ޝާފިޔާގެ އެދުރު އަށި:  ޕްރޮބްލެމް ބޭސްޑް ލަރނިންގ ނުވަތަ މައްސަލައަކާއި ގުޅުވައިގެން އުނގެނުން

އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ގޮތުން ލިޔަމުން މި ދާ ސިލްސިލާ ލިޔުންތަކުގައި މިފަހަރު ލިޔަން މި ޤަސްދުކުރީ،  ވަރަށް ހުނަރުވެރި އަދި ދަރިވަރުންގެ އުނގެނުމަށް ޢަދަދު ނުކުރެވޭ ފަދަ ފައިދާތަކެއް ކުރުވާ ކިޔަވައިދިނުމުގެ ގޮތަކާ ގުޅޭ މަޢުލޫމާތު ކޮޅެކެވެ. އާދެ! ޕްރޮބްލެމް ބޭސްޑް ލަރނިންގ ނުވަތަ މައްސަލައަކާ ގުޅުވައިގެން އުނގެނުމެވެ. ޕްރޮބްލެމް ބޭސްޑް ލަރނިންގްއަކީ އެމެރިކާގެ މަޝްހޫރު ޢިލުމުވެރިއެއް ކަމަށްވާ ހާރވާރޑް ބަރޯވްސް 1996ގައި ހުށަހެޅި ކިޔަވައިދިނުމުގެ ގޮތެކެވެ. ޕްރޮބްލަމް ބޭސްޑް ލަރނިންގއަކީ އުސޫލެއްގެ ގޮތުން މައްސަލައެއް މެދުވެރިކޮށްގެން އުނގަންނައިދިނުން ފަރުމާ ކުރެވޭ ގޮތެކެވެ. ބަރޯވްސް (1996) ހާމަކުރައްވާ ގޮތުގައި ޕްރޮބްލަމް ބޭސްޑް ލަރނިންގ ނުވަތަ ޕީބީ އެލްއަކީ ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރެއިން ދަރިވަރުންގެ ވަރަށް ބޮޑު ހިއްސާއަކާ އެކު އުނގެނުން ފަރުމާ ކުރެވޭ ގޮތެކެވެ. މި ބާވަތުގެ ކިޔަވާދިނުމުގެ ގޮތްތަކުގައި ދަރިވަރުން މަސައްކަތްކުރާނީ ޗެލެންޖިން/އުދަގޫ މަސައްކަތެއް ނިންމުމަށް ނުވަތަ ހައްލުހޯދަން ޖެހޭ ކަމެއްގައި އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ހައްލު ހޯދުމަށެވެ. ޚާއްޞަގޮތެއްގައި ޕީބީ އެލް ބޭނުންކޮށްގެން ކިޔަވާދޭއިރު ދަރިވަރުންނާއި ހަވާލު ކުރެވޭނީ ހުޅުވާލެވިފައިވާ މައްސަލައަކަށް ހައްލުހޯދާށެވެ. މިގޮތުން ދަރިވަރުންނަށް ހަވާލުކުރެވޭ މައްސަލައިގެ ތެރެއިން 'ޓްރިގާރސް' ނުވަތަ މައްސަލަ ހައްލުކުރުމަށް ބޭނުންކުރެވިދާނެ އެހީތެރިވެދޭނެ ތަފާތު ޕޮއިންޓްތައް ނޫނީ ދާއިރާތައް ނުވަތަ ކަންތައް ކަނޑައަޅާނެއެވެ.

