އިންޑިއާއިން އައްޑޫގައި އަޅައިދޭ ފުލުހުންގެ ތަމްރީން މަރުކަޒު އަންނަ އަހަރު ކުރީކޮޅު ހުޅުވޭނެކަމުގެ އިޝާރާތެއް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން ސީޕީ ޙަމީދު ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހަށް އެ މަރުކަޒު ނިންމާ ހުޅުވުމަށް މަސައްކަތް ކުރެވުނުކަމަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުމުން ދިމާވި ދަތިތަކާހުރެ އެކަން އެގޮތަށް ނުދިޔައީކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރައްވަމުންގެންދަވަނީ މަސައްކަތް ނިންމައި އަންނަ އަހަރު ކުރީކޮޅު އެތަން ހުޅުވުމަށްކަމަށް ވިދާޅުވިއެވެ. އެތަން ހުޅިވިގެންދާނީ ނެޝަނަލް ކޮލެޖް ފޯރ ޕޮލިސިންގ އެންޑް ލޯ އެންފޯސް މަންޓް ސްޓަޑީޒްގެ ނަމުގައި ކަންވެސް ސީޕީ ފާހަގަ ކުރެއްވިއެވެ. މި މަރުކަޒު ނުވަތަ ކޮލެޖް ހުޅުވިގެން ތަމްރީނުތައް ދޭން ފެށުމުން ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނުތައް ދެވި އެމުއައްސަސާއަށް އެންމެ ބޭނުންވާނެ ފުލުހުން އުފެދިގެންދާނެކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއިން ދެވޭ ޚިދުމަތްވެސް އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
"އެއީ ދިވެހި ފުލުހުންގެ ޝަރަފަކަށްވާނީއެއީ ދިވެހި ފުލުހުންގެ ޕޮރޮފެޝަން ދިވެހި ރާއްޖޭގައި އިތުރަށް ފުރިހަމަވެ ފައްކާވެ، އަޅުގަނޑުމެން އެންމެ ފަޚުރުވެރިވާނެފަދަ ބިނާއަކަށް އެތަން ވެގެން ގޮސް އެބިނާގެ ހިޔާގެ ދަށުގައި ފުލުހުން ތަމްރީނުވެ އެފުލުހުން ރައްޔިތުންގެ ތެރެއަށް ނުކުމެ މަސައްކަތްކުރަން ފެށުމާއެކީގައި ވެސް އިތުރު ބަދަލުތައް ފެނިގެންދާނެ. އެކަންކަން ފުރހަމަ ވެގެން އައިމާ މިހާރު އަޅުގަނޑުމެން އެންމެ އެދޭ ވަށްތަރުގެ، އެންމެ ޒަމާނީ ތަމްރީނުތައް ދެވިފައިވާ، ރަނގަޅަށް އުގެނިފައިވާ ފުލުހުން މިހާރު ތިބި ފުލުހުންނާ އެކީގައި އަދި އިތުރަށް މި ޕްރޮފެޝަނަށް ވަންނަ ފުލުހުނާއެކީގައި މަސައްކަތް ކުރެވި މިއެދޭ ކަންކަން ޙާޞިލްވެގެން ދާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ " ސީޕީ ޙަމީދު ވިދާޅުވިއެވެ.
އައްޑޫ ގައި ބިނާ ކުރަމުންދާ ފުލުހުންގެ ތަމްރީން މަރުކަޒަކީ އިންޑީއާ ސަރުކާރުން ގާތްގަޑަކަށް 40 މިލިއަން ޑޮލަރުގެ ޚަރަދު ކޮށްގެން ހަދަމުންދާ ތަނެއްކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ. މިމަރުކަޒަކީ މިސަރުކާރުން ފަށައިފައިވާ މަސައްކަތެއް ނޫންކަމަށާއި 2012 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މަޝްރޫއެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ވިދާޅުވެއްޖެއެވެ.
ދ. ވާނީ ޕޮލިސް އެކަޑަމީގެ ދެވަނަ ފިޔަވަހި ނިމުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އައްޑޫގެ ފުލުހުންގެ އެމަރުކަޒުގެ މަސައްކަތްކުރުމަށް، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލްކަމަށެވެ. މިމަޝްރޫޢު ހިނގަން ފުރަތަމަ ކަނޑައެޅުނީ ޅ. ދިއްފުށި މާދޫކަން ފާހަގަ ކުރައްވައި އޭގެ ފަހުން 2014 ވަނަ އަހަރު ލ. އަތޮޅަށް ބަދަލު ކުރުމަށްފަހު އެނެއްކާ ފަހުން އައްޑުއަތޮޅަށް. އެމަޝްރޫޢު ބަދަލު ކުރެއްވިކަމަށެވެ. އެގޮތަށް ނިންމެވި އިރު ހޯމް މިނިސްޓަރަކަށްހުންނެވީ ޢުމަރު ނަސީރުކަމަށެވެ. މިނިސްޓަރ ޝާހިދު މިކަންކަން ފާހަގަކޮށް ވާހަކަ ދައްކައިފައި މިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ޤައިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާއި އާއްމު ރަށްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިޙްތިޖާޖު ކުރަމުން، ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުން ދަނިކޮށެވެ.