ސާނަވީ އިންތިޙާން އަންނަ އަހަރުގެ މޭ-ޖޫންގައި

މި އަހަރުގެ އޮކްޓޯބަރ-ނޮވެމްބަރ ގައި ބާއްވަން ކުރިން ތާވަލު ކޮށްފައި އޮތް ސާނަވީ ނިންމާ އިމްތިހާނުތައް 2021 ވަނަ އަހަރުގެ މޭ-ޖޫން ގައި ބާއްވާ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ. އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި  ހާމަކޮށްފައިވާ ގޮތުގައި މި ގޮތަށް އަލްމަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާވެސް މިއަހަރަކު ނޯންނާނެއެވެ. އެ އިމްތިހާނުވެސް އޮންނާނީ 2021 ވަނަ އަހަރުއެވެ. މި ގޮތަށް ހަމަޖެއްސެވުމުން މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން އަންނަ އަހަރު ސާނަވީ އިމްތިޙާން ހަދައި ނިމޭންދެން އެ ދަރިވަރުން ކިޔަވާ އިސްކޫލުގައި ދެމިތިބޭނެއެވެ.

މިގޮތަށް ހަމަޖެއްސުމުގެ ސަބަބުން އިސްކޫލުތަކަށް ދިމާވާ ޖާގައިގެ ދަތިތައް ހައްލު ކުރުމުގެ ގޮތުން މިހާރު ހަމަޖައްސައިފައި ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރު ޖޫން މަހު ފަށާ ގޮތަށެވެ. މިއީ މި ވަގުތަށް ގެންނަ ވަގުތީ ބަދަލަކަށް ވީ ނަމަވެސް މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާ ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލު ހޯދަމުން ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަދަލު ދާއިމީ ބަދަލަކަށް ވެއްޖެ ނަމަ ރާއްޖޭގެ ދިރާސީ އަހަރު ފަށާނީ ޖޫން މަހުއެވެ. އެހެންވީމާ މިހާރު ޑިސެމްބަރު ނުވަތަ ނޮވެމްބަރުގައި ފެށޭ އަހަރީ ޗުއްޓީއަށްވެސް ބަދަލުތަކެއް އަންނާނެއެވެ. މިހާރު ރާއްޖޭގެ ދިރާސީ އަހަރު ފެށެނީ ޖެނުއަރީ މަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.