ޝާފިޔާގެ އެދުރު އަށި: ކިޔުމުގެ ރަނގަޅު އާދަތައް ހަރުލައްވާނީ ކިހިނެއް؟

މިއަދުގެ ލިޔުންކޮޅު ޚާއްޞަކޮށްލަން މިގަސްދުކުރަނީ ކުދިންގެ ކިބައިގައި ކިޔުމުގެ ރަނގަޅު އާދަތައް ހަރުލައްވާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. ކުދިންގެ ކިބައިގައި ކިޔުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމަށް ފަށަންޖެހެނީ މަދަރުސާއަށް ވުރެ ވެސް ކުރިން ގޭތެރެއިންނެވެ. ކިޔުމުގެ ފުރަތަމަ ބިންގާ ފަށަނީ ބެލެނިވެރިންނާ އެކުއެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރަށް ގޭތެރޭގެ މާހައުލަކީ އުނގެނުމަށް ހިތްވަރުދީ ފޮތްކިޔާ މީހުން ގިނަ މާހައުލެއް ނަމަ ދަރިވަރުންގެ ކިބައިގައި މިއާދަ މާ ބޮޑު އުނދަގުލަކާ ނުލައި ވެސް ހަރުލެއްވޭނެއެވެ. ނަމަވެސް މި ކަން ހަމައެކަނި މި އުސޫލުން ދޫކޮށްލުމަށްވުރެ ބޮޑަށް ދަރިޔަކު އުފަންވުމަށްފަހު، މިއީ ކުރަންޖެހޭކަމެއް ކަމަށް ދެކި ތައްޔާރުވެ، ކިޔުމުގެ އާދަ ހަރުލެއްވުމަށް ކުރެވޭނެ ކަންތައްތަކަށް ބެލެނިވެރިން އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ. ކިޔުމަކީ، ދުވަހީ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ހެދުން އެއީ އުދަނގޫ ކަމެއް ނޫނެވެ. މި ގޮތުން ކުއްޖާ ފޮތެއް ނުވަތަ އެހެން ވެސް އެއްޗަކުން ކިޔާ ކިޔުންތަކާ ގުޅޭގޮތުން ވާހަކަ ދައްކާ މަޖާކޮށް، ފޮތްތައް އަތުރާ، ފޮތްތައް ހިފައިގެން އުޅެ ކުދިންނާ އެކު ބެލެނިވެރިން އެކިއެކި ކިޔުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ނަމަ ފަސޭހަކަމާއެކު އެ ކުދިންގެ ދިރިއުޅުމުގެ ތެރޭގައި ފޮތްތައް ހިމެނިގެން ދާނެއެވެ. ހަމަ މި ބީދައިން ކިޔުމުގެ ހުނަރުތައް ވެސް ކުރިއެރުވުމަށް ނުހަނު ބޮޑަށް އެހީތެރި ވެދެވޭނެއެވެ.

ކިޔުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމަށް މަސައްކަތް ކުރާއިރު ބެލެނިވެރިން ދެނެގަންނަންވީ މުހިންމު ބައެއް ކަންކަމަކީ ކިޔުމަކީ ކޮބައި ކަން؟ ކިޔުން ފަށަން ޖެހެނީ ކޮންގޮތަކަށް ކަން؟ އަދި އެ ކަން ރަނގަޅަށް ކުރަން ފަށާނީ ކިހިނެއް ކަން ވެސް ދެނެގަތުމެވެ. ކިޔުމަކީ، އެއްވެސް ހާލެއްގައި އެއްޗެއް ލިޔެފައި އޮންނަ ގޮތަށް ކިޔާލަން އެނގުމެއް ނޫނެވެ. އެއީ އެކިޔާ އެއްޗެއްގެ މާނަ ދޭހަވެގެން ކިޔާ ކިޔުމެވެ. މިސާލަކަށް އަޅުގަނޑުމެން ޤުރުއާން ކިޔަވާއިރު އެކިޔަވާ ބައިތަކުގެ މާނަ ނޭނގި ކިޔާނަމަ ހަގީގަތުގައި، އެއީ ކިޔުން އެންމެ ފުރިހަމަ ގޮތުގައި ކިޔަން އެނގުނު ކަމުގައެއް ނުވެއެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ޖީލުތައް ނުހަނު ފަރިތަކަމާ އެކު ޤުރުއާން ކިޔަވައެވެ. ނަމަވެސް އެއީ ކިޔުމުގެ ފުރިހަމަ މާނައިގެ ތެރޭގައި ބޭނުންކުރެވޭ ކިޔުމަކަށް ނުބެލެވެއެވެ. އެއް ސަބަބަކީ ކިޔާ އެއްޗެއްގެ މާނައާ މެދު އެއްގޮތަކަށް ވެސް ނުވިސްނާ އަދި މާނަ ނޭނގި ކިޔުން ކުރިޔަށް ގެންދެވޭތީއެވެ. ކުދިންނަށް ކޮންމެ ބަހަކުން ލިޔެފައި އޮތް އެއްޗެއް ކިޔަން ދަސްކޮށްދިނަސް، މިއީ ވިސްނާލުން ރަނގަޅު ނުކުތާއެކެވެ. ބައެއް ފަހަރު ކުދިންނަށް ކިޔަން ދަސްކޮށްދޭން ފަށާއިރު ކިޔާއެއްޗެއްގެ މާނައާ މެދު ވިސްނަން މާ ބޮޑު ޖާގައެއް ނުދެވި ކިޔަން ދަސްކޮށްދެވޭ ތަން އާދެއެވެ. މީގެ ސަބަބުން ކުދިންގެ އެހެނިހެން ވިސްނުންތަކާއި ޢާއްމުކޮށް ކިޔާއެއްޗެއްގެ މާނަ ދޭހަކުރުމަށް ހުންނަ ޝައުޤުވެރިކަން ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމައެކަނި ކިޔާލަން ދަސްކޮށްދިނުމަކީ އެންމެ ރަނގަޅަށް ކިޔަން ދަސްކޮށްދެވުނީ ކަމަކަށް ގަބޫލުކޮށްގެން ނުވާނެއެވެ. ކުއްޖާއަށް އޭގައިވާ އެއްޗަކާ މެދު ވިސްނައި ދޭހަވެ، އެއާ ބެހޭ ގޮތުން ވާހަކަދައްކައި، ކިޔަމުންދާ އެއްޗެހި ސީދާ ކުދިންގެ ދިރިއުޅުމުގެ ކަންކަމާ ގުޅުވައިގެން ނުކިޔޭ ނަމަ އެއީ އެންމެ ރަނގަޅަށް ކިޔަން އެނގެނީ ކަމަކަށް ބަލައިގެނެއް ނުވާނެއެވެ. މި ކަމަކީ ޚާއްޞަކޮށް ޅަފަތުގައި ކުދިންނަށް ކިޔަން ދަސްކޮށްދޭން އުޅޭ އިރު ބެލެނިވެރިންނާއި މުދައްރިސުން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމެވެ. މާނައަކީ، ކިޔާއެއްޗެއްގައި އެކުލެވޭ މާނަ ވިސްނަން އެހީތެރިވެދޭނެ ފަދަ ގޮތަކަށް ކުދިންނަށް ކިޔަން ދަސްކޮށްދޭން ފަށަން ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުމަކީ ސިކުނޑީގައި ހިނގާ ޕްރޮސެސް (މަސައްކަތެއް) އެކެވެ. އޭގައި ހިމެނެނީ، ލިޔެވިފައިވާ އަކުރުތަކެއް ވަކި ގޮތަކަށް، ވަކި ހަމައަކަށް ފައްތައިގެން ކިޔާއިރު އޭގެ މާނަ ދެނެގަނެ ވިސްނުމެވެ. މާނައަކީ، ލިޔެވިފައިވާ އެއްޗެއް ކިޔަން އުޅޭއިރު އަކުރުތަކަށް ލޯ އަމާޒުކޮށް، އޭގައި ހިމެނޭ ތަފާތު އަކުރުތައް/އަޑުތައް އެއް އަކުރު/އަޑު އަނެއް އަކުރާ/އަޑާ ގުޅެމުން އުފެދެމުންދާ ލަފުޒުތަކާއި އެއިން ދޭހަވާ މާނަތައް ސިކުނޑީގައި ހިނގުމެވެ.  