ޤައުމީ ދުވަސް ބައްދަލު ކުރާއިރު، ދިވެހިންގެ މިނިވަންކަން އޮތީ ނުރައްކާތެރި ފައްތަރެއްގަ: މުއިއްޒު

ޤައުމީ ދުވަސް ބައްދަލު ކުރާއިރު، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިހާލަތަށް މިޤައުމު ގެންދިޔައީ މިސަރުކާރުން ގެންގުޅުނު ދޯހަޅި ޚާރިޖީ ސިޔާސަތުގެ ސަބަބުންކަމަށާއި މިއަދުވަނީ މިނިވަން ކަމުގެ ވާހަކަ އިންތިހާއަށް ދައްކަން ޖެހިފައި ކަމަށެވެ. އަދި ކުރިން އަޅުގަނޑުމެންގެ މިނިވަން ނަގާލަން ކަޑިއާއި ބަޑީގެ ބޭނުން ކުރިނަމަވެސް މިއަދު އެތަކެތި ބޭނުން ނުކޮށް މިނިވަންކަން ޖަހައި ގަތުމަށް މަސައްކަތް ކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ކޮންމެ ހާލަތެއްގައި ރައްޔިތުން ހުއްބުލްވަތަން އިސްކުރާ ކަމަށާއި ދިވެހި ރައްޔިތުން މިކަމާއި ވިސްނައި މިނިވަންކަމުގެ ދިފާއުގައިި މިމަހުގެ 30 ވަނަ ދުވަހު ފުރިހަމަ ނިންމުމެއް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ތިބި މައްސަލައިގާ މިސަރުކާރުން ދަނީ އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ކަމަށާއި ބައެއްފަހަރު ސިފައިން ތިބިކަމަށް އެއްބަސްވެފައިވާއިރު، ތިބި މީހުންނަކީ ހެލިކޮޕްޓަރު ބަލަހައްޓާ މީހުންނާއި، އެނޫން ކަންކަން ކުރާ މީހުން ކަމަށް ބުނެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ފަހުން ސިފައިން ނެތްކަމަށް ވެސް ބުނެފައިވާކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް ސިފައެއްގައި އެހެން ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށާއި މިއަދު ދިވެހިންނަށް މިވަނީ ބޮޑު ތަކުރުފާނު ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދާ ދިންގޮތަށް އަލުން އަބުރައި ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދަން ޖެހިފައިކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.