ކާބޯތަކެތީގެ ޚިދުމަތް ރޭގަނޑު 10:30 ވަންދެން ދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި

ކޯވިޑުން ރާއްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ކާބޯތަކެތީގެ ޚިދުމަތް ދިނުމަށާއި ހިނގާބިނގާވެ އުޅަނދުފަހަރުތައް ދުއްވުމުގައި ލުއި އުޅަނދު ފަހަރު ދުއްވުމަށް ލުޔެއް ދެއްވައިފިއެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުންގައި މިފަހަރު ދެއްވި ލުއިން މާލެ ސަރަޙައްދުގައި ރޭގަނޑު 10:30 ވަންދެން ކާބޯތަކެތީގެ ޚިދުމަތް ދެވޭނެއެވެ. އަދި ރޭގަނޑު އެގާރަ ޖަހަން ދެން މަގުމަތީ ހިނގާބިނގާވެ އުޅުމާއި އުޅަނދު ފަހަރު ދުއްވުން ހުއްދަވާނެއެވެ. 

އެޗްޕީއޭގެ އެންގުމުގައި ވަނީ  މޭލެ ސަރަޙައްދު ރޭގަނޑު 11  އިން ފެށިގެން ފަތިހު ހަތަރެއް ޖެހުމާ ހަމައަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން އަދިވެސް މަނާކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް، ވެސް ރޭގަނޑު  10:30 އިން ފެށިގެން ފަތިހު ހަތަރެއް ޖެހުމާ ހަމައަށް ބަންދު ވާނެކަމަށެވެ. 

މި ލުއިތައް ފިޔަވައި އޮގަސްޓް 24 ގެ އެންގުމުގައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.  އެހެންކަމުން އެޗްޕީއޭގެ އެންގުމުގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި ފަރާތްތަކާއި އިދާރާތަކަށް ވަނީ އަންގަވައިފައެވެ. އެޗްޕީއޭގެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް  އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގެވުމުގައި ވެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.