ކޮންމެ ލަފުޒެއް ކިޔަން ދަސްކޮށްދިނަސް، މިދެންނެވި ޕްރޮސެސް ސިކުނޑީގައި ހިނގާނެއެވެ. ކިޔަންދަސްކޮށްދޭން ޖެހެނީ ވެސް އެ ކަންކަމަށް ވިސްނައިގެންނެވެ. ކިޔަން ދަސްކޮށްދިނުމާއި، ކިޔަން ފަރިތަކުރުވުމާއި، ކިޔުމުގެ އާދަ ހަރުލެއްވުމަށް، އެހީތެރިވެދޭނެ ގިނަގުނަ އުކުޅުތައް ތަފާތު ޢިލުމުވެރިން ޝާއިޢު ކުރައްވާފައިވެއެވެ. ކިޔުމާ ކިޔަން ދަސްކޮށްދިނުމާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކަކީ ވަރަށް ކުރިއްސުރެ ވެސް ޢާއްމު ލިޔުންތަކެކެވެ. ޖެނިންގ (1965) ލިޔުއްވާގޮތުގައި ކިޔުމަކީ އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލާއި ދުނިޔޭގައި ވާ ތަފާތު ކަންކަން ދެނެގަތުމަށް ލިބިދޭ އެންމެ މުހިންމު ވަސީލަތެކެވެ. މި ޢިލުމުވެރިޔާ ޚާއްޞަކޮށް ފާހަގަކޮށްފައިވާ އެއް ނުކުތާއަކީ، ކިޔުމަކީ ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި އެ ކަންކަން ދެނެގަނެ މާނަ ހޯދުމަށް ލިބޭ މުހިންމު ކަމެއް ކަމެވެ. ކިޔުމަކީ  ވަކި އުސޫލުތަކަކަށް ބަލައިގެން ލަފުޒުތަކުގެ މާނަތައް ދެނެގަންނަމުން ކުރެވޭ ކަމެކެވެ. މީގެ މާނައަކީ "ގަސް" އެއީ ހަމަ އެކަނި ދެ ސިލަބަލްއެއް ނޫނެވެ. އެހެނީ، އެއީ ކޮން އެއްޗެއްކަން ކޮން މާނައެއްގައި ބޭނުންކުރެވޭ އެއްޗެއްކަން ނޭނގި ކިޔޭ ކިޔުން މުޅިއަކުން އަދި ކިޔުމަކަށް ނުފެދެއެވެ. ތުއްތު ކުދިންނަށް ކިޔަން ދަސްކޮށްދޭއިރު ސަމާލުވާންވީ އެންމެ މުހިންމު ކަމަކީ މިއީއެވެ. މިސާލަކަށް ކިޔާ ފޮތެއްގައި 'ފިޔާ' މި ލަފުޒު އެ ކިޔަން ޖެހޭ ގޮތް ކުއްޖަކަށް ވަރަށް ފަރިތަކޮށް އެނގިދާނެއެވެ އެކަމަކު "ފިޔާ"މިއީ  ކޮން އެއްޗެއްކަން، ކީއް ކުރަން ބޭނުންކުރާ، ކޮން ގޮތަކަށް އޮންނަ އެއްޗެއްކަން ނޭނގޭ ނަމަ އަދި އެ ލަފުޒު ރަނގަޅަށް ކިޔަން އެނގުނު ކަމަކަށް ނުފުދެއެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކަށް 'ފިޔާއަކީ ނުބައި ވަސް ދުވާ އެއްޗެއް' މި ޖުމުލަ ކިޔުމުން ހަގީގަތުގައި "ފިޔާ" މި ލަފުޒުގެ މާނަ ނޭގި ޖުމުލައިގެ  މާނަ، ކުދިންނަކަށް ނޭނގޭނެއެވެ. ތުއްތު އިރު ކިޔަން ދަސްކުރުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމަށް ޓަކައި މާނައަށް ވިސްނަން ވެސް ދަސްކޮށްދިނުން މުހިންމުވާނެއެވެ. ސަބަބަކީ ކިޔުމަކީ ކުއްޖާގެ އުނގެނުމުގެ ބިންގަލެއެވެ. ޅަފަތުގައި ކުދިންނަށް ކިޔުމުގެ ރަނގަޅު އާދަތަކެއް ދަސްކޮށްދީގެން ނޫނީ އުނގެނުމުގެ ދެން ހުރި ކަންކަން ކުރިއަށް ގެންދަން އުދަނގުވާނެއެވެ. މިއަދުގެ ވާހަކަކޮޅުގައި ބޮޑަށް މި އަލިއަޅުވާލަނީ ކިޔުމުގެ ރަނގަޅު އާދަތަކަކަށް ކުދިން ހޭނުވުމަށް އެހީތެރިވެދޭނެ ބައެއް ކަންކަމަށެވެ.

