ކޯވިޑްގެ ބަލި މީހަކު އައިސީޔޫއަށް ނުލާތާ ހަތަރު ދުވަސް - އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަށަށް

ކޯވިޑްގެ ބަލިމީހަކު އައިސީޔޫއަށް ނުލާތާ ހަތަރު ދުވަސް ވެފައިވާ ކަމަށާއި އަދި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަށްވަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ. 

މިރޭގެ ޕްރެސް ކޮންފަރެންސްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ އައިސީޔޫއަށް މީހަކު ލާން ނުޖެހޭތާ ހަތަރު ދުވަސް ވެފައިވުމުން މިހާރު ވެންޓިލޭޓަރުގައިވެސް އެއްވެސް މީހަކު ނެތްކަމަށެވެ. އަދި ޑީއެޗް 11 ގައިވެސް އެއްވެސް ބަލި މީހަކު ނެތްކަމަށެވެ. މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 65 އެވެ. އެއީ ހުޅުމާލޭގައި މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 58 މީހުންނާއި ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ހަ މީހުންނާއި ޑީއެޗް 16 ގައި ފަރުވާ ދެމުންދާ އެންމެ މީހެކެވެ. ރާއްޖޭގައި ކޯވިޑްގެ ބަލި މީހަކު މަރު ނުވާތާވެސް ދެ ހަފްތާ ވެފައިވާކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. 

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން 24 ގަޑީއިރުތެރޭގައި ޓެސްޓްކުރި 1608 ސާމްޕަލްގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވީ 37 މީހުންނެވެ. އެއި 29 ދިވެހިންނާއި އަށް ބިދޭސީންނެވެ. ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 10567 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 9427 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1099 މީހުންނެވެ. އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 432 މީހުންނެވެ. 

މިހާރު އަތޮޅުތަކުގެ 20 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދަކީ 122 އެވެ. އަތޮޅުތަކުގައި އެންމެ ގިނަ ބަޔަކު ބަލި ތަޙައްމަލުކުރަމުންދަނީ އައްޑު އަތޮޅުގައާއި ލ. ކައްދޫގައެވެ. ކައްދޫގައި ބަލިޖެހިފައިތިބީ ޓްރޭނިންނަކަށް ދިޔަ ސިފައިންގެ ތެރެއިން ޕޮސިޓިވް 35 މީހުންނެވެ. މިވަގުތު 20 ރިސޯޓެއްގައި 10 ޓޫރިސްޓަކާއި 16 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.