އައްޑޫގައި ހޮނިހިރު ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވާކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. އިއްޔެގެ އޮޕަރޭޝަންގެ އަދާހަމައެއް ދެއްވަމުން ކޮމިޝަނަރ ވިދާޅުވީ އެ އޮޕަރޭޝަނަކީ ރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގެވި އޮޕަރޭޝަނެއް ކަމުގައެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މިންވަރަކުން ބޭރުގެ އޭޖެންސީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރަށް ފުލުހުންގެ މަގްސަދަކީ މަސްތުވާތަކެތި އެތެރެކުރެވޭ މަގު ބަންދުކުރުން ކަމުގައި ވެސް ވިދާޅުވިއެވެ.
އިއްޔެގެ އޮޕަރޭޝަނުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ކޮމިޝަނަރ ހަމީދު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވިއެވެ. އައްޑޫ އިން އާފަތިހަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލު ގާސިމް (ބޮންޑާ) އާއި އަދި މީގެ ކުރިން މަސްތުވާތަކެތި ހިމެނޭހެން އެކި ކުށްކުށުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސ.ހިތަދޫ ފިނިފަރު ޢަބްދުﷲ އިބްރާހީމް (އަބުޗާ) ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރަށް ފުލުހުން އަތުލައގިަތް މަސްތުވާތަކެއްޗަކީ ތައިލެންޑުގެ ބޯޓަކުން އެތެރެކުރި މަސްތުވާތަކެތި ކަމަށް އާފަތިހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ އައްޑޫގައި ހިންގަމުންދިޔަ ޑްރަގް ނޭޓްވާކެއް ހޯދާފައެވެ. ނަމަވެސް އެ މައްސަލައިގެ ހެކި ހޯދާފައިވާ ގޮތާމެދު ސުވާލު އުފައްދައި އެ ނެޓްވާކްގެ އިސްމީހުންވަނީ މިނިވަން ވެފައެވެ.