(1) ކިޔަން ޝައުގުވެރިކަން އުފެއްދުން

އެންމެ ފުރަތަމަ ސަމާލުކަންދޭންވީ ކިޔުމަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށެވެ. މިކަން ކުރެވޭނީ ގޭތެރޭގައި ކިޔުމަށް އެހީތެރިވެދޭފަދަ މާހައުލެއް ފަހިކޮށްދެވިގެންނެވެ. މިސާލަކަށް، ތަފާތު ފޮތްތައް ގިނައިން ފެނުމާއި، މީހުން ފޮތްކިޔާ މަންޒަރުތައް ފެނުމާއި، ފޮތާ އެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމާއި، ކުދިން ގަޔާވާ ފާޑުގެ ކުލަ ކުލައިގެ ފޮތްތައް ހުރުމާއި، އަދި ޢުމުރާ ގުޅޭ އަދި ފަސޭހައިން ގެންގުޅެވޭ ކަހަލަ ލުއި/ތުނި ފޮތްތައް ލިބެން ހުރުން ފަދަ ކިޔުމަށް އެހީތެރިވެދޭ މާހައުލަކަށް ގޭތެރެ ހެދުން މުހިންމެވެ.

(2) ފޮތް ކިޔާ ތަނެއް ވަކިން ހަމަޖެއްސުން

ހަމަޖެހިލައިގެން ފޮތްކިޔަން އިނދެވޭ ވަކިތަނެއް ހުރުމަކީ ވެސް ފޮތް ކިޔުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ މާނައަކީ ތަނަވަސް ޖާގައަކަށް ވުރެ ބޮޑަށް ވަކި ކޯނަރެއް ކޮޓަރީގައި ނުވަތަ ސިޓިންރޫމުގައި ހަމަޖައްސާފައި ހުރުންފަދަ ކަންކަމެވެ. ކޮންމެ ގެއަކީ ފޮތް ކިޔާނެ ވަކި ތަނެއް ހެދުމަށް ޖާގައިގެ ތަނަވަސްކަން ހުންނަ ތަންތަނެއް ނޫނެވެ. އެހެންނަމަވެސް ކުދިންގެ ކޮޓަރީގައި ކުޑަކުޑަ ވަކި ހަރުގަނޑެއް ބަހައްޓައި، ކައިރީގައި ބީންބޭގެއް ނުވަތަ ގޮނޑިއެއް ބެހެއްޓުންފަދަ ކަންކަން ވަރަށް ފަސޭހައިން ހަމަޖެއްސިދާނެއެވެ.

(3) ފޮތްކިޔުމަށް ގޭގައި ހިތްވަރު ދިނުން

ދުވަހީ ދިރިއުޅުމުގައި ވެސް ކަންކަން ރޭވިގެން ދާއިރު ފޮތް ކިޔާ ވަގުތު ހަމަޖައްސައި އަދި އެހެނިހެން ވަގުތުގައި ވެސް ފޮތް ކިޔުމަށް ކުދިންނަށް ހިތްވަރު ދިނުމަކީ ބޭނުންތެރިކަމެކެވެ. މިގޮތުން ކާއިރު، ނިދުމުގެ ކުރިން، ހެނދުނުގެ ނާސްތާއަށްފަހު، އަދި މިނޫނަސް ވަކި ވަގުތުތަކުގައި ފޫހިފިލުވުމުގެ ގޮތުން ވެސް ކުދިންނަށް ފޮތްކިޔުމަށް ހިތްވަރު ދެވިދާނެއެވެ. މިފަދަ ކޮންމެ ކަމަކަށް ހިތްވަރުދޭއިރު، ސީދާ ބެލެނިވެރިޔާ އެކަމުގައި ބައިވެރިވުން ވެސް މުހިންމެވެ. މިސާލަކަށް ނިދުމުގެ ކުރިން ފޮތްކިޔަން ބާރު އަޅާނަމަ އެ ވަގުތަކީ، ބެލެނިވެރިޔާ ވެސް އިރުކޮޅަކު ފޮތްކިޔާ ވަގުތުކޮޅަކަށް ހެދިދާނެއެވެ. ނުވަތަ އެންމެ ތުއްތު ކުދިންނަމަ އެކުގައި ފޮތްކިޔަން ވެސް ވަގުތުކޮޅެއް ހޭދަކުރެވިދާނެއެވެ.

(4) ފޮތް ކިޔުމުގެ ނަމޫނާ ދެއްކުން

ކުދިންނަށް ދަސްވާ ވަރަށް ގިނަ ކަންތައްތަކާއި އާދަތަކަކީ، މައިންބަފައިން ކުރާ ކަންތައްތައް ފެނި ބަލައި އެ ކަންކަމުގެ ތެރެއިން ދަސްކުރާ ކަންކަމެވެ. ފޮތްކިޔުމުގެ އާދަވެސް ފަސޭހައިން ހަރުލެއްވެނީ އެ ކުއްޖަކު އުޅޭ މާހައުލުގެ މީހުން ގިނައިން ކިޔެވުމާއި ފޮތްކިޔުމުގެ ކަންކަމުގައި މަޝްޣޫލުވެގެން އުޅޭތަން ފެންނަ ނަމައެވެ.

