ކޮވިޑްގެ – 19 ގެ އަންދާޒާ: އެއްވެސް ފިޔަވަޅެއް ނޭޅިނަމަ އެއްލައްކައެއްހާ މީހުންނަށް ބަލިޖެހިދާނެ  

ކޮވިޑުން ރައްކާތެރިވާން އެއްވެސް ފިޔަވަޅެއް ނާޅައި ތިބިނަމަ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ހަތަރު ބައިބުޅަ އެއްބަޔަކް ބަލި ޖެހޭނެކަމަށް ކަމާބެހޭ ޢިލްމީ ހޯދުމުގެ އަންދާޒާއަކުން ދައްކައިފިއެވެ. އެއީ 98500 މީހުންނެވެ.

ކޮވިޑް 19 ރާއްޖެއަށް އައިސް ފެތުރެމުންދާނެ ގޮތާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން އެފަދަ އަންދާޒާތައް ދެނެގަތުމަ ބާނުން ކުރާ މޮޑެލެއް ބޭނުންކޮށްގެން ރާއްޖޭގެ ކަމާބެހޭ ފަންނީ މާހިރުން ހޯދައިވާ އަންދާޒާތައް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ނޫސްވެރިންނާ ޙިއްސާ ކުރައްވައިފައެވެ.

މިއަންދާޒާތަކުން ދައްކާ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާތިއްބާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގަނެފިނަމަ 10،891 މީހުން ރާއްޖެއިން މަރުވާނެއެވެ. ހަމައެކަނި މާލެ ސަރަހައްދުން ވެސް 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހޭނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެއެވެ.

ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅާ އޮތް ހާލަތުގައި މުޖުތަމައުގެ ތެރޭން މީހަކަށް ބަލިޖެހޭ ދުވަހުން ފެށިގެން 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. 40 ވަނަ ދުވަހު 5000 އަށް ވުރެ ގިނަ މީހުންނަށް އެއްދުވަސް ތެރޭގައި ބަލި ޖެހޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި 47 ދުވަހުގެ ތެރޭގައި ޕީކަށް ނުވަތަ އެންމެ ނުރައްކާ ހާލަތަށް ދާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ކުރެވިއްޖެނަމަ، ބަލި ޖެހޭ މިންވަރު ވަރަށް ބޮޑަށް މަދު ކުރެވޭނެކަމަށް އަންދާޒާތަކުން ދައްކާ ކަމަށެވެ. އެގޮތުން އެންމެ ގޯސްވާ ޙާލަތުގައި ވެސް އެއް ދުވަހެއްގެ ތެރޭ ބަލި ޖެހޭނީ 2،000 އެއްހާ މީހުންނަށް ކަމަށް އަންދާޒާ ކުރެއެވެ. ނަމަވެސް އެއީ ވެސް ކުޑަ އަދަދެއް ނޫންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މިއަންދާޒާތަކުން ދައްކާ ގޮތުން އެންމެ ޕީކަށްދާދުވަހު ނުވަތަ ޙާލަތު އެންމެ ގޯސްވާ ދުވަހު އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެދުވަހު އެކަނިވެސް 1300 މީހުން ހޮސްޕިޓުގައި އެޑްމިޓް ކުރަންޖެހޭނެއެވެ. ނަމަވެސް ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅައިފިނަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު 300 އަށް ދަށްކުރެވޭނެކަމަށް އަންދާޒާ ކުރެއެވެ. މިބަލި ޖެހޭ މީހުންގެ 15 ޕަސެންޓް މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭނެ ކަމަށް އަނަދާޒާ ކުރެވޭކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ފަސް ޕަސެންޓް މީހުން އައިސީޔޫ ގައި ފަރުވާން ދޭންޖެހޭނެކަމަށް ވެސް އަންދާޒާކޮށްފައެވެ. ފިޔަވަޅު ތަކެއް ނާޅާ ތިބެއްޖެނަމަ އެންމެ ޕީކަށް ދާ ދުވަހު ޙާލަތު ގޯސްވާ ދުވަހު 400 އަށް ވުރެ ގިނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނަމަ ޕީކް ދުވަހެއްގައި އެންމެ ގިނަ ވެގެން ވެސް އައިސީޔޫ އަށް ލާންޖެހޭނީ 100 އެއްހާ މީހުން ކަމަށް ވަނި އަންދާޒާކޮށްފައެވެ.

ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތަކުން ބަލި ޖެހޭނެ މިންވަރު ދަށްކުރެވޭނެ އަންދާޒާތައް ވެސް ކަމާ ބެހޭ މާހިރުން ވަނީ ހޯދައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.