އައްޑޫ ސިޓީގައި ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 300 އިން މައްޗަށް އަރައިފިއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ(އޭއީއޯސީ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި ހަޔަކާ ހަމައަށް އަލަށް ޕޮޒިޓިވްވީ އެކެކެވެ. މިހާރު އައްޑޫގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 53 އެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 341 އެވެ. 172 އިމާރާތްވެސް އައްޑޫގައި ވަނީ ކަރަންޓީނު ކޮށްފައެވެ.
ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އައްޑޫ ސިޓީގެ މަރަދޫ ނޫން ހުރިހާ ރަށަކުން ކޯވިޑް ކޭސްތައް ވަނީ ފެނިފައެވެ. އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހުޅުމީދޫގައެވެ. އެއީ 25 ކޭހެވެ. ހިތަދޫ ކޭސްތަކުގެ އަދަދަކީ 17 އެވެ. ފޭދޫން ހަތް ކޭސް ފެނިފައި ވާއިރު މަރަދޫ ފޭދޫން 4 ކޭސް ފެނިފައިވެެެއެވެ. އައްޑޫގައި މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.
އައްޑޫ ސިޓީގައި ކޯވިޑް ކޭސްތައް އިތުރުވުމުން ހަފްތާއަކަށް ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. ފުވައްމުލަކު ސިޓީގައި ވެސް އައްޑޫ ސިޓީއާ އެއްވަގުތެއް މާދަމާ ރެއިން ފެށިގެން ކާފިއު ހިންގާނެއެެވެ. އަދިކޯވިޑުން ރައްކާތެރިވުމަށް އައްޑޫގައި އަޅައިފައިވާ ފިޔަވަޅުތައް ފުވައްމުލަކުގައި ވެސް ވަނީ އަޅާފައެވެ. މިހާރު ފުވައްމުލަކުގައި ބަލި ޖެހިފައި ތިބީ 14 މީހުންނަށެވެ.