(5) ކިޔާ އެއްޗަކާ ދިރިއުޅުމާ ގުޅުވަން ދަސްކޮށްދިނުން

ކިޔުމަކީ އޭގެ ޒާތުގައި ލިޔެފައި އޮންނަ އެއްޗެއް ކިޔާ ނިންމާލުމެއް ނޫނެވެ. ކިޔުމަކީ އެކިޔާ އެއްޗަކުން މާނައެއް އެނގި ދިރިއުޅުމުގެ ކަންކަމާ ގުޅުވަން ވެސް އެނގުމެވެ. އެގޮތަށް ކަންކަން ނުކުރެވޭނަމަ ކިޔަށް އެނގުނަސް އުނގެނުމުގެ ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްޗެއް އޮންނަ ގޮތަށް ހިތުން ދަސްކޮށްލުމަކުން ނުވަތަ ކިޔާލަން އެނގުމަކުން އެއީ މުޅިއަކުން އުނގެނުމަކަށް ވެސް ނުބެލެވެއެވެ. މިހެން ކަމުން، ކުއްޖާ ކިޔާ ތަފާތު ކިޔުންތައް ދިރިއުޅުމުގެ ކަންކަމާ ގުޅުވައިގެން ވާހަކަ ދައްކާ އެއާބެހޭގޮތުން ސުވާލުކޮށް ހެދުމުން އެކިޔާ އެއްޗަކާ ގުޅޭގޮތުން ވިސްނުމަށް ފުރުސަތު ލިބި ދިރިއުޅުމާ ގުޅުވަން އެހީތެރިވެދޭނެއެވެ.

(6) ކުދިންގެ ޢުމުރާ ގުޅޭ ފޮތްތަކާއި ކިޔުންތައް ގޭގައި ނުވަތަ އެހެން ތަނަކުން ވިޔަސް ލިބޭ ގޮތަށް މަގުފަހިވުން

އެންމެ ޅަފަތުގައި ވެސް ކުދިންގެ ޢުމުރާ ގުޅޭ ތަފާތު ފޮތްތަކާއި، ކިޔަން ބޭނުންކުރެވޭ ކާޑުތަކާއި، ޕޯސްޓަރ ފަދަ ތަކެތި އެ ކުދިންގެ ކޮޓަރީގައްޔާއި ގޭތެރެއިން ފެނަން ހުރުމަކީ ކިޔަން ދަސްކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކުރާނޭ ކަމެކެވެ. ހަމައެހެންމެ ކިޔުމުގެ އާދަ ތަރުތީބުވަނިވި ގޮތަކަށް ރޭވުމުގައި ވެސް ކުދިންގެ ޢުމުރާ ގުޅޭ ފޮތްތައް ގޭތެރޭގައި ލިބެން ހުރުން ވެސް މުހިންމެވެ. އެހެނީ،އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ މުހިންމު އެއް ނުކުތާއަކީ ބައެއް ފަހަރު ގިނަ ފޮތްތަކެއް ގަތުމަކީ ކޮންމެ ބެލެނިވެރިއަކަށް އެހާ ފަސޭހަކަމަކަށް ނުވެދާނޭ ކަމެވެ. ފޮތަކީ އަގުބޮޑު އެއްޗެކެވެ. ކޮންމެ މަހަކު ގިނަފޮތްތަކެއް ގަތުމަކީ އެކި ޢާއިލާތަކުގެ ދިރިއުޅުމުގެ ހާލަތާ ވެސް ވަރަށްބޮޑަށް ގުޅުން ހުރި ކަމެކެވެ. ކުދިންގެ ޢުމުރާ ގުޅޭ ފޮތްތައް ގިނައިން ގަތުމުގެ ގާބިލުކަން ނެތްނަމަ ހަފުތާއަކު އެއްފަހަރު ލައިބްރަރީއަކަށް ގޮސް، އެ ކުދިންގެ ޢުމުރާ ގުޅޭ ފޮތްތައް ގެއަށް ގެނައުމަކީ މުހިންމު ކަމެކެވެ. ހަގީގަތުގައި ލައިބްރަރީއަށް ގޮސް ފޮތްނެގުން އާދަކުރުވުމަކީ ހުރިހާ ފޮތެއް ގަނެ ދީ ހެދުމަށް ވުރެ އެތަށް ގުނައެއް ރަނގަޅު ގޮތެކެވެ. އެއް ސަބަބަކީ، އޭގެ ތެރެއިން ފޮތަށް ރައްކައުތެރިވާނެ ގޮތްތަކާއި، އަމިއްލައަށް ކިޔާހިތްވާ ފޮތް ހޯދައި ބަލައިގެން އަމިއްލަ އަށް ކަންކަމުގައި ގޮތްނިންމަން ވެސް ކުދިންނަށް އެހީތެރިވެދެވޭނެއެވެ. މީގެ އިތުރުން ކުދިންނާ އެކު މައިންބަފައިން ލައިބްރަރީއަށް ދާން ހޭދަކުރާ ވަގުތާއި، ލައިބްރަރީގައި ހޭދަވާ ވަގުތަކީ ވެސް ކިޔުމުގެ އާދައާއި ކިޔުމުގެ ޝައުގުވެރިކަން އަށަގަންނުވައި އިތުރު ކުރުވުމަށް ނުހަނު ބޭނުން ތެރި ކަންކަމެވެ.

