އަމިއްލަ އަށް ސްޓިކަރ ތައްޔާރުކޮށް ބޭނުންކުރަމުންދާ ތަންތަން އުޞޫލުތަކަށް ފެތުނަސް ފިޔަވަޅު އެޅޭނެ: ޑރ ނަޒްލާ

އިންސްޕެކްޓް ނުކުރަނިސް، ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތްދޭ ތަންތަން ކަމަށް ދެއްކުމަށް، އަމިއްލަ އަށް ސްޓިކަރ ތައްޔާރުކޮށް ބޭނުންކުރަމުންދާ ތަންތަން،އުޞޫލާ އެއްގޮތަށް ޚިދުމަތް ދިނަސް ފިޔަވަޅު އެޅޭނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ޑރ ނަޒްލާ ވިދާޅުވީ އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިޑްލައިންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް މިހާރު ކުރިއަށްދާ އިންސްޕެކްޝަންގައި ބައެއް ތަންތަނުން،ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތްދޭ ތަންތަން ކަމަށް ދެއްކުމަށް، އަމިއްލަ އަށް ސްޓިކަރ ތައްޔާރުކޮށް ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަލަށް މިކަން ފާހަގަ ކުރެވިފައިވާއިރު ދެ ތަނަކުން އެގޮތަށް ޢަމަލު ކޮށްފައިވާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެގޮތަށް ޢަމަލު ކުރަމުންދާ ތަންތަން ގައިޑް ލައިނާ އެއްގޮތަށް ޚިދުމަތް ދެމުން ދިޔަ ނަމަވެސް ފިޔަވަޅު އެޅޭނެކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އެޑީޓެއިލްސްތައް ބަލަހަށްޓަމުން މިދަނީ އެހެންވީމާ ސްޓިކާ ދެވުނު ތަންތަނާއި އިންސްޕެކްޓް ކުރެވުނު ތަންތަނުގެ ޑީޓެއިލްސް އަޅުގަނޑުމެން އަތުގައި ހުންނާނެ. އެހެންވީމާ އެފަދަ ތަންތަން، ހަޤީޤަތުގައި ގައިޑް ލައިނާ އެއްގޮތަށް ހުރިކަމުގައިވިއަސް އަޅުގަނޑުމެންނަށް އެބަޖެހޭ ފިޔަވަޅު އަޅަން. އެއީ އަޅުގަނޑުމެން ދޫނުކުރާ ލިޔުމެއް އެގޮތަށް ބޭނުން ކުރެއްވީތީ." ޑރ ނަޒްލާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އިންސްޕެކްޝަންގައި ފާހަގަ ކުރެވުނު އަނެއް މައްސަލައަކީ އިންސްޕެކްޓްކުރަން ދާއިރު، ގައިޑްލައިނާ އެއްގޮތަށް ކަންކަން ހުރި ނަމަވެސް، އިންސްޕެކްޝަން ނިމި ސްޓިކާ ލިބުމާއެކު ގައިޑްލައިންގެ އުސޫލުތަކަށް ކަންކަން ނުކުކޮށް ދޫކޮށްލުމެވެ.  ގައިޑްލައިންތައް ހަދާފައި ވަނީ ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ވާއިރު، އެ އުސޫލުތައް ދަމަހައްޓަންވީ ހަމައެކަނި އިންސްޕެކްޓް ކުރާ ވަގުތު ނޫންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި އެންމެންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.