އަންނަ ހޯމަދުވަހު ފަށާ މަތީ ސާނަވީ އިމްތީހާނުގެ ސުވާލުކަރުދާސްތަކާއި އެހެނިހެން ލިޔެކިޔުންތައް، އިމްތިހާނު މަރުކަޒުތަކަށް މިއަދު ފޮނުވައި ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މިނިސްޓަރ އަޙްމަދް އިޙްސާން ވިދާޅުވީ މިހާރުވެސް އިމްތިހާނުގެ ސުވާލު ކަރުދާސްތަކުގެ ބޮޑުބައެއް އަތޮޅުތަކުގެ މަރުކަޒުތަކަށް އިއްޔެގެ ނިޔަލަށް ވެސް ފޮނުވިފައިވާކަމަށެވެ. އަދި އިމްތިހާނު އޮފިޝަލުންވެސް ތަމްރީނުކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.
ޚާއްޞަ އެސްއޯޕީތަކަށް ކަމާބެހޭ ފަރާތްތައް ހޭލުންތެރިކޮށްފައިވާކަންވެސް ޑެޕިއުޓީ މިނިސްޓަރ އިޙްސާން ފާހަގަ ކުރެއްވިއެވެ. ސްލޫތަކާއި އިމްތިހާނު މަރުކަޒުތަކުގެ ފަރާތުންދރިވަރުންނާއި ބެލެނިވެރިންނަށް ވެސް އެމަޢުލޫމާތުތައް ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ޕޮޒިޓިވްވާ ދަރިވަރުންނާއި ކަރަންޓީންވާ ދަރިވަރުންނަށް ވަކިން އިމްތިޙާނު ހެދޭނެ އިންތިޒާމު އިމްތިޙާނު ކުރިއަށްދާ ހުރިހާ ރަށެއްގައި ހަމަޖައްސަވައި ނިމިފައިވާކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރ އިޙްސާން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދަރިވަރަކު ޕޮޒިޓިވްވެއްޖެނަމަ ނުވަތަ ކަރަންޓީންވާން ޖެހިއްޖެނަމަ ވިހާވެސް އަވަހަކަށް އެދަރިވަރު އިމްތިޙާނު ހަދާ މަރުކަޒަކަށް ނުވަތަ އެޗްޕީއޭއަށް އެކަން އެންގެވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މާލޭގެ ހަތަރު މަރުކަޒަކާއި އަތޮޅުތެރޭގެ 33 ރަށެއްގައި މި އިމްތިހާނު ކުރިއަށްދާނެއެވެ. އެންމެ ގިނަ ދަރިވަރުން އިމްތިހާނު ހަދާނީ މާލޭގައެވެ. މާލޭގެ މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިމްތިހާނު ހަދާނީ ސީއެޗްއެސީންނެވެ. މީގެ އިތުރުން އަޙްމަދިއްޔާ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ޕަބްލިކް އެގްޒަމިނޭޝަންގެ އިމްތިހާނު މަރުކަޒެއްވެސް މާލޭގައި ހިމެނެއެވެ.
އިޙްސާން ވިދާޅުވީ އިމްތިހާނު ކުރިއަށް ދާއިރު ރައްކާތެރި ގޮތަކީ ދަރިވަރުން މާސްކް އަޅައިގެން ތިބުންކަމަށެވެ. އަދި އިމްތިހާނު ހޯލަށް ދާއިރު ކުޑަ ސެނިޓައިޒަރ ފުޅިއެއް ކޮންމެ ދަރިވަރަކު ވެސް ގެންދެވުމަށް އިލްތިމާސް ކުރެއްވިއެވެ. އެގޮތަށް ގެންދާ ސެނިޓައިޒް ފުޅީގައި ހުންނަން ޖެހޭނީ ދަރިވަރުގެ ކެންޑިޑޭޓް ނަމްބަރުކަހައިފައިކަން ވެސް ފާހަގަ ކުރެއްވިއެވެ.
އިމްތިހާނަށް ވާން ޖެހޭ އެހިހެން ތައްޔާރީތައްވެސް މިހާރު ނިމިފައިވާކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ޑެޕިއުޓީ މިނިސްޓަރ އިޙްސާން އިލްތިމާސް ކުރެއްވިއެވެ. އަދި މުޅި މުޖަތަމަޢުގެ އެއްމެން ވެސް އިމްތިޙާނު ހަދާ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް އިސްކަން ދިނުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.