(7) ކިޔާ އެއްޗަކާ ބެހޭގޮތުން ކުދިންނާ އެކު ވާހަކަ ދެއްކުން

މިއީ ރަނގަޅަށް ކިޔުމުގެ ހުނަރުތައް އާދަކުރުވުމަށް ވަރަށް މުހިންމު ކަމެކެވެ. ކުއްޖާ އަލަށް ކިޔަން ފަށާ ޢުމުރުގައި ވެސް ކިޔަމުންދާއިރު ހުންނަ ތަފާތު ލަފުޒުތަކާއި، ތަކެތީގެ ނަންތަކާއި، ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކިޔައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު އަމިއްލައަށް ކިޔަން އެނގި، އެކަނި ފޮތް ކިޔަން ހަވާލު ކުރިޔަސް، އެ ކިޔާ އެއްޗަކާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ފަހިކޮށްދޭން ޖެހޭނެއެވެ. މާނައަކީ ފޮތްކިޔާފައި އައިސް މަންމައާ ނުވަތަ ބައްޕައާ އެކު އެއާ ބެހޭގޮތުން ވާހަކަ ދައްކާލަން ވަގުތުކޮޅެއް ހަމަޖެއްސުމެވެ. މިގޮތުން ވާހަކަ ދައްކާ ވަގުތުކޮޅުގައި އެ ކީ އެއްޗަކާ ގުޅޭގޮތުން ތަފާތު ސުވާލުކޮށް އޭގެ މާނަ ކުއްޖާގެ ދިރިއުޅުމާ ގުޅުވާލެވޭނެ ފަދަ ގޮތަށް ވާހަކަ ކުރިޔަށް ގެންދިއުން މުހިންމެވެ. މިސާލަކަށް ފޮތުގައި ހިމެނޭ މުހުންމު ޝަހުޞިއްޔަތެއްގެ ވާހަކަ ދައްކާއިރު، އޭނާގެ  ހުރި ރަނގަޅު ސިފަތަކެއް ވާނަމަ އެކަމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް ވާހަކައިގެ ތެރޭގައި އިޝާރާތްކުރުން ރަނގަޅުވާނެއެވެ.  މިގޮތަށް ކަންކުރެވޭނަމަ ކުދިން ކިޔަމުން ދާއެއްޗަކާ ބެހޭގޮތުން ބޮޑަށް ވިސްނައި  އަމިއްލައަށް ކިޔަން ފަރިތަވެ ކިޔާ ކިޔުންތަކުގައި ވިސްނުން ބޭނުންކުރަން އެހީތެރިވެދެވެއެވެ. މިއީ ކުއްޖާގެ މުޅި އުނގެނުމުގެ ހުރިހާ މަރުހަލާއަކަށް ވަރަށް ބޭނުންތެރި ކަމެކެވެ.

(8) ތަފާތު ބާވަތްތަކުގެ ފޮތްތައް ކުއްޖާއަށް ތަޢާރަފު ކުރުވުން

އަލަށް ކިޔަން ދަސްކޮށްދޭ ކުދިންނަށް ވެސް އަދި ކިޔަން ފަރިތަކޮށް ކިޔުމުގެ އާދަ ހަރުލައްވަން ބޭނުންވާ ޢުމުރުގެ ކުދިންނަށް ވެސް ތަފާތު ބާވަތްތަކުގެ ފޮތްތައް ތަޢާރަފު ކުރުން މުހިންމުވާނެއެވެ. މީގެ މާނައަކީ ޢުމުރާ ގުޅޭ ތަފާތު ވާހަކަ، ސިފަތަކާ ގުޅޭ ފޮތްތައް، މަޢުލޫމާތު ހިމެނޭ ފޮތްތައް، ތަޞްވީރު ވާހަކަ، އެންސައިކްލޯޕީޑިއާ، އަދި މިނޫނަސް ތަފާތު ދާއިރާތަކާ ގުޅޭ އެކި ބާވަތުގެ ފޮތްތައް ގޭތެރޭގެ މާހައުލުން ލިބެން ހުރުން މުހިންމުވާނެއެވެ. މިބަޔާން ކުރެވުނު ތަފާތު ފޮތްތައް އަބަދު ގަތުމުގެ ބަދަލުގައި ލައިބްރަރީއިން ގެންނަން އާދަ ކުރުމުން، ގަތުމަށް ވުރެ ލިބޭ ފައިދާ/މަންފާ މާ ބޮޑުވާނެއެވެ. ނުވަތަ މާ ބޮޑަށް ވެސް ރަނގަޅުވާނެއެވެ.