ޕްރޮބްލެމް ބޭސްޑް ލަރނިންގ ދަރިވަރުންނާ ހަވާލުކުރެވޭ މައްސަލައެއް ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް/ ހާޞިލުކުރާނެ ޓާރގެޓްތަކެއް ނުވަތަ މިސްރާބުތަކެއް ވެސް ހަމަޖައްސާނެއެވެ. މިގޮތަށް ކިޔަވައިދޭއިރު ދަރިވަރުން އުނގެނޭނީ ވަރަށް ފުރިހަމަ ޒިންމާއާ އެކު އަމިއްލައަށް (އިންޑިޕެންޑެންޓް) ވަކިމީހަކަށް ބަރޯސާ ނުވެއެވެ. އޭގެ އިތުރުން ސެލްފް ޑައިރެކްޓަޑް (އަމިއްލައަށް ކަންކަން ހޯދާ) އެގޮތަށް އަމިއްލަ މަސައްކަތްތަކެއް ކޮށްގެންނެވެ. މިއީ ޕީބީ އެލްގެ ކިޔަވައިދިނުމުގެ ގޮތް ބޭނުންކުރާއިރު އެންމެ ބޮޑަށް ދަރިވަރުންނަށް ލިބިދޭ އުނގެނުމުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއަރުވަން ލިބޭ ގިނަ ފުރުސަތުތަކެކެވެ. ޕްރޮބްލަމް ބޭސްޑް ލަރނިންގ ކުލާސްރޫމުގައި ގެންދާއިރު ރޭވެނީ ތިރީގައި ދެވިފައިވާ ފަދަ ހަރުފަތްތަކެއްގެ ތެރެއިންނެވެ. މިގޮތަށް ގެންދިއުމުން ދަރިވަރުންގެ އުނގެނުން ވަކިގޮތަކަށް ރޭވި ކުދިން ކުރަންޖެހޭ މަސައްކަތްތަކާއި އުނގެނުން އަމާޒު ކުރެވޭ ކަންކަމާއި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަޑިތައް ސާފުކޮށް ފެންނަ އޮވެއެވެ.

ތިރީގައި ދެވިފައިވާ ހަރުފަތްތައް ފެށެނީ ދަރިވަރުންނަށް ދެވޭ ސިނާރިއޯއެއް ނުވަތަ މައްސަލައަކާ އެކުގައެވެ. ދެން އެ މައްސަލައިގެ ނަތީޖާ ތަޞަވަރުކުރެވިދާނެ އެކި ގޮތްގޮތް ލިސްޓްކުރުމަށް އިރުޝާދު ދެވޭނެއެވެ. މި ހަރުފަތަށް ފަހު، ހަވާލު ކުރެވުނު މައްސަލައާ ގުޅޭގޮތުން އެނގޭ ބައިތަކާއި އަދި ހައްލުކުރުމަށް ޓަކައި ބޭނުންވާ ނޭނގޭ ބައިތައް ވެސް ނޯޓުކުރާނެއެވެ. މިގޮތުން މަސައްކަތް ކުރާއިރު މައްސަލައިގެ ހަޤީޤީ ކަންކަން ދެނެގަނެ މައްސަލަ ސާފުކޮށް ލިޔެ ދޭހަކުރަން އެނގޭނެއެވެ. މީގެ ސަބަބުން މައްސަލަ ހައްލުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދޭނެއެވެ. ހޯދުނު މަޢުލޫމާތުގެ އަލީގައި މައްސަލަ ހައްލު ކުރެވިދާނެ ގޮތްތަކެއް ހޯދޭނެއެވެ. އަދި މި ހޯދުނު ކަންކަމާ ގުޅޭ ގޮތުން އެކި ދާއިރާއިން ތަފާތުކޮށް ވިސްނާ ހެދޭނެއެވެ. އިސްވެދިޔަ ހުރިހާ ކަމަކީ ވެސް ދަރިވަރުންގެ ވިސްނުން ތަރައްޤީކޮށް ކުރިއެރުވުމަށް ވަރަށް މުހިންމު ޙަރަކާތްތަކެކެވެ. މި ކަންކަމުގެ ސަބަބުން ދަރިވަރުންގެ ވިސްނުމުގެ ޤާބިލުކަން އިތުރުވެ އުނގެނުމުގެ ހުނަރުތައް ކުރިއަރުވަން ނުހަނު ބޮޑަށް އެހީތެރިވެދެއެވެ.

މަތީގައި ދެންނެވިފައިވާ ފަދައިން، މި ބާވަތުގެ ކިޔަވައިދިނުމުގައި އެންމެ އިސްކަމެއް ދޭންޖެހެނީ ދަރިވަރުންނަށް ކުރިމަތިކުރުވާ އަސާސީ މައްސަލައަށެވެ. މިގޮތުން މަތީގައި ދެވިފައި އެވާ ހުރިހާ ކަމެއް ސީދާސީދާ ތަރުތީބުން ނޫން ނަމަވެސް އުނގެނުމުގެ މަރުހަލާތަކުގެ ތެރޭގައި ކިޔަވައިދޭ މައުޟޫޢަކާއި ގުޅޭ މަސައްކަތެއް ރާވަން ޖެހޭނެއެވެ. މި މަސައްކަތުގައި ދަރިވަރުންގެ އުނގެނުން ކާމިޔާބު ކަމާއެކު ކުރިޔަށްދޭތޯ މުދައްރިސުން ގާތުން ބަލަން ޖެހެއެވެ. މުދައްރިސުގެ ދައުރު މި ބާވަތުގެ ކިޔަވާދިނުމުގެ ގޮތްތަކުގައި ކުޑަނަމަވެސް ދަރިވަރުންގެ އުނގެނުން ކަމިޔާބު ކޮށް ގެންދިއުމުގައި ގާތުން ބަލާ މަގުދެއްކުމަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މަތީގައި ބަޔާންވެފައިވާ ފަދައިން މުދައްރިސުގެ ދައުރު އެންމެ ބޮޑަށް ގުޅިފައިވަނީ 3 ކަމަކާއެވެ. އެއީ

