާނީތަކުގެ ބިމުގައި، ޤައުމީ ބަޠަލުންގެ ޖިހާދީ ލެޔާއި، ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއްގެ ގިތުގައި ރައީސް ޞާލިޙް ސިފަ ކުރެއްވިއެވެ.

"ޤައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް ހަރުލައްވައިގެން." ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.