(9) ހަފުތާއަކު އެއްފަހަރު ލައިބްރަރީއަށް ދިއުން އާދަކުރުން

ކުދިންގެ ކިބައިގައި ކިޔުމުގެ ހުނަރު އާލާކޮށް ތަރައްގީ ކުރުމަށް މިއީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެކަނި ލައިބްރަރީއަށް ދަނީ ތަފާތު ބާވަތްތަކުގެ ފޮތްތައް ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. އެއާ ޚިލާފަށް ތަފާތު ފޮތްތައް ފެނި، ފޮތްކިޔަން މީހުން ވަގުތު ހޭދަ ކުރާ މަންޒަރު ބަލައި، ގިނަ ފޮތްތަކެއްގެ ތެރެއިން ބޭނުންވާ ވަކި ފޮތްތަކެއް ހޯދުމާއި، ތަފާތު ދާއިރާތަކަށް ޝައުގުރުވެރިކަން ހުޅުވިގެން ދިއުން ފަދަ އެތައް ކަމެއް ލައިބްރަރީއަށް ދިއުމުން ހާސިލުވާނެއެވެ. މީގެ އިތުރުން މައިންބަފައިންނާ އެކު އުނގެނުމަށް ފަހި ވަގުތުތައް ހޭދަ ކުރުމަށް ވެސް ހަފުތާއަކު އެއްފަހަރު ލައިބްރަރީއަށް ދިއުމުން ފުރުސަތު ފަހިވެގެންދާނެއެވެ. މިފަދަ ކަންކަމަކީ ކިޔުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމަށް އަދި ހަމަ އެހެންމެ ކިޔުމަށް ޝައުގުވެރިކުރުވުމަށް ބޭނުންތެރި ކަންކަމެވެ.

(10) ކޮންމެ ރެއަކުވެސް ކިޔުމަށް ވަގުތުކޮޅެއް ހޭދަކޮށްލުން

ކޮންމެ ރެއަކުވެސް ފޮތްކިޔުމަށް ނުވަތަ ކޮންމެސް އެއްޗެއް ކިޔާލުމަށް ވަގުތު ކޮޅެއް ހޭދަކުރަން އާދަ ކުރުވުމަކީ ކުދިން އެންމެ ތުއްތު އިރުން ފެށިގެން ކުރުން ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން އުނގެނުމުގެ  ހުރިހާ މަރުހަލާއެއްގައިވެސް އޭގެ ފައިދާ ކުރާނެއެވެ. މީގެ އިތުރުން ކިޔުމުގެ އާދަ ހިފި، ދުވަހީ ދުރިއުޅުމުގެ ކަންކަމުގެ ތެރެއަށް ފޮތް ކިޔުން ފަސޭހަކަމާއެކު ވަދެގެންދާނެއެވެ.

އިސްވެދިޔަ ހުރިހާ ކަމަކީ ވސް ތަފާތު ޢުމުރު ފުރައިގެ ކުދިންގެ ކިބައިގައި ކިޔުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމަށް ބޭނުންތެރި ކަންތައްތަކެކެވެ. މި ކަންކަން ފަހިކުރުމުގައި ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ ކިޔުމަށް މަޖުބޫރުކޮށް ކިޔުމަށް ކުދިންގެ ހިތުގައި ޝައުގުވެރިކަން ގެއްލޭފަދަ ކަންތައްތައް ބެލެނިވެރިން ނުކުރުމެވެ. މާނައަކީ ފޮތް ކިޔުން މަޖުބޫރުކޮށް، އަދަބު ދީގެން ފޮތްކިޔުއްވުމަށް ވުރެ، ކިޔުމަށް ތަރުހީބު ދިނުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކަށް ބޮޑަށް ވިސްނުން މުހިންމެވެ.