(1) ގުރޫޕްގެ މަސައްކަތްރޭވުން

(2) ދަރިވަރުންނަށް ކިޔަވާދޭ މާއްދާއާއި ޢުމުރާ ގުޅޭ މަސައްކަތެއް ރަނގަޅަށް ކަނޑައެޅުން

(3) މަސައްކަތް ގެންދާނެ ގޮތުގެ ފުރިހަމަ އިރުޝާދު ދިނުން މިއެވެ.

މި ބާވަތުގެ ކިޔަވާދިނުމުގައި މުދައްރިސުގެ ހިއްސާއަށް ވުރެ ދަރިވަރުންގެ ހިއްސާ ބޮޑުވާނެއެވެ. ތިރީގައި ދެވިފައި އެވަނީ ދަރިވަރުންގެ ރޯލުތަކެވެ.

(1) ދީފައިވާ މައްސަލައާ ގުޅޭ ގޮތުން ދިރާސާކުރުން

(2) ޓީމުގެ މެމްބަރުންނަށް މައްސަލައާ ބެހޭ ގޮތުން އެނގޭ އެއްޗެހި ނޯޓްކުރުން

(3) މައްސަލަ ސާފުކޮށް ދޭހަވާ ގޮތަށް ލިޔުން

(4) މައްސަލަ ހައްލުކުރެވިދާނެ ހުރިހާ ގޮތެއް ނޯޓްކުރުން

(5) ކުރަންވީ ހުރިހާ ކަމެއް ޓައިމްލައިން/ވަގުތު ތަފުސީލެއްގައި ނޯޓުކުރުން

(6) ޓީމުގެ ހުރިހާ ބައިވެރިން އެކުވެގެން މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ނޯޓްކުރުން

(7) ޓީމުގެ މަސައްކަތުގެ ރިޕޯޓު ތައްޔާރުކުރުން (މީގައި މަޢުލޫމާތު ހޯދި ގޮތާއި މަޢުލޫމާތު ބޭނުންކޮށްގެން އެކަމަށް ހޯދި ދާނެ ހައްލު، ހައްލުކުރެވިދާނެ ގޮތް، ނުވަތަ އެ ހައްލު އެންމެ އެކަށޭނަ ހައްލުކަމުގައި ބެލެވިދާނެ ސަބަބުތައް ވެސް ކަރުދާސް (ޑޮކިޔުމަންޓް) ކުރާނެއެވެ.

(8) މައްސަލަ ހައްލުކުރި ގޮތް ނުވަތަ ހުށަހަޅާ ނަތީޖާއާ ހަމައަށް ދިޔަ ގޮތް ހިއްސާކުރުން

ޕީބީ އެލްއަކީ ތަފާތު މައްދާތައް ކިޔަވާދިނުމަށް ނުހަނު އެކަށޭނަ އަދި ދަރިވަރުންގެ ބައިވެރިވުން ބޮޑުކޮށް އުނގެނުން ފަރުމާކުރެވިދާނެ މި ޒަމާނުގެ ކިޔަވައިދިނުމުގެ ގޮތެކެވެ. ނަމަވެސް ވަކި މިވެނި ޚާއްޞަ ހަރުފަތްތަކެއް ވަކި އުސޫލަކުން ގެންދިއުމަށްވުރެ، މި ގޮތް ބޭނުންކޮށްގެން ކިޔަވައިދޭ މައްދާގެ ބާވަތާއި ދަރިވަރުންގެ ޢުމުރާ ގުޅުވައިގެން އެންމެ އެކަށޭނަ ގޮތަށް ގެންދެވެނީ ކިހިނެއްތޯ ބެލުމަކީ ކޮންމެ މުދައްރިސެއްގެ ވަރަށް ބޮޑު ޒިންމާއެކެވެ. ވަކި މިވެނި ގޮތަކަށް މިގޮތް ބޭނުންކުރުމަށް ސަމާލުވުމަށްވުރެ ރަނގަޅީ މީގައިވާ މައިގަނޑު އުޞޫލުތަކުގައި ހިފަހައްޓައިގެން ކިޔަވައިދޭ މާހައުލާއި ދަރިވަރުންނާއި ގުޅުވައިގެން، އެންމެ ރަނގަޅީ ކޮން ގޮތަކަށް ގެންދިޔުމުންތޯ ތަޖުރިބާކޮށް ދެނެގަނެ ހޯދައި ބެލުމެވެ.

