ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް އޮޅުވެލި ފުށީގައި ފަށައިފި

ޅ. އޮޅުވެލިފުށީގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަހަރުފަށައިފައިވާ މިފަދަ ޕްރޮގްރާމުގެ ތެރެއިން ފަހު ޕްރޮގްރާމެވެ.

މިއީ ޅ. އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި  ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން އޮޅުވެލިފުށީގައި ކުރިއަށް ގެންދިއުމަށް އެކައުންސިލުން ކަނޑައަޅުއްވާފައިވާ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ކޯހުގައި 22 މީހަކު ވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ މި މިނިސްޓްރީންނެވެ. މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސްގަހާގެއްސަށް އާއްމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން ރަށްރަށުގެ ތަރައްޤީއަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ކައުންސިލްތަކަށް ޚާއްޞަ ބަޖެޓެއް ދެއްވުމަށް ސަރުކާރުން މިހާރުވަނީ ނިންމައިފައި ކަމަށާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ދަނޑުވެރިކަން ތަރައްޤީކުރެއްވުމަށް ބޭނުންވާ ތަފާތު ޙަރަކާތްތައް ކައުންސިލްތަކުން ބަޖެޓުގައި ހިމަނުއްވަމުން ގެންދަވާނެކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރަށްރަށުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގެވުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަންނަ އަހަރު އެ މިނިސްޓްރީން ހިންގާނެ ޙަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 2020 ވަނަ އަހަރު ރަށްރަށުގައި ހިންގެވުމަށް ރާއްވަވައި ދަނޑުވެރިކަމާ ގުޅުންހުރި ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންފުޅުވެލައްވާނަމަ އެ މިނިސްޓްރީގެ އަހަރީ މަސައްކަތު ތާވަލުގައި ހިމެނުމަށް އެ ޕްރޮގްރާމްތަކުގެ މައުލޫމާތު  މިނިސްޓްރީއާ ޙިއްޞާކުރައްވަމުން ގެންދެވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.