މިވާހަކަ ކޮޅާއެކު އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެއް ވެސް ހިއްސާކޮށްލާނަމެވެ. އަޅުގަނޑުގެ ދަރިފުޅު ވަރަށް ޅަފަތުގައި ފޮތާއެއްކޮށް ވަގުތު ހޭދަކުރަން އާދަ ކުރުވީމެވެ. ފޮތަކީ ކުޅޭ އެއްޗެއްސާއި ދާދި އެއްހަމައަކުން އެއް ބަޖެޓެއް ހަމަޖައްސައިގެން ދާދި އެއްވަރަކަށް ސަމާލާކަން ދީގެން އަޅުގަނޑު ގަންނަ އެއްޗެކެވެ. އަޅުގަނޑުގެ ދަރިފުޅަށް ވެސް އެކަން އެނގޭނެއެވެ. ދަރިފުޅު އެންމެ ތުއްތު އިރުވެސް ދަރިފުޅާ އެކު ވަރަށް ގިނައިން އެވާހަކަ ދައްކަމެވެ. މީގެ އިތުރުން ފޮތްކިޔާއިރު ވަރަށް ގިނައިން މަޝްވަރާކުރަމެވެ. އަދި އޭގައި އުޅޭ ތަފާތު ޝަޚްޞިއްޔަތު/ކަރެކްޓަރުންގެ އަޑުން ވާހަކަދައްކައި މަޖާކޮށް ވެސް ހަދަމެވެ. އޭގެ ސަބަބުން ފޮތް ކިޔުމަކީ ދަރިފުޅާ އެކު ހޭދަކުރެވޭ ވަރަށް މަޖާ ވަގުތުތަކަށް ވިއެވެ. ޢުމުރުން ތަންކޮޅެއް ބޮޑުވެ ކިޔުމަށް ފަރިތަވަމުން އައިރު ކިޔާ ފުރިހަމަކުރާ ފޮތްތަކަށް އިނާމު ވެސް ހަމަޖައްސީމެވެ. ޢުމުރުން ގާތްގަނޑަކަށް 5 އަހަރުން ފެށިގެން 'ކިޔާ ސްޓާރ ޗާޓް' ވެސް ހެދީމެވެ. ލައިބްރަރީއަށާއި ތަފާތު ބުކްޝޮޕްތަކަށް ދަނީ ދަރިފުޅު ގޮވައިގެންނެވެ. ރޭގަނޑު ނިދުމުގެ ކުރިން ފޮތް ކިޔުމުގައި ވަގުތު ކޮޅެއް ހޭދަކުރުން، ވަރަށް ޅަ ޢުމުރުއްސުރެ އާދައަކަށް ހެދީމެވެ. މިއީ އަޅުގަނޑު ފަދަ ވަރަށް ގިނަ ބެލެނިވެރިން ކުރައްވާ ކަންކަންމަށް ވުން އެކަށީގެންވެއެވެ. މިނޫނަސް ކޮންމެ ބެލެނިވެރިއަކު ވެސް  ޅަޢުމުރުގައި ދަރިންގެ ކިބައިގައި، ކިޔުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމަށް ކުރާ ކަންތައްތަކެއް ހުންނާނެ ކަން ކަށަވަރެވެ. އަޅުގަނޑުގެ ތަޖުރިބާއިން ލިޔެލެވުނު ކަންކަމާ އަދި އިސްވެ ދެންނެވި ދިހަ ކަމުގެ އިތުރުން ވެސް ކުރެވިދާނެ އެތައް ކަމެއް ހުންނާނެ ކަން ޔަގީނެވެ. މިފަދަ ކަންކަމަކީ އެކަންކަމާ މެދު ދުރާލައި ސަމާލުވެވިއްޖެ ނަމަ ކުދިންގެ އުނގެނުމުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކަންކަމެވެ.

މިއަދު މިލިޔެލީ އަމިއްލަ ތަޖުރިބާގެ އަލީގައި ކިޔުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމާ ގުޅޭ ގޮތުން ލިޔެވިފައިވާ ވާހަކަ ކޮޅެކެވެ. މި ލިޔުމުގައި މާ ގިނަ ފޮތްތަކަކަށް ހަވާލާދެވިފައި ނެތް ނަމަވެސް ބަޔާންކުރެވުނު ތަފާތު ކަންތައްތަކަކީ ތަފާތުލިޔުންތަކުގައި ވަރަށް ބޮޑަށް އިޝާރާތް ކުރެވިފައިވާ ވަރަށް ޢާއްމު ވާހަކަތަކެކެވެ. މިއަދުގެ ލިޔުން ބޮޑަށް އަމާޒު ކުރެވިފައިވާ ފަރާތަކީ ބެލެނިވެރިންކަމުގައިވާތީ، މި ލިޔުމުގައި ބޮޑަށް ސަމާލުކަން ދެވިފައި މިވަނީ އަމިއްލަ މަސައްކަތުގެ ތަޖުރިބާއާއި ބެލެނިވެރިއެއްގެ ތަޖުރިބާއާ ދެބައި އެއްކޮށްލައިގެން ލިޔުންކޮޅު އެކުލަވައިލުމަށެވެ. އުއްމީދަކީ، މި ލިޔުމުގެ ސަބަބުން ބެލެނިވެރިންނަށާއިފަށާތަޢުލީމުގެ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުންނަށް ވެސް ބޭނުންތެރި މަޢުލޫމާތުކޮޅެއް ލިބި، ފޮތްކިޔުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމުގެ މުހިންމުކަމާ މެދު މުޅި މުޖުތަމަޢު ވެސް ހޭލުންތެރިވުމަށް މަގުފަހިވުމެވެ. ފޮތް ކިޔާ މުޖުތަމަޢެއް ބިނާ ކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.