ޕްރޮބްލެމް ބޭސްޑް ލަރނިންގގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަކީ ކޮންމެ ކޮންމެ މާއްދާއަކަށް އެހާ ގުޅޭ އުސޫލުތަކެއް ނޫންކަމަށް ބައެއް މުދައްރިސުން ގަބޫލު ކުރެވެއެވެ. ސަބަބަކީ ކޮންމެ މާއްދާއަކީ އިޖުތިމާޢީ، ޞިއްޙީ، އިޤުތިޞާދީ، ނުވަތަ ޢިލުމީ ބޮޑެތި މައްސަލަތަކާ ގުޅުވައިގެން ގެންދެވިދާނެ ބައިތަކެއް ނޫންކަމަށް ޤަބޫލުކުރެވުމެވެ. މި އުސޫލު ބޭނުން ކުރާއިރު ޙަޤީޤަތުގައި ފިލާވަޅުގެ ބައިތައް ރާވާލަނީ ދަރިވަރުން އަމިއްލައަށް އެއާ ގުޅޭގޮތުން ކަންތައްތަކެއް ހޯދައި މައްސަލައިގެ މިސްރާބު ދެނެގަނެ އެކަމާ ގުޅޭ މަޝްވަރާތަކަށް ފަހުއެވެ. މިގޮތަކީ ދިވެހިރާއްޖޭގެ އާންމު ކުލާސްރޫމުތަކުގައި ބޭނުން ކުރުން މަދު، އަދި މަދު ބައެއް ބޭނުން ކުރާއިރު ވެސް، އޭގެ އެންމެ އެދެވޭ ގޮތަށް ރޭވި ފުރިހަމަ ފައިދާތައް ދަރިވަރުންނަށް ހާސިލުކޮށްދިނުމަށް އުނދަގޫ ގޮތެކެވެ. ފަހަރުގައި ޕީބީ އެލް ބޭނުންކޮށްގެން ކިޔަވައިދިނުން ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް އެކުލެވޭތީ ކަމަށް ވުން ވެސް އެކަށީގެންވެއެވެ. ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިގެން އާ ގޮތްތައް ތަޖުރިބާކޮށް އަޖުމަ ބެލުމުގެ ރޫހު ގިނަ މުދައްރިސުންގެ ކިބައިގައި ކުޑަކަން ވެސް ފާހަގަކުރެވެއެވެ. މިހެންކަމުން ކިޔަވައިދޭ އިރު އަބަދު އެއް ގޮތްތަކެއް ބޭނުންކޮށްގެން ކިޔަވައިދެވޭކަން ވެސް ފާހަގަ ކުރެވެއެވެ. މިގޮތަށް ކިޔަވައިދިނުމުގެ ކަންކަން ހުރުމަކީ މުޅި ކިޔަވައދިނުމުގެ ޖުމުލަ ފިލޯސަފީއާ ޚިލާފު ކަންކަމެވެ. އަޅުގަނޑުގެ އުއްމީދަކީ ކިޔަވައިދިނުމާގުޅޭ ގޮތުން ރިވެލިކޮށް ކަންހިނގާގޮތް ގާތުން ބަލައިގެން އާތަޖުރިބާތައް ކުރުމުގެ ރޫހު އޮންނަ ބަޔަކަށް ހުރިހާ މުދައްރިސުންވެސް ވުމެވެ. މީގެއިތުރުން ޕްރޮބްލެމް ބޭސްޑް ލަރނިންގ ފަދަ ޒަމާނީ ކިޔަވައިދިނުމުގެ ގޮތްތަށް ބޭނުންކޮށްގެން ދަރިވަރުންގެ ތަފާތު ހުނަރުތައް ތަރައްޤީވާން ފުރުސަތު ފަހިކޮށްދެވޭ ގޮތަށް ކިޔަވައިދޭ ބަޔަކަށް ވުމަކީ މިޒަމާނުގެ މުދައްރިސުން ސަމާލުވާން ޖެހޭ ކަމެކެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.